ސޮރީ؛ "ގެދޮރުވެރިޔާ" ލޯނުން ރަށަކަށް ނުފުރޭ!

ވެރިރަށް މާލެ ފުރި ތޮއްޖެހިގެން ބަންޑުން ވާން ފަަށައިފި އެވެ؛ އެހެން ވެގެން މާލެއަށް ލުޔެއް ބޭނުންވެ އެވެ. އެކަން ކުރެވެން އޮތް އެއް ގޮތަކީ މާލޭގެ އާބާދީ މަދުކޮށް މާލެއަށް ލުއި ކުރުމެވެ. އެކަން ކުރަން އެކި ޕްލޭންތައް ވެސް ހަދައިފި އެވެ. އެކަމަކު ވީއެއް ކަމެއް ނެތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ވެސް އެފަދަ "މޮޅުކަމެއް" ނަމެއްގައި ކަމެއް ކުރާ ގޮތަށް ފަށަން އެ ވަނީ ތައްޔާރުވެފަ އެވެ. މި ސަރުކާރުން ދޫކުރަނީ ލުއި ލޯނެވެ. "ގެދޮރުވެރިޔާ" ގެ ނަމުގައި ކުޑަ އިންޓްރެސްޓްގައި ދިގު މުއްދަތުން ދައްކާ ލޯނެކެވެ.

ސަރުކާރުން ސިފަ ކުރަނީ އެ ލޯނަކީ ރާއްޖެއަށް އަލަށް ތައާރަފު ކުރާ އެއްޗެއްގެ ގޮތު އެވެ. މިއީ އަމިއްލަ ރަށުގައި ވަޒަންވެރިވާން ދާން ނިކަމެތި ރައްޔިތު މީހާ އަށް ސަރުކާރުން ފަހި ކޮށްދިން ރަނުގެ ފުރުސަތެއްގެ ގޮތުގައި ވެސް ދައްކައި ސިފަ ކުރެ އެވެ.

މިހުރީ ހިސާބަކަށް ބުއްދި ހުރި މީހުން ކޮށްފާނެ ބައެއް ސުވާލުތަކެވެ: މި ލޯނަނީ އެ ފަދަ "މަގުސަދު މާތް" ލޯނެއް ހެއްޔެވެ؟ ހަމަ ރަނގަޅުވެގެން ދޫކުރާ އެއްޗެއް ހެއްޔެވެ؟ މި ލޯނުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ މި ލޯނުން ނުކުންނާނެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ މިއީ ރާއްޖެއަށް އަލަށް ތައާރަފު ކުރާ ޕްރޮޑަކްޓެއް ހެއްޔެވެ؟ އަދި މިއީ "ހައްގު މިންވަރު" ލިބޭނެ ލޯނެއް ހެއްޔެވެ؟ މި ލޯނު ނަގައިގެން ގެ ހަދައި އަމިއްލަ ރަށުގައި ދިރިއުޅެން ދާނީ ކިތައް އާއިލާ ހެއްޔެވެ؟ އެ ގާބިލްކަން ހުރީ ކިތައް މީހުންގެ ހެއްޔެވެ؟

މިއޮތީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވާ ވާހަކަފުޅެވެ:

"މި ލޯނު ސްކީމް ހާއްސަ ވާނީ އަތޮޅުތަކުގެ ރައްޔިތުން އަތޮޅުތަކުގައި ދިރިއުޅޭތަން އާބާދުވެ ކުރިއަރާ ގޮސް މާލެއަށް ހިޖުރަ ކުރުމަށް މި އޮންނަ ޝައުގުވެރިކަން ކުޑަ ކުރުމަށް،"

ކިހާރު ރަނގަޅު ހެއްޔެވެ؟ ސަރުކާރުގެ މަގުސަދަކީ އެއީ އެވެ. ސަރުކާރު މެދުވެރިވެގެން، ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެފްޑީއެފްސީ) މެދުވެރިކޮށްދޭ "ގެދޮރުވެރިޔާ" ލޯނު ދޫކުރަނީ ހަ ޕަސެންޓުގެ އިންޓްރެސްޓުގަ އެވެ. އެންމެ މައްޗަށް މި ލޯނު ލިބޭނީ 700،000ރ. އެވެ. ލޯނު 15 އަހަރުން ފެށިގެން 20 އަހަރާ ހަމައަށް ބަހާލައިގެން ފައިސާ ދެއްކުމުގެ މަގު ފަހި ކޮށްދޭނެ އެވެ. ލޯނު މަހަކު 5،907ރ. އިން ފެށިގެން 5،015ރ. އާ ހަމައަށް ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ލޯނަށް އެޗެއް ރަހުނު ވެސް ކުރާކަން ނުޖެހެ އެވެ.

