ބޯހިޔާވަހިކަން

އަސްލަމް ގަބޫލު ނުކުރިޔަސް އެއްކޮޓަރި މުހިންމު!

ހުޅުމާލެ "ހިޔާ މަޝްރޫއު" ގެ ދަށުން އިމާރާތް ކުރި އެއް ކޮޓަރީގެ އެޕާޓްމަންޓު ތަކަށް ފޯމް ލީ މީހުން މިދިޔަ ހަފުތާއާ ހަމައަށް ތިބީ ވަރަށް ބޮޑު އުންމީދެއްގަ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުން ގަބޫލު ކޮށްގެން ތިބީ އެ މީހުންނަށް ދެން ފްލެޓް ޔަގީންވެއްޖެ ކަމަށެވެ. އެކަމަކު މިދިޔަ ހަފުތާގައި އެ މީހުންގެ އެ ހުވަފެން ރަނގަޅަށް ވެސް ބިލާހަކަށް ވެގެން ނިމި އަނެއްކާ ވެސް ގުޅޭ އާވަހަކަތަކެއް ވަނީ އުފަންވެފަ އެވެ. ކުލަ ޖެހެމުން ދިޔަ އެއް ކޮޓަރީގެ ފްލެޓުގެ ހުވަފެނުން "ހޭލެވުނީ" މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރު ކަމަށްވާ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ބާރު އަޑުފުޅު އިވި ހޭލެވިގެނެވެ. "ރާއްޖޭގެ ހައުސިން ބާޒާރަށް އެއް ކޮޓަރި ބޭނުމެއް ނުވެ އެވެ. ރާއްޖޭގައި އާއިލާއެއް ބިނާ ކުރަން އެއް ކޮޓަރި ފްލެޓަކުން ނުފުދެ އެވެ. އެހެން އެ ވިދާޅުވަނީ ހައުސިން މިނިސްޓަރެވެ. ތަޖުރިބާކާރެކެވެ، އެކަމަކު އެއީ ހަމަ ހަގީގަތަށް ވެސް ތެދެއް ހެއްޔެވެ؟

ރާއްޖޭގައި ބޯހިޔާވަހިކަން / ހައުސިންގެ މައްސަލަ މި އޮތީ ބޮޑު ކްރައިސިސްއެއްގެ ތެރޭގަ އެވެ. މިފަދަ ހާލަތެއްގައި ތިބި ބައެއްގެ ތެރެއަށް އެއް ކޮޓަރީގެ އެޕާޓްމަންޓް ބޭނުންވޭ ހެއްޔެވެ؟ އަދި އެއް ކޮޓަރި ބޭނުންވި ނަމަވެސް އެ ބޭނުން ވަނީ ކީއް ވެގެން ހެއްޔެވެ؟ އެއް ކޮޓަރި ހަދައިގެން އެތަން ދޭނީ ، ވަންނާނީ ކޮން ބަޔަކަށް ހެއްޔެވެ؟ އެއް ކޮޓަރި ދީގެން ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ މިކަމުން އިގްތިސޯދަށް ފައިދާއެއް ލިބޭނެ ހެއްޔެވެ؟ އެއް ކޮޓަރި ދޭންވީ ކޮން މޮޑެލްއަކަށް ހެއްޔެވެ؟

ބޯހިޔާވަހިކަމުގެ މައްސަލައިގެ ތެރެއަށް ފީނަން ފެށުމުގެ ކުރިން ފުރަތަމަ ބަލައިލަން ޖެހެނީ ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތުގެ ތަރުތީބަށެވެ. އެ ތަރުތީބުގެ އުމުރު ފުރާ އަށެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ގޯސްވެ، އެކަން ހައްލުވުމުގައި އާބާދީއަކީ އެންމެ މުހިންމު ދައުރެއް އަދާ ކުރާ ބައެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމެނި 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީއަކީ ބިދޭސީން ހިމަނައިގެން 402،071 އެވެ.

