ހިޔާ މަޝްރޫއު

އެއް ކޮޓަރީގެ ފްލެޓްތަކުގެ މައްސަލަ ބަލާނެ މުއައްސަސާއެއް ނެތް: ލަތީފް

ހިޔާ މަޝްރޫއުގެ ދަށުން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކުގެ މައްސަލަ ބަލާނެ މިނިވަން މުވައްސަސާއެއް ނެތުމުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެއް ކޮޓަރީގެ ފްލެޓްތަކަަށް މި ސަރުކާރުން ކަން ކުރިގޮތުގެ ތަފްސީލް ހާމަ ކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، އަދި ޕީޕީއެމްގެ ނައިބު ރައީސް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ލަތީފު ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓްތަަކަށް ވީގޮތް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަަމަށެވެ.

ނަމަވެސް އެކަމަށް އޮތް ބޮޑު ހުރަހަކީ މިނިވަން މުވައްސަސާއެއް ނެތުން ކަމަށާއި އެމްޑީޕީން ވަނީ އެފަދަ ހުރިހާ މުވައްސަސާތަކެއް ހިސާރުކޮށްފައި ކަމަށެވެ.

"އެހެންކަމުން މިއީ ރައްޔިތުން ކަންބޮޑުވާ، ރައްޔިތުން މާޔޫސްވާ ކަަމަަކަށް ވަނީ ވެފައި،" ލަތީފް ވިދާޅުވި އެވެ.

އެއް ކޮޓަރީގެ ފްލެޓްތައް ނުދޭން ސަރުކާރުން ނިންމީ އެކަށީގެންވާ އަދަަަދަށް ފްލެޓްތައް ނެތް ކަމަށް ބުނެ އެވެ. ކުރިން ނިންމާފައި އޮތީ ކުންފުނިތަކުން އަޅާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާގައި އަޅާ އެއް ކޮޓަރީގެ ފްލެޓްތައް އެޗްޑީީސީއާ ހަވާލު ކޮށްގެން ދޫކުރާށެވެ. އެއް ކޮޓަރީގެ ފްލެޓްތައް ދޭން ނިންމި ކެޓަގަރީގެ ތެރޭގައި އަލަތު ކައިވެނި ކުރާ ފަރާތްތައް ވެސް ހިމެެނެ އެވެ.

ލަތީފް މިއަދު ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓްތައް އަތުލަން ނިންމި ނިންމުމަކީ ޒުވާނުންގެ އެތައް ބަޔަކު ކުރަމުން އައި އުއްމީދުތަކަށް އައި ހިތި ނިމުމެއް ކަމަށެވެ. އެ ޒުވާނުންނުންގެ ދިރިއުޅުން އާރާސްތުކުރަން ބޯހިޔާވަހިކަމުގެ ޕްލޭންތައް ހަދަން އަނެއްކާވެސް އެތައް އަހަރެއް ހޭދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ނާގާބިލް ކަމުން އެތައް ޒުވާނުންގެ ވަޒީފާތަކެއް ގެއްލިއްޖެ. އިތުރަށް ކާންބޯން ކުރާނެ މަސައްކަތެއް ނުދެއްކުނު. އެ ނުދެއްކުނު ތާނގަ ބޯހިޔާވަހި ކަމަށް މިހުރިހާ ދުވަހު ކުރި އިންތިޒާރުގެ ނިމުން މިއައީ ވަރަށް ހިތިކޮށް" ލަތީފް ވިދާޅުވި އެވެ.