އެކަމަކު 700،000ރ. އެއް ފަހަރާ ނަގާ ހާލަތްތަކުގައި 20 ޕަސެންޓް އަލުން ލާން ޖެހޭނެ އެވެ. މި ލޯނު ދޭ މަގުސަދުތަކުގެ ތެރެއަށް އަލަށް އިމާރާތް ކުރުމާއި ގެ މަރާމާތު ކުރުން އަދި ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމުން ވެސް ސަރުކާރުން ވައްދަ އެވެ. ސަރުކާރުން ބުނާ ވާހަކައަކީ މި ލޯނު ދެނީ މިހާރު އޮތް ހާލަތުގައި ހާލުގައި ޖެހިފައި ތިބި އެތައް ބަޔަކު ރަށަށް ދާނެ މަގެއް ހޯދައިދޭށެވެ.

ސަރުކާރުގެ ލޯނަކަށް އިންޓްރެސްޓް ބޮޑު!

މި ލޯނުގެ އިންޓްރެސްޓަކީ ކޮމްޕައުންޓް އިންޓްރެސްޓެކެވެ. މިހާތަނަށް ކޮމާޝަލް ބޭންކް ތަކުން ދޫކުރާ ލޯނުތަކުގައި "ކޮމްޕައުންޓް އިންޓްރެސްޓް" ހިސާބު ކުރާ ގޮތް ތިލަކޮށްލާނަމަ މިއީ ނުދައްކާ ހުންނަ އަދަދަށް އިންޓްރެސްޓް އެޑު ވަމުންދާނެ ނިޒާމޭ ވެސް ބުނެވިދާނެ އެވެ. ކޮންމެ ގޮތަކަށް ބެލިއަސް އެކަން ވާނީ އެހެނެވެ. އެގޮތުން ބަލާނަމަ 700،000ރ. ގެ ލޯނެއް 20 އަހަރަށް ބަހައި ހަ ޕަސެންޓު އިންޓެސްޓުގައި ދައްކާނަމަ މަހަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް ދައްކަން ޖެހޭނީ 5،000ރ. އެވެ. -- ދައްކަން ޖެހޭ އަދަދު ކުޑަވުމަކީ ހިތްހަމަ ޖެހުމެކެވެ. އެކަމަކު މީގައި "ފޮރުވާފައިވާ" އެއްޗަކީ އިންޓްރެސްޓެވެ.

މި ލޯނު ދައްކަން ފަށާ ދުވަހުން ފެށިގެން އަހަރު ދުވަހަށް ބަލާނަމަ ލޯނަށް 60،000ރ. ދެއްކޭނެ އެވެ. އަދި ލޯނު ދައްކާ ނިމޭއިރު އިންޓްރެސްޓަށް އެކަނި ގާތްގަނޑަކަށް 500،000ރ. އަރާނެ އެވެ. ލޯނު ނިމޭއިރު އަރާ ޖުމްލަ އަދަދު 1.2 މިލިއަން ރުފިޔާއަށް އަރާނެ އެވެ. އެހެންވެ މިއީ އެ ބުނާހާ "ލުއި" ލޯނެއް ކަމަށް ބުނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

އެކަމަކު މިހާރު ރާއްޖޭގެ ކޮންވެންޝަން ބޭންކް ތަކުން ދޫކުރާ ބޮޑު ހައުސިން ލޯނުތަކުގައި ހުރި 11 ޕަސެންޓާއި 13 ޕަސެންޓުގެ އިންޓެސްޓް ރޭޓުތަކާ އަޅާ ކިޔާނަމަ ލުއި ލޯނެއްގެ ގޮތުގައި ބުނަންވީ އެވެ. އަދި އެ ލޯނުތަކުގެ ކޮންޑިޝަންއާ އަޅާ ކިޔާނަމަ ހަމަ ހިތުގައި އަތް އަަޅާފަައި ނަގަން މި ލޯނު އެންމެ ރަނގަޅެވެ.

