ފްލެޓް މައްސަލަ

ފްލެޓް ނުލިބުނު މީހުންނަށް އިތުރު އުއްމީދެއް

ހިޔާ މަޝްރޫއުގެ ދަށުން މިފަހަރު ފްލެޓް ލިބޭ މީހުން އިއުލާންކުރިއިރު ފްލެޓް ނުލިބުނު ދަތި ހާލުގައި އުޅޭ މީހުންނަށް އިތުރު އުއްމީދެއް ސަރުކާރުން ދީފި އެވެ.

މިއަދު މަޖިލީހުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވާ މިނިސްޓަރު ވިދާޅުވީ 7000 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ނުލިބުނަސް އެންމެން ބާކީ ނުވާނެ ކަމަށެވެ.

"ސަރުކާރަށް ވިސްނޭ އެއީ ހައުސިންގެ ނީޑް [ބޭނުންވާ[ އޮތް ބައެއްގެ ގޮތުގައި. އެމީހުން ލައިގެން އެމީހުންނަކީ ތިބިކަމެއް ކަމުގައި ބަލައިގެން ކުރިއަށް ދާ މަޝްރޫތައް ކުރިއަށް ގެންދާނީ. އެހެން ނަމަވެސް ކަށަވަރު ކަމާއެކީ އެއިން ކޮންމެ މީހަކަށް ފްލެޓެއް ދޭނަމޭ މިވަގުތު ނުދެންނެވޭނެ. ދެން އަންނަ ސްކީމެއްގައި އެމީހުންގެ ހާލަަތަށް ބަލާ އެމީހުންނަކީ އެޕްލައިކުރެވިފައި ހުރި ބައެއްގެ ގޮތުގައި ބަލާ އެ ފުރުސަތު ދޭނަމޭ،" އަސްލަމް ވިދާޅުވި އެވެ.

ވަރަށް ހާލުގައި އުޅޭ މީހުންނަށްވެސް މިފަހަރު ފްލެޓް ނުލިބިފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ފްލެޓް ކޮމެޓީން ބުނީ އެފަދަ މީހުންނަށް ފްލެޓް ނުލިބުނީ އެކަށީގެންވާ އަދަދަށް ފްލެޓް ނެތުމުގެ ސަބަބުން ކަަމަށެވެ.

ނިމިގެން ދިޔަ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 7000 ފްލެޓްގެ ތެރެއިން 6720 މީހަކަށް ވަނީ ފްލެޓް ލިބޭނެކަން ޔަގީން ވެފައެވެ. ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފައިވާ އިރު އެންމެ ގިނައިން މިފަހަރު ފްލެޓްތައް ދީފައިވަނީ މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ފޯމު ހުށަހެޅި މީހުންނަށެވެ. އެ ކެޓަގަރީން ފްލެޓް ލިބުނީ 1837 މީހުންނަ ށެވެ.