އަދި މިދިޔަ އަހަރު ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯ އިން އާއްމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިހާރު ރާއްޖޭގެ އާބާދީ ވަނީ 557،426 ހުރަސްކޮށްފަ އެވެ. ތަފާތު ހިސާބުތައް ދައްކާ ގޮތުގައި މީގެ ތެރެއިން 227،000 އަށް ވުރެ ގިނަ މީހުން އުޅެނީ މާލޭގަ އެވެ. މިއީ ޕަސެންޓޭޖުން ބަލާނަމަ އާބާދީގެ 40.8 ޕަސެންޓު މީހުނެވެ.

ހިސާބުން ފެންނަ އެއް ކޮޓަރީގެ މުހިންމުކަން

ރާއްޖޭގައި އެންމެ ފަހުން ބޯހިމެނި 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީއަކީ ބިދޭސީން ހިމަނައިގެން 402،071 އެވެ. އަދި މިދިޔަ އަހަރު ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯ އިން އާއްމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިހާރު ރާއްޖޭގެ އާބާދީވަނީ 557،426 ފަހަނަ އަޅާފަ އެވެ. ތަފާތު ހިސާބުތައް ދައްކާ ގޮތުގައި މީގެ ތެރެއިން 227،000 އަށް ވުރެ ގިނަ މީހުން އުޅެނީ މާލޭގަ އެވެ. މިއީ ޕަސެންޓޭޖުން ބަލާނަމަ 40.8 ޕަސެންޓު މީހުންނެވެ.

ރާއްޖޭގެ އާބާދީގައި ޒުވާނުންގެ ގޮތުގައި ބަލާ އުމުރު ފުރާ ކަމަށްވާ 15 އަހަރާއި 35 އަހަރާ ދެމެދުގެ 240،584 މީހުން އެބަތިއްބެވެ. އަދި ޒުވާނުންގެ އުމުރު ފުރާގައި ހިމެނޭ 15 އަހަރާއި 24 އަހަރުގެ 38،414 މީހުންނާއި 18 އަހަރާއި 24 އަހަރާ ދެމެދުގެ 105،042 މީހުން ދިރިއުޅެނީ މާލޭގަ އެވެ. މީގެ ތެރެއިން ބޮޑު ޕަސެންޓަކީ ކޮންމެ ވެސް މަސައްކަތެއްގައި އުޅޭ މީހުންނެވެ. އެކަމަކު މި އާބާދީއަކީ ބޮޑު ބަޔަކީ ބޯ ހިޔާވަހިކަމެއް ނެތް މީހުންނެވެ. ތަފާތު ހިސާބުން ފެންނަ މަންޒަރަކީ އެއެވެ.

މި އެންމެން މިހާރު އުޅެނީ ކިހިނެއް ހެއްޔެވެ؟ ކޮން ތަނަކު ކިހިނެއް ހެއްޔެވެ؟

ހަގީގީ މައްސަލައިގެ ތެރެއަށް ގޮސް ބަލާއިރު އެއް ކޮޓަރީގެ އެޕާޓްމަންޓަށް އޮތް ޑިމާންޑު އިންތިހާ އަށް ބޮޑު ކަމަށް ފެނެ އެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓުތަކުގައި ދިރިއުޅެނީ މިހާރު ހުސްހަށިބައިކޮށް ތިބި ދެ ޖިންސުގެ ޒުވާނުންނެވެ. ނުވަތަ އަލަތު ކައިވެންޏެއް ކޮށްގެން ތިބި މީހުންނެވެ. ގިނައީ އެއް ކުއްޖަކު ހޯދައިގެން ތިބި މީހުނެވެ. މި ސަރުކާރުން "ޖަހައިގަތް" ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުންދާ ފްލެޓްތައް ލިބެން ޖެހޭ ބަޔަކީމި އެވެ.