މި ލޯނުގައި ދޫކުރަން ސަރުކާރުން މި އަހަރު ކަނޑައަޅާފައި ވަނީ 175 މިލިއަން ރުފިޔާ އެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އަންނަ އަހަރު މި ލޯނުގެ ފަންޑު 500 މިލިއަން ރުފިޔާ އަށް އިތުރު ކުރާނެ އެވެ. މި އަހަރު ފުލްކޮށް ނެގި ނަމަވެސް 200 އެއްހާ މީހުންނަށް މި ލޯނު ދެވޭނެ އެވެ. މިއީ ވަރަށް ބޮޑު އަދަދެކެވެ. އެކަމަކު ތަންދޮރު ފިލާ މީހުންނާއި ތަޖުރިބާކާރުންގެ ނަޒަރުގައި އިޖުތިމާއީ ބޯހިޔާވަހިކަމެއްގެ ހައްލު ހޯދަން މި ހާލަތަށް ދޫކުރާ ލޯނަކަށް ބަލާނަމަ މި ލޯނުގެ އިންޓެސްޓް ބޮޑެވެ.

މާލީ ތަޖުރިބާކާރުންގެ ނަޒަރުގައި ސަރުކާރު ބައިވެރި ވެގެން ގެދޮރުވެރިކަމެއްގެ ހައްލު ހޯދަން އިޖުތިމާއީ ބޯހިޔާވަހިކަމުގެ ލޯނަކަށް ބަލާއިރު ލޯނުގެ އިންޓްރެސްޓް ހަ ޕަސެންޓަކީ ބޮޑު އަދަދެކެވެ.

"މިއީ ޓީ ބިލްގެ އިންޓެސްޓް ރޭޓް. ހަ ޕަސެންޓް ބޮޑު. ކީއްވެގެންތޯ ސަރުކާރުން ދޭ އެއްޗެއް ތިން ޕަސެންޓް ވަރުގަ ނުދެވެންވީ؟ ހަމައެކަނި އެޑްމިނިސްޓްރޭޓިވް ކޮސްޓެއްގައި ދިނުން ކިހިނެއް ވާނެތޯ؟ ހަމަ ޖެހޭތޯ މި ވަރަށް ވިޔަފާރި ކުރަން،" މާލީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ލޯނު ދެއްކުމުގެ ގާބިލްކަން މިހާރު ހުންނާނެ ތަ؟

"ގެދޮރުވެރިޔާ" ލޯނު ލިބުމުގައި އެއް ޝަރުތަކީ ރަށުގައި ދިރިއުޅެމުން ދާތާ ތިން އަހަރު ދުވަސްވެފައިވާ މީހަކަށް ވުމެވެ. މިހާރު އޮތް ހާލަތުގައި ރައްޔިތުންގެ އަތްމަތި ދަތިކޮށް އޮތްއިރު ދިރިއުޅުމުގެ އެހެން ހަރަދުތައް ކޮށްފައި 5،000ރ. ލޯނަށް ދެއްކުމުގެ ކެޕޭސިޓީ ރަށްރަށުގައި އާބާދީގައި ހުންނާނެ ހެއްޔެވެ؟ މި ރޭޓު ކަނޑައެޅީ ކޮން ހާލަތެއްގައި ރާއްޖެ އޮއްވާ ހެއްޔެވެ؟

