ލައިފްސްޓައިލް

ކްލަބްހައުސްގައި ޒަމާނީ ހޮޅުއަށިތަކެއް!

އިހުގެ އެ ޒަމާނަކީ ސައި ހޮޓާ ޒަމާނުގެވެސް ކުރި އެވެ؛ މާ ސިންގާ ކަނޑުން މަސްބާނައި ރަށަށް ލަފައިގެން ނަމާދުކޮށްލައި އަރާމު ކޮށްލައިގެން ދެން ދަނީ ހޮޅުއަށްޓަށެވެ. ހަވީރުގެ ފިނި ވަގުތުގައި ރަށުގެ ހަރު މީހުނާއި ކަމުވޮށިވެގެންވާ މީހުން ސައްލާ ކޮށްލާށެވެ. ރަށުގައި އަތޮޅުގައި މާލޭގައި އޭރަކު ހިނގައިގެން އުޅޭ ކޮންމެވެސް ކަމަކާމެދު އެވެ. އެހެން ނޫނީ ހަމަ އެކަކު އަނެކަކުގެ ހާލު ބަލައިލާށެވެ. ހަޔާތާ ބެހޭ ގޮތުން ރަށުގެ ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުން ވެސް ހޮޅުއަށީގެ ބޭނުން ހިފަ އެވެ. ޒަމާނުއްސުރެ އެއީ އިޖްތިމާއީ ގުޅުމުގެ ބޮޑު ރޯލެއް އަދާ ކުރާ އައްޓެވެ. ދިވެހިންގެ "ކްލަބްހައުސް" އެވެ.

ރާއްޖެއަށް އައި ބަދަލުގެ އޮއިވަރާއި ތަފާތު ތަރައްގީއާ އާއެކު ހޮޅުއަށީގެ ފާޑާއި ގޮތް ވެސް ފުށުން ޖެހިގެން ދިޔައީ އެވެ. އެކަން ކޮންމެވެސް ފާޑަކަށް ހިނގި ނަމަވެސް އެ ގޮތް، ނެތިގެން ދިޔައީ އެވެ. މުޖުތަމައުގައި އެކަކު އަނެކަކާއި އޮތް ގުޅުން ކުޑަވަމުން ފަނޑުވެ ދެރަވަމުން ދިޔައިރު މިހާރު މިޒަމާނަކީ ޖެހިގެން ހުންނަ ގޭގައި އުޅޭ އަވަށްޓެރިންނާ ވެސް މާ ބޮޑު ގުޅުމެއް އޮންނަ ދުވަސްވަރަކަށް ނުވެ އެވެ.

އާ ޓެކްނޮލޮޖީގެ ދަތުރުގައި ދިވެހިންގެ ޒަމާންވީ ބައެއް އާދާކާދާތައް އަލުން މާ މޮޅަށް ގެނެސްދެމުން ވެސް ދެއެވެ. މިޒަމާނުގައި މިހާރު ހޮޅުއަށި ބަދަލުކޮށްލައި ދީފައި ވަނީ ސްމާޓް ފޯނުގައި ބޭނުން ކުރާ އެޕަކަށެވެ. މިހާރު "ކްލަބްހައުސް" އެއީ އެންމެ ޒަމާނީ އެންމެ ހިނގާ ހޮޅުއައްޓެވެ. އެއީ އެއްފަހަރާ އެތައް ބަޔަކަށް އޯޑިއޯ އިން ޗެޓް ކުރެވޭ ގޮތަށް އުފައްދާފައިވާ ހޮޅިއަށި ޕްލެޓްފޯމެކެވެ.

ރާއްޖޭގައި ކްލަބްހައުސް މި ދުވަސްވަރު ވަރަށް ބޮޑަށް ވައިގައި ހިފައިގެން އެބައުޅެ އެވެ. އެއްބަޔަކަށް އެ ޕްލެޓްފޯމަކީ ކޮމިއުނިޓީ އެމްޕަވާ ކުރަން އޮތް ރަނުގެ ފުރުސަތެކެވެ. އަނެއް ބަޔަކަށް އެއީ ތަޖުރިބާ ތަކުގައި އަލީގައި ކަންކަން ދަސް ކުރަން އޮތް ޗާންސެކެވެ. އެހެން ބަޔަކަށް އެއީ ނިދި ނައިސްގެން ވަގުތު ދުއްވާލައި ހުސްތަން ފުރާލަން ރަނގަޅު އެއްޗެކެވެ. އެންމެނަށް ވެސް ހޮޅުއައްޓެކެވެ.

ކޮވިޑް-19 ގެ ތެރެއަށް ރާއްޖެ ވެއްޓިފައި އޮތް މި ހާލާތުގައި މި ތިބެނީ ގޭތެރޭގައި ހައްޔަރެއް ވެފަ އެވެ. މިކަހަލަ ބަންދެއްގައި ތިބޭއިރު ކްލަބްހައުސްގައި އެކި ކޮޓަރިތައް ހަދައި މީހުން ވައްދައިގެން ވަރަށް މުހިއްމު ބަހުސްތައް އެބަހިނގަ އެވެ.