މިހާރު މި އެންމެން ދިރިއުޅެނީ ކިހިނެއް ހެއްޔެވެ؟

އެއް ކޮޓަރީގެ އެޕާޓްމަންޓުގެ "ބެލެނިވެރިން" މިހާރު ދިރިއުޅެނީ "ޝެއަރިން ބޭސިސް" ގަ އެވެ. މީގެތެރޭގައި ވަޒީފާގެ ގޮތުން ރަނގަޅު އާމްދަނީއެއް ލިބޭ ޒުވާނުން ވެސް ހިމެނެ އެވެ. މީގެތެރާގައި ފިހާރަތަކުގައި މަސައްކަތް ކުރާ ޒުވާނުން އަދި ކެބިން ކްރޫއިން ފަދަ ޒިންމާދާރު ވަޒީފާތައް އަދާ ކުރާ މީހުން ވެސް ހިމެނެ އެވެ.

އެފަދަ ޒުވާން މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި 2،000ރ. އާއި 5،000ރ. އާ ދެމެދު ހޭދަ ކުރެ އެވެ. އެކަމަކު އެ ޒުވާނުން ކުއްޔަށް ކުރާ ހޭދައިން ލިބޭ ކޮޓަރިއަކީ ރީތިކޮށް މިނިވަންކަމާއެކު އުޅެލެވޭނެ އިހުސާސް ނެތް ތަންތަނެވެ. ސަބަބަކީ އެއް ކޮޓަރީގައި ދޭއް ނުވަތަ ތިނެއް ބައެއް ފަހަރު މިއަށްވުރެ ވެސް ގިނަ މީހުން ޝެއާ ކުރަން ޖެހުމެވެ.

"އެއް ކޮޓަރީ" ރާއްޖޭގެ ހައުސިން ކްރައިިސްސްގެ ހައްލުގެ ބަޔަކލަށް ބޭނުން ނުވާ ކަމަށް ދައްކަން އުޅުނަސް ހަގީގަތުގައި ބޯހިޔާވަހި ކަމުގެ ހައްލު އޮތީ އެއްކޮޓަރި ވެސް ދެވިގެންނެވެ. ސްޓެޓިސްޓިކް ޑިމާޕްޓްމަންޓުން ނެރެފައިވާ ރެންޓަލް ސާވޭ ދައްކާ ގޮތުގައި ވެރިރަށް މާލޭގައި ދިއުޅޭ މީހުންގެ 60 ޕަސެންޓް އުޅެނީ ކުލި ދައްކައިގެންނެވެ.

މާލޭގައި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓުތަކުގެ 33 ޕަސެންޓަކީ އެއް ކޮޓަރީގެ ތަންތަނެވެ. އަދި 36 ޕަސެންޓް ދެ ކޮޓަރީގެ ތަންތަން ހިމެނޭއިރު ތިން ކޮޓަރީގެ ތަންތަނުގެ ނިސްބަތަކީ 25 ޕަސެންޓެވެ. އަދި ހަތަރު ބެޑްރޫމްގެ އެޕާޓްމަންޓުގެ ނިސްބަތަކީ ހަ ޕަސެންޓެވެ. އަދި މި ތަންތަނުގެ އަގުތަށް ހުރިގޮތަށް ބަލާއިރު، އެއް ބެޑްރޫމް އެޕާޓްމަންޓެއްގެ އެވްރެޖު ކުއްޔަކީ 8,616ރ. އެވެ. ދެ ބެޑްރޫމް ކުއްޔަށް ދެނީ 14,217ރ. އަށެވެ. އަދި ތިން ބެޑްރޫމް 19,109ރ. އަށް ލިބޭއިރު، ހަތަރު ބެޑްރޫމް އެޕާޓްމަންޓެއްގެ އަގު އުޅެނީ 26,127ރ. އިން މަތީގަ އެވެ.