ހިސާބު ނަމްބަރުން ވާހަކަ ދައްކާނަމަ ބުނެވޭނީ "ގެދޮރުވެރިޔާ" ލޯނުގެ އިންޓްރެސްޓް އަދި ވެސް ކުޑަ ކުރަން ޖެހެ އެވެ. ސްޓެޓިސްޓިކް ޑިޕާޓްމަންޓުން 2019 ގައި ހެދި ގޭބިސީގެ އާމްދަނީއާއި ހަރަދު ކުރުން ހުރި ގޮތުގެ ސާވޭއިން ދައްކާ ގޮތުން މުޅި ރާއްޖޭގެ އާބާދީ އަށް ބަލާއިރު މަހެއްގެ މައްޗަށް ބޮލަކަށް ޖެހޭ އާމްދަނީއަކީ 5،538 ރުފިޔާ އެވެ. ދުވާލަކު ލިބެނީ 182 ރުފިޔާ އެވެ. މާލޭގައި މީހަކަށް 7،427 ރުފިޔާ މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭއިރު އަތޮޅުތަކުގައި ބޮލަކަށް ޖެހޭ އާމްދަނީއަކީ 3،717ރ. އެވެ. އެހެން ގޮތަކަށް ބުނާނަމަ މާލެއާއި އަޅާބަލާއިރު އަތޮޅުތަކުގައި ދިރިއުޅޭ އާބާދީގެ ބޮލަކަށް ޖެހޭ ވަރު 3،717 ރުފިޔާ މަދެވެ.

މި ސާވޭ ދައްކާ ގޮތުގައި އާބާދީގެ މަދު ބަޔަކަށް ލިބޭ އާމްދަނީ ބޮޑުވެފައި އާބާދީގެ ގިނަ ބަޔަކަށް ލިބޭ އާމްދަނީ ދަށެވެ. މިގޮތުން އާބާދީގެ 60 ޕަސެންޓް މީހުންނަކީ ބޮލަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 5،000 ރުފިޔާ އަށްވުރެ ދަށުން ލިބޭ މީހުންނެވެ. އަދި ބޮލަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 20،000 ރުފިޔާ އަށް ވުރެ މަތިން ލިބެނީ ހަމައެކަނި އާބާދީގެ އެންމެ ޕަސެންޓަކަށެވެ. މިއީ 2019 ގައި ކުރި ސާވޭ އެވެ. ކޮވިޑުގެ ހާލަތުގެ ސަބަބުން އިކޮނޮމީގައި ތަޅު އެޅުވިފައިވާ ހާލަތަށް ގޮސް އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ގޮސްފައިވާއިރު މިހާރު މިހާލަތު އޮންނާނީ ބޮޑު ތަނުން ދަށުގަ އެވެ.

ދެން އޮތީ ލޯނު ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި ތިން އަހަރު ދުވަހު ރަށުގައި އުޅެފައި އޮތުމުގެ ލާޒިމްކަން ހިމަނާފައި އޮތުމެވެ. ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތް ވެސް ހިސާބުތަން ދައްކަނީ މި ހާލަތުގައި މި ލޯނު ނެގޭނީ ނިސްބަތުން މަދު ބަޔަކަށް ކަމެވެ. އާބާދީގެ ބޮޑު ބައެއް މިއުޅެނީ މާލޭގަ އެވެ. އެހެންވެ ކުލި ދައްކައި، ކަރަންޓާއި ފެން ބިލާއި ސައިކަލް ލޯނު އަދި އިންސްޓޯލްމަންޓަށް ނަގާފައިވާ ފޯނުގެ ލާރި ދެއްކުމަށް ފަހު 5،000ރ. "ގެދޮރުވެރިޔާ" ލޯނަށް ދެއްކޭނެ ހެއްޔެވެ؟ މިއީ ވަރަށް ބޮޑު ސުވާލެކެވެ.

ހަތް ލައްކައިން ގެ އެޅޭނެ ތަ؟

އެހެން ސުވާލެއް ވެސް އެބައޮތެވެ. ހަތް ލައްކަ ރުފިޔާއިން ރަށެއްގައި މިހާރު ގެއެއް އެޅިދާނެ ހެއްޔެވެ؟ ސަރުކާރުން މި ލޯނުގެ އަދަދު ހަތް ލައްކައަށް ސިލް ކޮށްފައިވަނީ އެޗްޑީއެފްސީން ރަށްރަށަށް ކުރިން ދޫކުރި ލޯނުތަކެއްގެ ހިސާބުގެ މައްޗަށް ބިނާކޮށް ކަމަށްވެ އެވެ. ކުރިން ބައެއް ރަށްރަށުން 500،000ރ. ވަރު ލޯނު ނަގާފައި ހުރުމަކީ މި ހިސާބު ޖެހި އެއް ސަބަބެވެ.

އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި މި ލޯނު ދިނުމުގެ ޝަރުތުތަކުގައި ހިމެނޭ "ގެ އެޅުން" އެއީ މި އަދަދުން ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. އެކަމަކު މަރާމާތުކޮށް އާބާތުރަ ފިލުވަން މިއީ އެންމެ ރަނގަޅު ލޯނެކެވެ.

ރާއްޖޭގައި ފުޅާކޮށް އިމާރާތް ކުރުމުގެ ވިޔަފާރި ކުރާ އޭބީސީ ކޮންސްޓްރަކްޝަންގެ ވެރިޔާ ބިންމާ އަހުމަދު ވަހީދު ވިދާޅުވި ގޮތުގައި ވަރަށް ބޮޑަށް ބަލައިގެން ދެ ކޮޓަރި ހެދޭނީ ވެސް ކިރިޔާ އެވެ. މި ލޯނަކީ ގެ އެޅުމަށްވުރެ ބޮޑަށް މަރާމާތަށް ދިން އެޗެއްގެ ގޮތުގައި ތަޖުރިބާގެ އަލީގައި އަހުމަދު ވިދާޅުވެ އެވެ.

"މިހާރުގެ އަގުތައް ހުރި ގޮތަށް ބަލާއިރު ދެ ކޮޓަރި ވެސް ވަރަށް ދަށް ކޮލިޓީއެއްގައި އެޅޭނީ. އަނެއްކާ ގެ އަޅަން ދުވަސް ވެސް ނަގާނެ،" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު އެހެން ވިދާޅުވަނީ ސަބަބު ތަކެއް އޮވެގެންނެވެ. މިއީ ގާ ނަގައި އުވަ ދަވައިގެން ރާނާ ޒަމާނެއް ނޫނެވެ. ޖަޒީރާ ރާއްޖެއެއްކަމަކު އެކަމެއް މިހާރަކު ނުކުރެ އެވެ. މިހާރު ކޮންސްޓަރަކްޝަނަށް ބޭނުންވާ "އުވަދަރަކީ" އަދި އެހެން ތަކެއްޗަކީ ވެސް މާލޭން ގެންދަން ޖެހޭ އެއްޗިއްސެވެ. ގެންދާ މުދަލަށް އަރާ ޓްރާންސްޕޯޓް ކޮސްޓް ބޮޑެވެ. ރަށްރަށުގައި ވެސް އެންމެ މަދުވެގެން ދުވާލަކު 200ރ. އަށްވުރެ ކުޑަކޮށް ރާނާ މީހަކު ހަނދީފައި އަތް ވެސް ނުލާނެ އެވެ.

ކުރިން ވެސް ކުރިކަމެއް، ނަތީޖާއެއް ނުފެނޭ

މި ލޯނަކީ ރާއްޖެ އަށް "އަލަށް ތައާރަފުކުރި ޕްރޮޑަކްޓެ" އްގެ ގޮތުގައި ސަރުކާރުން ދައްކަން މަސައްކަތް ކުރިއަސް މީގެ ކުރިން ވެސް ސަރުކާރުތަކުން އޮރީ މިގަނޑު ގަނެފަ އެވެ. އެއިން ނުކުތް ނަތީޖާއެއްވެސް ނެތެވެ. ރަށަށް ދިޔަ އެންމެ މީހަކު ވެސް ނެތެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ސަރުކާރުގެ ގެދޮރުވެރިވުން ވައުދު ގެ ދަށުން ދޫކުރީ އިސްލާމިކް ފައިނޭންސިން ފެސިލިޓީ އެކެވެ. އެ ފެސިލީޓީ ދޫކުރީ ބީއެމްއެލްއާއި އިސްލާމިކް ބޭންކުންނެވެ. އެ ފަހަރުގެ ސްކީމް ގެ ދަށުން ގެއެއް ހަދަން އެންމެ ގިނަ ވެގެން ދޫކުރީ 400،000ރ. އެވެ. މި އެ ސްކީމްގެ ދަށުން ނަގާ ފައިސާ އަނބުރާ ދެއްކުމަށް ވެސް ދިނީ 20 އަހަރެވެ. އެ ސްކީމްގެ ދަށުން ދޫކުރާ ޖުމްލަ ފެސިލިޓީގެ 30 ޕަސެންޓް ދިނީ އުމުރުން 18 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. އޭގެ ވެސް ފައިދާއަކީ ގާތްގަނޑަކަށް ހަ ޕަސެންޓެވެ. އަދި އެ ފެސިލިޓީގައި ވެސް ރަހުނެއް ނެތެވެ. އެހެންވެ އެއީ ކޮންވެންޝަން މެތަޑަކަށް ދޫކުރާ އެއްޗަކަށް ވިއަސް މިސަރުކާރުގވެ ގެދޮރުވެރިޔާ ލޯނަކީ "ކޮޕީ" އެއްޗެއްގެ ގޮތުގައި ބުނެވިދާނެ އެވެ.

