ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ނުހެދުނީ އެ ފްލެޓްތައް ގަންނާނެކަމުގެ ގެރެންޓީ ކުރީ ސަރުކާރުން ދީފައި ނުވާތީ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
2018 ވަނަ އަހަރު ހިޔާ މަޝްރޫއަށް އިއުލާން ކުރިއިރު އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް ދޭއް ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުގައެވެ. ނަމަވެސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު ހުޅުމާލެ ފޭސް ދޭއް ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާ އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓް ކަމަށެވެ.
އެހެން ކަމުން އެ ފްލެޓްތައް ހާއްސަކުރި ތިން ކެޓަގަރީ ކަމަށްވާ H11 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ) އާއި H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ) އާއި H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ] ކެޓަގަރީ އުވާލާ ހުށައެޅި ފޯމްތައް ވަނީ ބާތިލުކޮށްފައެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓްތައް ހެދުމަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާ ދެމެދު ވި އެއްބަަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކުރާ ކަމަށެވެ. އެހެންކަމުން އެ ފްލެޓްތަކުގެ މަސައްކަތް ކުރަމުން ގެންދަނީ އެންމެ ތިން ކުންފުނިން ކަަމަށް އަސްލަމް ވިދާޅުވި އެވެ.
އެސްބަސްވުމުގައި ހިމެނޭ މާއްދާތަކާއި ހަވާލާދީ އަސްލަމް ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓްތަކުގެ 50 ޕަސެންޓް ސަރުކާރަށް 38،000 ޑޮލަރުގެ ރޭޓުން ވިއްކަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
"އެހެން ނަމަވެސް އެ ކްލޯސް އިފެކްޓިވް ވާނެކަމަށް 4.2 ގައި މިބުނަނީ ސަރުކާރުން އެ ފްލެޓްތައް ގަންނަން ގެރެންޓީއެއް ސަރުކާރުން ދިނީމައޭ. އެހެންވީމާ ޕާޗޭސް ގެެރެންޓީއެއް ސަރުކާރުން ދިނީމައޭ މި ދެންނެވި ކްލޯޒް އިފެކްޓިވްވާނީ. އެއް އަހަރު ހަމަ ޔަގީނުންވެސް ސަރުކާރުން ވެރިކަމުގައި ތިއްބެވިއިރުވެސް އެކަމެއް ކޮށްފަކަައެއް ނެތް. ދެން ކުންފުނިތަކުގެ ތެރެއިން މަދު ކުންފުންޏެއް ހަވާލުކުރެވުނު މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ. ބައެއް ކުންފުނިތަކުން އެއްގޮތަަކަށްވެސް މަސައްކަތެއް ނުވެސް ފަށާ" އަސްލަމް ވިދާޅުވި އެވެ.
ޕާޗޭސް ގެރެންޓީ ނެތުމުން އެއް ކޮޓަރީގެ ފްލެޓްތައް ކުރިއަށް ގެންދަނީ އެއާޕޯޓް ކުންފުންޏާއި އެމްޕީއެލް އަދި އެމްޑަބްލިއުއެސްސީ އިން ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ ކުންފުނިތަކުންވެސް އެއް ކޮޓަރީގެ ފްލެޓްތައް ބައެއް މުވައްޒަފުންނަށް ދީފައި އޮތުމުން މިވަގުތު ސަރުކާރަށް ގަނެވެން އޮތީ އެންމެ 36 ފްލެޓް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ 36 ފްލެޓްތައް ގަނެ އޭގެ ތެރެއިން 34 ފްލެޓް ދޭން ނިންމާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަކުރި ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަކުރި ގެޓަގަރީގެ މީހުންނަށެވެ.