ލައިފްސްޓައިލް

އިންޑިއާގައި ގެރިތަކަށް ހާއްސަ ސްމާޓް ޑިވައިސްއެއް

ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި، ސްމާޓް ފޯނެއް، ޓެބްލެޓެއް، ގަޑިއެއް ފަދަ ޑިވައިސްއެއް ނުގެންގުޅޭ މީހަކު ވަރަށް މަދުވާނެ އެވެ. މިއަހަރު އެކަނި 100 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ސްމާޓް ޑިވައިސްތަކަށް މީހުން ހަރަދުކުރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެކަމަކު ޑެއިރީ-ޓެކް އިކުއިޕްމަންޓް އުފައްދާ ޓެކް ކުންފުންޏެއް ކަމުގައިވާ ބެންގަލޫރުގެ ސްޓެލަޕްސް އިން ސްމާޓް ޑިވައިސް އުފެއްދީ މުޅިން އާ މާކެޓަކަށެވެ.

މި ކުންފުނިންގ އިންސާނުންގެ ބަދަލުގައި، ގެރިތަކަށް "މޫއޮން"ގެ ނަމުގައި ސްމާޓް ޑިވައިސްއެއް މިހާރު ވަނީ އުފައްދާފަ އެވެ. "މޫއޮން" ސްމާޓް ޑިވައިސް މެދުވެރިކޮށް ގެރިތަކުގެ ސިއްހީ ހާލަތު ދެނެގަނެވޭނެ އެވެ.

ސްޓެލަޕްސްގެ ސީއީއޯ ރަންޖީތް މުކުންދަން ބުނީ މިއީ ގެރިބަކަރިއަށް ހާއްސަ ފިޓްބިޓް ޒާތުގެ ޑިވައިސްއެއް ކަމަށެވެ. އަދި މި ޑިވައިސް ގެރީގެ ފައިގައި އެޅުވޭނެ އެވެ. މުކުންދަން ބުނީ "މޫއޮން" މެދުވެރިކޮށް ގެރިތައް ހަރަކާތްކުރާ ވަރު ބެލޭނެ ކަމަށެވެ.

"ގެރިއެއް ބަލިވެއްޖެޔާ އޭގެ ހަރަކާތް މަދުވާނެ. ގެރިއެއް އޯވިއުލޭޓްކުރާނަމަ، އޭގެ ހަރަކާތް ގިނަ ވާނެ،" މުކުންދަން ބުންޏެވެ.

ގެރިތަކުގެ ސްޓެޕް ޓްރެކް ކުރުމުގެ އިތުރުން، ފާމާސް އާއި ވެޓުން މި ޑިވައިސްގެ ސްމާޓްފޯން އެޕަށް އަޅާ މައުލޫމާތު އެއްކޮށް ވެކްސިން ޖެހުމާއި ޗެކަޕް އަދި އާޓިފިޝަލް އިންސެމިނޭޝަން ފަދަ ކަންތައްތަކުގެ ރިމައިންޑާ ދެއެވެ. ސިއްހަތު ރަނގަޅު ގެރިން ގިނަ ކިރު އުފައްދާނެ އެވެ. އެހެންކަމުން މުކުންދަން ބުނީ މިފަދަ ޑިވައިސްއެއް ބޭނުންކޮށްގެން ގެރިތަކުގެ ސިއްހަތު ބަލަހައްޓާނަމަ ވިޔަފާރި ކުރިއަރާނެ ކަމަށެވެ.

"މޫއޮން" އަކީ ސްޓެލަޕްސް އިން ދުނިޔޭގެ ޑެއިރީ އިންޑަސްޓްރީ ސްމާޓް ޓެކް ބޭނުންކޮށްގެން މުޅިން ބަދަލުކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ކުންފުންޏަށް ހާސިލްކުރެވުނު އެއް ލަނޑުދަނޑި އެވެ.

2011 ގައި އުފެއްދި ސްޓެލަޕްސްގެ ޓެކްނޮލޮޖީ އިންޑިއާގެ ގާތްގަޑަކަށް 36،000 ވިލެޖުން ތިން މިލިއަނެއްހާ ފާމަރުން ބޭނުންކޮށް، ދުވާލެއްގެ މައްޗަށް 13.5 ލީޓަރުގެ ކިރު ވިއްކަ އެވެ.