އިންސާފެއް ނެތް؛ ހޯމް ސްޓޭ ލޯނެއް

އަނެއްކާ މި ލޯނު ހަމައެކަނި ރަށްރަށަށް ދާށޭ ކިޔާފަ ދިނުމަކީ "އިންސާފުގެ ތިލަފަތް" އެއް ފަރާތަށް ބުރަވެފައިވާ ކަމެއްގެ ގޮތުގައި ބުނެވިދާނެ އެވެ. މާލޭގައި ވެސް ނުހެދި އެތައް ކުދިކުދި ތަންތަން އެބަހުއްޓެވެ. އަދި "ހިޔާ ފްލެޓަ" ށް ވަންނަން 7،000 ދިވެހި އާއިލާ ދަނީ ތައްޔާރު ވަމުންނެވެ. އެހެންވެ މިފަދަ ވަގުތެއްގައި މި ލޯނު ހަމައެކަނި ރަށަށްދާށޭ ކިޔާފަ ދިނުމަކީ އިންސާފެއް ނޫނެވެ. ހިޔާ ފްލެޓަށް އާއިލާތައް ވަންނަ ވަގުތަކީ ދަތި ދުވަސް ވަރެކެވެ. މި ތަނަށް ފުރާނައިގެން ނަގާފައި އެވަނީ މި ފްލެޓަށް އެންމެ ޝަރުތު ހަމަވާ މީހުން ކަމަށް ބުނަނީވެސް ސަރުކާރުންނެވެ. އެހެންވީއިރު އެ މީހުން ވެސް މި ސްކީމްގައި ބައިވެރި ކުރަން ޖެހެ އެވެ. އެއީ އެންމެ މަދުވެގެން ވެސް ދެ ލައްކައެއްހާ ރުފިޔާގެ މަސައްކަތް މި ފްލެޓަށް ވަނުމުގެ ކުރިން ކުރަން ޖެހޭތީ އެވެ.

"ގެދޮރުވެރިޔާ" ލޯނުގެ ބޭރުގަނޑަށް ބަލާއިރު ފެންނަނީ އެންމެ މަންޒަރެވެ. މި ލޯނު ގޮސް ހުއްޓެނީ ސަރުކާރުން ތައާރަފު ކުރަން އުޅޭ "ހޯމް ސްޓޭ" ގެ ދޮރުމައްޗަށެވެ. މި ލޯނަކީ ގޭގައި މާމަ ނިދާ ކޮޓަރިއާ އިންވެގެން އޮންނަ ކޮޓަރީގައި އިޓަލީ ދެ ލޯބިވެރިން ނިދޭ ގޮތަށް ފަށާ "ހޯމް ސްޓޭ ޓޫރިޒަމް" އަށް ދޭ ލޯނެކެވެ. މިއީ ރަށަށް ދާން ހިތުން ރުހުމުން ދޭ އެޗެއްގެ ގޮތުގައި ބުނެވޭކަށް އަދި ނެތެވެ. ގެދޮރު ލޯނު ނަގައިގެން ރަށަކަށް ނުދެވޭނެއޭ ބުނާން ޖެހެނީ އެހެންވެގެނެވެ.