އިގްތިސޯދީ، އިޖްތިމާއީ ބޮޑެތި އެކި މައްސަލަތަކާއި ތިމާވެށީގެ ވާހަކަތަކާއެކު ސީދާ ރައްޔިތުން ޝޫއުރު ކަންކަމާމެދު ފާޅު ކުރަމުން އެއޮއް ދަނީ އެވެ. ވަރަށް ޒަމާނީ ހޮޅުއަށްޓަކަށެވެ. އެންމެ ހަނދާނަށް އަންނަނީ ކުރިން އެންމެ ކައިރީގައި ގެންގުޅުނު ރޭޑިއޯގެ ހަނދާންތަކެވެ. ރޭޑިއޯ އާއިވެސް ތަފާތެވެ. ރޭޑިއޯގައި ވާހަކަ އޮންނާނީ އެއްކޮޅުންނެވެ. މީގައި އެހުންތެރިންއަށް ބަސް ބުނުމުގެ ފުރުސަތު އެބައޮތެވެ. ސުވާލު ކުރުމުގެ ފުރުސަތާއި ކަންތައް ރައްޔިތުންގެ ޝުއޫރާއި އެއްްގޮތް ޑައިލޮގަކަށް ބަދަލު ކޮށްލެވެ އެވެ. ދެބަސްވާ ކަންކަމާއެކު ބަހުސް ކުރާއިރު ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިއްމު ބަހުސްތައް ކުރެވެ އެވެ.

ފާއިތުވީ ދެ ހަފުތާއެއް ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީގެ ވަރަށް ގިނަ ގުރޫޕްތައް ކްލަބްހައުސްގައި ފޯރިއާއެކު ކުރިއަށްދެއެވެ. "ވޮއިސް އޮފް އައްޑޫ ސިޓީ" އަދި "އަފިރިންގެ ވާހަކަ" އައްޑޫސިޓީގެ ރައްޔިތުންނަށް ގުޅޭ ސީރިއަސް ވާހަކަ އާއި ބައެއް ފަހަރު ސަމާސާ ވާހަކަ ގެނެސްދޭއިރު މެެދުކެނޑުމެއްނެތި ގިނަބަޔަކު އަޑުއަހަ އެވެ. އައްޑޫގެ ތާރީހާއި، ހެރިޓޭޖް ސައިޓް ތަަކަކީ ކޮބައިތޯ އާއި އެތަންތަނުގެ ހާލަތްތަކާއި، އައްޑޫގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގެ ވާހަކަތަކުގެ މަޝްވަރާތަކެވެ.

ކްލަބްހައުސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ކޮންމެ މީހެއްގެ ވާހަކަ އާއި އެމީހެއްގެ ރިއަލިޓީ އެވެ. އެމީހެއްގެ އެކްސްޕީރިއަންސް އެ ކިޔައި ދެނީ އެވެ.

ކްލަބްހައުސްގައިވާ އައްޑޫސިޓީގެ އެއް ގުރޫޕް "އަފިރިންގެވާހަކަ" މޮޑަރޭޓަރު ބުނާގޮތުގައި ކޮންމެ ދުވަހަކު ކޮންޓެންޓް ގެންނާނެ ގޮތާއި މެދު ޕްލޭނެއް ހަދައިގެން އެހުންތެރިން އަށް އެންމެ ޝައުގުވެރިވާ ގޮތަކަށް ހުށައަަޅާ ދެވޭތޯ އޭނާ ހިންގާ ގުރޫޕް މަސައްކަތް ކުރެ އެވެ.

އެހެން ހޮޅުއައްޓެއްގައި އިސްވެ އުޅޭ ޒުވާނަކު ބުނިގޮތުގައި ފާއިތުވި ދިޔަ ދެ ހަފުތާގައި އޭނާ އެންމެ ގިނައިން ބޭނުން ކުރީ އެޕަކީ ކްލަބްހައުސް އެވެ. ޓުވިޓާ އަދި ސޯޝަލް މީޑިއާގެ އެހެން އެޕްތައް ކަމުގައިވާ އިންސްޓަގްރާމް ޕްލެޓްފޯމްތައް ބަލާލަން ވެސް ހަނދާންނެއް ނެތެވެ.

އެހެން ޒުވާނަކު ބުނާގޮތުގައި ކޮންމެ ދުވަހަކު ފޯރިއާއެކު ކުރިއަށް ގެންދާ ކްލަބްހައުސްގެ ހޮޅިއަށިތަކުގައި އަޑުއެހަން ކޮންމެ ރެއަކުވެސް ގިނަ ވަގުތު ހޭދަކުރެވެ އެވެ.

ކްލަބްހައުސް މެދުވެރިކޮށް މިފަދަ ގޮތަކަށް އަލުން ހޮޅުއަށި ހެދިގެން މިއައީ މި ކަހަލަ ވަގުތެއްގައި އެއްބަޔަކު އަނެއްބަޔެއްގެ އަޑުއަހާލާއި އެކަކު އަނެކަކާއި އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހި ކުރަން ބޭނުންވެފައިވާ ވަގުތެއްގަ އެވެ. ބައެއް މީހުން ވާހަކަ ދައްކަން ޖެހިލުންވިީ ކަމުގައި ވިޔަސް ރޭޑިއޯ އެއް ގޮތަށް ޝައުގުވެރިކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މި ކްލަބްހައުސްގެ ހޮޅުއަށިތަަކަށް ދަނީ އެހެން ތަފާތު ހިޔާލުތައް އަޑުއަހާލާށެވެ. އިޖްތިމާއީ ގުޅުން ކުޑަ ދެބަސްވުންތަ ގިނަ ވެފައިވާާއިރު ދެބަސްވާން ވެސް އެއްބަސް ކިޔަން ދަސްކުރަން ޖެހިފައިވާ ހާލަތެއްގައެވެ.