އިންޑިއާގައި އާންމުކޮށް ފާމަރުން އެ ސަރަހައްދެއްގެ ކަލެކްޝަން ޕޮއިންޓްތަކަކަށް ކިރު ގެންދިއުމުން، ސްޓެލަޕްސް އިން އަލްޓްރާސޯނިކް އެނަލައިޒާއެއް ބޭނުންކޮށް އެ ކިރުގައި ހުރި ނިއުޓްރިޝަން ހުރިވަރު ދެނެގަނެ، ކިރުގެ އަގު ސްޓޭންޑަޑައިޒްކޮށް، ފާމަރުންނަށް އެމީހުންގެ ގެރިތަކުގެ ސިއްހަތާއި ނިއުޓްރިޝަން ބޭނުންވާ ވަރުގެ މައުލޫމާތު ދެއެވެ. އަދި ޑިޖިޓަލް ސްކޭލެއް މެދުވެރިކޮށް ކިރުމަށްފަހު، "މޫޕޭ" މެދުވެރިކޮށް ކިރުގެ ފައިސާ ފާމަރުންގެ އެކައުންޓްތަކަށް ސީދާ ފޯރުކޮށްދެ އެވެ. ދެން 40-ލީޓަރުގެ ކެނިސްޓަރުތަކުގައި ކިރު، ކޯލްޑް ސްޓޯރޭޖަކަށް ގެންދެއެވެ.

ވޮލިއުމް ސެންސާސްއިން މި ކިރު ވަގަށް ނަގާ އެއްވެސް ގަޑުބަޑެއް ހަދާތޯ ބަލަ އެވެ. ދެން ކިރު ޕްރޮސެސިން ޕްލާންޓަކަށް ގެންގޮސް ޕެސްޗަރައިޒްކޮށް، ކިރުގެ އެއްބައި ޕެކެޓްގެ ގޮތުގައި ޕެކް ކުރާއިރު، އަނެއްބައިން ޔޯގަޓާއި ބަޓަރު އަދި ޗީޒް ފަދަ ތަކެތި ވެސް ހަދަ އެވެ.

ސްޓެލަޕްސް އިން ފާމަރުންނަށް ޓެކްނޮލޮޖީ އަދި އެޑްވައިޒަރީ ސާވިސަސްއަށް ޗާޖެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ސްޓެލަޕްސް އިން ފައިސާ ހޯދަނީ ކިރު ގަންނަ ކޯޕަރޭޓިވްތަކާއި އެނިމަލް ނިއުޓްރިޝަން ކުންފުނިތަކާއި އިންޝުއަރަންސް ކުންފުނި ފަދަ އިތުރު ހިދްމަތްދޭ ކުންފުނިތަކުންވެ.

ކިރު އުފެއްދި ތަނާއި ޕެކެޓާއި އެކި ޑެއިރީ ޕްރޮޑަކްޓްސް އަށް ބަދަލުވެ، އެ ބޭނުންކުރާ ފަރާތްތަކާ ހަމައަށް އައި ރާސްތާ ބެލޭނެ ފަދަ ޕޯޓަލްއެއެ ތަރައްގީކުރާ ކަމަށް ސްޓެލަޕްސްއިން މިހާރު ބުނެ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސްޓެލަޕްސް އިން ޑަޗް އެނިމަލް ނިއުޓްރިޝަން ކުންފުނި ނިއުޓްރިކޯ އާއި ގޭޓްސް ފައުންޑޭޝަން އަދި ބްލޫމް ވެންޗާސް އިން ގުޅިގެން 18 މިލިއަން ޑޮލަރު މިފަދަ އިޖާދުތަކަށް އެއްކުރި އެވެ.

ސްޓެލަޕްސްގެ އިތުރަށް ޕްރޮމްޕްޓް، އިންހޮފް ޓެކްނޮލޮޖީސްގެ ފާމްޓްރީ އަދި ވެޓްވެއާގެ ހަޑްމަން އަކީވެސް ޑެއިރީ އިންޑަސްޓްރީ ޑިޖިޓަލައިޒްކުރަން މަސައްކަތްކުރާ ކުންފުނިތަކެއްގެ ޑިވައިސް އަދި އެޕްތަކެކެވެ.