މި މައުލޫމާތުން އެނގޭ ގޮތުން އެއް ކޮޓަރީގެ ޑިމާންޑު ކުޑައެއް ނޫނެވެ. ނަމަވެސް އާއްމު ބާޒާރުގެ އަގުން ބަލާނަމަ އެއް ކޮޓަރީގެ އެޕާޓްމަންޓެއް އަގު އިންތިހާ އަށް ބޮޑެވެ. "ހިޔާ ފްލެޓު" ގެ ތެރެއަށް ވަދެގެން އަންނަ އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ފަރުމާކޮށްފައި ވަނީ މި ބްރެކެޓުގައި ހިމެނޭ މީހުން އަތް ފޯރާ ފަށުގަ އެވެ. އޭރު މި ފްލެޓުގެ އަގެއް ކަމަށް ކިޔާފައި ވަނީ މަހަކު 3،000ރ. އާއި 4،000ރ. އާ ދެމެދު އަގެކެވެ. މި އަގުގައި ދީފިނަމަ ގިނަ އަދަދެއްގެ ޒުވާނުން ބޯހިޔާވަހިކަމުގެ ބްރެެކެޓަށް ވަންނާނެ އެވެ.

އެއް ކޮޓަރި - ސިންގަޕޫރުން އައި ވާހަކައެއް

އެއް ކޮޓަރީގެ މޮޑެލަކީ ހަގީގަތުގައި ސިންގަޕޫރުގެ ހައުސިން ކްރައިސްއަަށް ހައްލު ހޯދަން ސިންގަޕޫރުގެ ބާނީ، ލީކުއަން ޔޫ ގެންއުޅުއްވި މޮޑެލެކެވެ. އެއް ކޮޓަރިއަކީ ސިންގަޕޫރުން އައި ވާހަކަ އެކެވެ.

ސިންގަޕޫރަށް މިނިވަންކަން ލިބުނިގެން އައިރު 1960 ގައި އެ ގައުމަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ހައުސިން "ޑިޒާސްޓާ" އޮތް ގައުމެވެ. އެ ގައުމުގެ ރައްޔިތުން ދިރިއުޅުން އޮތީ މިހާރު ރާއްޖެއާ އަޅައި ކިޔާ ލެވޭ ހިސާބަކަށްވުރެ ވެސް ގޯސްކޮށެވެ. ގިނަ މީހުން ދިރިއުޅެމުން ދިޔައީ "ސްލަމް" ކޮށެވެ. ސާފު ތާރިހުކަމުގެ މިންގަނޑު ހުރީ އެންމެ ދަށުގަ އެވެ.

އެހެން ނަމަވެސް ނަމަވެސް ލީގެ "ހިކުމަތު އަމަލީން" އުފެއްދި ހައުސިން ޑިވެލޮޕްމަންޓް ބޯޑު (އެޗްޑީބީ) އިން މި މައްސަލަ ހައްލުކުރީ ހިކުމަތްތެރި ކަމާއެކުގަ އެވެ. މި ޕްލޭންގެ ތެރޭގައި އެއް ކޮޓަރީގެ ގިނަ އެޕާޓްމަންޓުތަކެއް ވެސް ހިމެނެ އެވެ. މި ބަދަލު ވެގެން ދިޔައީ ސިންގަޕޫރުގެ ގިނަ ޒުވާނުނަށް ހަށިފޮޅާލާ ތެދުވަން ލިބުނު ފުރުސަތަކަށެވެ. އަމިއްލަ މަސައްކަތުން ލިބޭ މުސާރައިން ކުލި ދައްކާ މޮޑަލްއަކަށް ދިން މި "ގެތައް" ވީ މިއަދުވެސް ދުނިޔެ ބަލައިގަންނަ "ސަކްސަސް ސްޓޯރީ" އަކަަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ޔޫތު ސިޓީ" ގެ ނަމުގައި ހުޅުމާލެ ޑިވެލޮޕްކޮށް ގެންގުޅުއްވީ ގާތްގަނޑަކަށް މި މޮޑެލެވެ. އެކަމަކު ހަގީގީ މޮޑެލަށް ދާ ގޮތް އޮތީ ނުވެފަ އެވެ. ސަބަބަކީ "ހިޔާ މަޝްރޫއު" ފްލެޓުތައް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށުން ގެންގޮސް ހައުސިން މިނިސްޓްރީން ޕްލޭންކޮށް މަސައްކަތް ކުރުމެވެ. އޭރު އެޗްޑީސީގެ ވެރިންނަށް ތިބި ބަޔަކާއި ހައުސިން މިނިސްޓްރީއާ ދެމެދު އޮތް ކޯޅުމުގެ ނަތީޖާއަކީ ހަގީގީ މަގުސަދު އޮޅުމެވެ. އޭގެ ނަތީޖާއަކީ ސަރުކާރުގައި އޮތީއްޔާ އޮތް ކުންފުންޏަކަށް އެއް ކޮޓަރީގެ ފްލެޓު އަޅަން ހަވާލު ކުރުމެވެ. އޭރު 20 ކުންފުންޏަކަށް ފްލެޓު އަޅަން ހަވާލު ކުރަން ނިންމި އެވެ.

