އީލޮން މަސްކް ޓްވިޓާ ބައްލަވައިގެންފި ނަމަ ޓްވިޓާ މިހާރު އެއޮތް ހާލުގައި ވެސް އޮންނާނެ ކަމާމެދު ޝައްކު ކަމަށް މައިކްރޮސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް ވިދާޅުވެއްޖެ އެވެ.
ބީބީސީ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ގޭޓްސް ވިދާޅުވީ ޖެހުނުހާ ކަމަކަށް އިންވެސްޓް ކުރުމަށް ވުރެ އިންސާނިއްޔަތަށް އިންވެސްޓްކުރުން ބުއްދިވެރި ކަމަށެވެ.
ގޭޓްސް ވިދާޅުވީ އީލޮން މަސްކް އާއި ޖެފް ބެޒޯސް އަދި ރިޗާޑް ބްރޭންސަން ޖައްވަށް ރޮކެޓް ފޮނުވަން ކިތަންމެ ހޭދައެއް ކުރެއްވި ނަމަވެސް އެކަމުގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ޖައްވަށް ވުރެ އިންސާނުންނަށް މުހިންމު ކަންތައްތައް ބިންމަތީގައި އެބަހުރި ކަމަށް އެނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝައުގުވެރިކަން އޮތީ ދުނިޔެއިން ޕޯލިއޯ އާއި މެލޭރިއާ ނައްތާލަން ކަމަށެވެ. އަދި ވިދާޅުވީ ބޮޑެތި ބަލިތައް ނައްތާލަން މަސައްކަތްކުރާ ޖަމާއަތްތަކަށް ހޭދަކުރައްވާނެ ކަމަށެވެ.
އީލޮން މަސްކް އަކީ ޓްވިޓާގައި ގޭޓްސްއަށް މައްލަވަ ކުރައްވާ ބޭފުޅެއް ނޫންތޯ ސުވާލުކުރުމުން ވިދާޅުވީ އެނޫން ގޮތަކަށް އޭނާ އުޅުއްވާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ.
ގޭޓްސް ވިދާޅުވީ އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތް ނަމަވެސް އުޅުއްވާނީ އެހެންނެވެ. ކަރަންޓް ކާރު ކިތަންމެ ވަރަކަށް އުފެއްދި ނަމަވެސް އޭނާގެ އުޅުމަށް ބަދަލު ނާންނާނެ ކަމަށް ގޭޓްސް ވިދާޅުވި އެވެ.
ގޭޓްސްގެ އަމިއްލަ ހަޔާތަ ބެހޭ ގޮތުން ކުރި ސުވާލުތަކަށް ދެއްވި ޚުލާސާ ޖަވާބުގައި އޭނާ ވަނީ ގޯސް ހެއްދެވުނު ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އަދި ކުރީގެ އަނބިކަނބަލުން މެލިންޑާއަށް ތައުރީފް ކުރައްވައި ދެތިން ބަހެއް ވެސް ވިދާޅުވި އެވެ.