މި މަސައްކަތުގެ ޕްލޭނިން ސްޓޭޖުގައި އުޅުއްވި ބޭފުޅަކު ނަން ނުޖެހުމަށް އެދި ވަޑައިގެން ވިދާޅުވި ގޮތުގައި ހަގީގީ ޕްލޭނަކީ މަސައްކަތް ކުރެވޭ ގާބިލްކަން ހުރި ސަރުކާރު ކުންފުނިތަކަށް ފްލެޓުތައް އަޅަން ދިނުމެވެ.

"ޔުނިވާސިޓީ އިން ފެށިގެން އޮތީއްޔާ އޮތް ކުންފުންޏަކަށް ފްލެޓު އަޅަން ދިނުމަކީ އޭރު ހެދި ގޯހެއް. ހަގީގަތުގައި މިހާރު ހުޅުމާލޭގައި ފެންނަން އެހުރި ފްލެޓު ތަކަކީ ފްލެޓު އެޅޭނެ ކުންފުނިތައް. ހަގީގީ މޮޑެލްއަކީ ވަކި ހާއްސަ ކުންފުނިތަކަށް ދިނުން،" އޭނާ ވިދާޅުވި އެވެ.

އެއް ކޮޓަރި މި ސަރުކާރުން ބޭނުން ނުވީ

އެއް ކޮޓަރީގެ ފްލޭން "ސަކްސަސް" ނުވި ނަމަވެސް ގިނަ ބަޔަކަށް ފްލެޓު ހުރީ ނިމިފަ އެވެ. ނަމަވެސް ވެރިކަން ބަދަލުވެ، މިނިސްޓަރު އަސްލަމް ފުރަތަމަ ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓެއް ނެތެވެ. ނަމަވެސް ހަގީގަތަކީ އޭރު ވެސް މަސައްކަތް ކުރަމުން ދިޔަ އެވެ. މި މޮޑެލްގައި އޭރު ޕްލޭންކޮށްފައި އޮތީ އަޅާ ފްލެޓުތަކުގެ ފުރަތަމަ ހަތަރު ފްލޯ އެއްކޮށް "ހިޔާ މަޝްރޫ އަށް" ދޭށެވެ. ނުވަތަ ވިއްކުމެވެ. ސަރުކާރުން ދީފައިވާ ގެރެންޓީއަކީ އެއީ އެވެ. ނަމަވެސް މި ސަރުކާރުގެ ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވަމުން ގެންދެވީ ގެރެންޓީ ދީފައެއް ތެވެ.

އެއް ކޮޓަރީގެ ފްލެޓްގެ ބިޒްނަސް މޮޑެލަކީ ކުންފުނިތަކުން އަޅާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމެންޓްތަކުގެ 50 ޕަސެންޓް ސަރުކާރަށް ވަކި ރޭޓެއްގައި ވިއްކުމެވެ. މި ޕްލޭންގެ ދަށުން ސަރުކާރުން 500 އެއްހާ މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެނގިފައިވެ އެވެ. ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ އާއި އެމްޕީއެލް އަދި އެމްއޭސީއެލް އާއި އެމްޓީސީސީ ޓަވަރުގެ 50 ޕަސެންޓާއި 70 ޕަސެންޓު ވަނީ މިހާރު ނިމިފަ އެވެ. ނަމަވެސް ސަރުކާރުން މި މޮޑެލްގައި ފްލެޓު ގަންނަން ބޭނުން ނުވުމުން ކުންފުނިތަކުން ފްލެޓް ވިއްކައި މުވައްޒަފުންނަށް ދިނީ އެވެ. ހަގީގަތުގައި އެއް ކޮޓަރީގެ ފްލެޓުގެ ވާހަކަ ނިމުނު ހިސާބަކީ މި އެވެ.

އެއް ކޮޓަރި - އިކޮނޮމީއަށް މުހިންމު

ރާއްޖޭގެ ޒުވާން އާބާދީ ހަމަފައިމައްޗަށް ތެދުވަން އެއް ކޮޓަރީގެ އެޕާޓްމަންޓް މުހިންމު ދައުރެއް އަދާ ކުރެވިދާނެ އެވެ. މިހާރު އުޅޭ ގޮތަށް ޒުވާނުން އެއް ކޮޓަރީގައި އުޅުމުގެ ބަދަލުގައި އެޕާޓްމަންޓެއްގައި މިނިވަންކަމާއެކު އުޅެވޭނެ މޮޑެލްއެއް ބޭނުންވެ އެވެ. ސްކޫލް ނިންމާތަނުން ފްލެޓު ނުވަތަ މިލްކުވާނެ ބޯހިޔާވަހިކަމުގެ ސްކީމް އަކަށް ވަންނާނެ ގޮތެއް ހެދިދާނެ އެވެ. އެގޮތަށް ހަމަޖައްސިއްޖެނަމަ މަތީ ސާނަވީ ނުވަތަ މަތީ ތައުލީމް ނިންމައިގެން އަންނަން ވާއިރަށް ބޯހިޔާވަހިކަން އޮންނާނީ ޔަގީން ވެފަ އެވެ.

މާހިރުންގެ ނަޒަރުގައި މިގޮތަށް ފްލެޓު ދޭނަމަ އިޖުތިމާއީ ބޯހިޔާވަހިކަމަށް މިހާރު ގެންގުޅޭ ވިސްނުން ބަދަލު ކުރަން ޖެހެ އެވެ.

ރިއަލް އެސްޓޭޓް ގިނަ ގާނޫނުތަކެއް ފަރުމާ ކުރެވުމާއި ގާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވި ހައުސިން މިނިސްޓްރީގެ ނައިބުކަން ވެސް ކުރެއްވި އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި ސަރުކާރުތަކުގެ ވިސްނުން ބަދަލުކޮށް އެއް ކޮޓަރި މިލްކުވާ މޮޑެލްއެއް ގެންނަން ޖެހެ އެވެ.

"ޒުވާނުން ފްރީކޮށް މަސައްކަތް ކޮށްލެވޭނެ ވަކިން އަމިއްލަ ތަނެއްގައި އުޅެން ލިބިއްޖެނަމަ. ހަމަޖެހިލައިގެން އުޅެން ފަށައިފިނަމަ ކްރިއޭޓިވިޓީ އިތުރުވާކަން ދިރާސާތަކުން ދައްކާ. އެހެންވީމަ މި ބަދަލު ގެންނަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ހައުސިން ބާޒާރަށް އެއްކޮޓަރި ބޭނުންވެ އެވެ. އެއްކޮޓަރި މުހިންމެވެ. ނަމަވެސް މޮޑެލް ބަދަލު ކުރަން ޖެހެ އެވެ. މި އެއްކޮޓަރި އަށް ވަންނަ ޒުވާނާ އާއިލާއެއް ފަށަން ވުމުން އެތަން ވިއްކާލައި ނޫނީ ކުއްޔަށް ދެވެން ޖެހެ އެވެ. އެގޮތަށް ހަދައިފިނަމަ މި އެއްކޮޓަރީގެ ބޭނުންތެރިކަން ފެންނާނެ އެވެ.