އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ޓްވީޓާއިގައި އިންވެސްޓް ކުރުން ގިނަ ބަޔަކަށް ވެގެން ދިޔައީ ވަރަށް އާ ކަމަކަށެވެ. އެއީ އޭނާގެ ވިޔަފާރިއާ ގުޅުމެއް ނެތް ދާއިރާއަކަށް ވާތީ އެވެ.
އީލޮން މަސްކް އަކީ ޓެސްލާގެ ވެރިޔާ އެވެ. ޓެސްލާ އަކީ ކަރަންޓް ކާރާއި ޓްރަކް އުފައްދަން މަޝްހޫރު ކުންފުންޏެކެވެ. ޓެސްލާގެ އުފެއްދުންތައް މުޅި ދުނިޔޭގައި ބޭނުން ކުރެ އެވެ. މިއީ މަސްކަށް ވަރަށް ގިނަ ފައިސާ ހޯދައިދޭ ކުންފުންޏެކެވެ.
ސްޕޭސްއެކްސްގެ ވެރިކަން އޮންނަނީ ވެސް މަސްކަށެވެ. ސްޕޭސްއެކްސް އަކީ ޖައްވަށް ރޮކެޓް ފޮނުވާ ކުންފުންޏެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް މުދާ އުފުލުމާއި ފަޅުވެރިން އުފުލުމަކީ ވެސް ސްޕޭސްއެކްސްއިން ކުރާ މަސައްކަތެކެވެ. އަދި ތަންކޮޅެއް ފަހުން ޖައްވުގައި ހޮޓާ އަޅައި ޖައްވީ ޓޫރިޒަމް ފެށުމަށްޓަކައި ސްޕޭސްއެކްސް ދަނީ ތައްޔާރު ވަމުންނެވެ.
އީލޮން މަސްކްގެ ނަމާ ގުޅިގެން ދެން އަޑުއިވެނީ ސްޓާލިންކްގެ ވާހަކަ އެވެ. މިއީ ސްޕޭސްއެކްސްގެ ދަށުން ހިންގާ ވަކި ކުންފުންޏެކެވެ. ބޭނުމަކީ މުޅި ދުނިޔެއަށް ދުވެލި ބާރު އިންޓަނެޓް ފޯރު ކޮށްދިނުމެވެ.
އީލޮން މަސްކްގެ އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން ދެކެވުނު ވާހަކަތަކުގައި ހުރި ގުޅުން އެ ހުރީ ފެންނާށެވެ. އެހެން ނަމަވެސް ބުނެވުނު އެއްވެސް މަސައްކަތެއްގެ ތެރެއަށް ޓްވީޓާ ފައްތާނެ ގޮތެއް ނެތެވެ.
ޓްވީޓާ އަކީ މައިކްރޮބްލޮގިން / ސޯޝަލް ނެޓްވޯކިން ޚިދުމަތެކެވެ. ޓްވީޓާއަކީ ވަރަށް ގިނަ މީހުން ލޯބިކުރާ އަދި އެހާ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމެކެވެ.
އީލޮން މަސްކްގެ އިންވެސްޓްމަންޓްތަކަށް ބަލާއިރު ކޮންމެ ދިމާއަކުން ވެސް އެ ފެންނަނީ ފައިސާ އޮހޭ ތަނެވެވެ. އޭނާއާ މެދު ބުނެވޭ ގޮތުގައި ފައިދާ ހެދެން ނެތް ދިމާއެއްގައި އޭނާ އިންވެސްޓެއް ނުކުރެ އެވެ.
އެހެން ނަމަވެސް، ޓްވީޓާ މެނޭޖްމަންޓަށް އެކަށީގެންވާ ގޮތުގައި ފައިދާ ނުހެދޭ ވާހަކަ މަޝްރަހުގައި ދެކެވެ އެވެ. ޓްވީޓާއަށް ފައިދާ ހޯދަން ކުރަން ހުރި ކަންތައްތައް ހުސް ވެގެން އުޅޭއިރު، ޓްވީޓާއަށް ފައިދާ ހޯދައިދޭން އީލޮން މަސްކް ވަކި ކުރާނީ ކޮން ކަމެއް ހެއްޔެވެ؟
އީލޮން މަސްކް ޓްވީޓާގައި 2.6 ބިލިއަން ޑޮލަރު ވަނީ އިންވެސްޓްކޮށްފަ އެވެ. އެއީ މުޅި ޓްވީޓާގެ ނުވަ ޕަސެންޓެވެ. އެހެންކަމުން ޓްވީޓާގައި އެންމެ ބޮޑު ހިއްސާ އޮންނަ މީހަކީ އޭނާ އެވެ. ޓްވީޓާގެ ވެރިންގެ ތެރޭގައި ހިމެނެ ޖެކް ޑޯސީއަށް ވުރެ ވެސް މަސްކްގެ ހިއްސާ ބޮޑެވެ.
އީލޮން މަސްކަކީ ވަރަށް ބޮޑަށް ހުޅުވާލައިގެން ކަންތައްތައް ކުރަން ބޭނުންވާ މީހެކެވެ. އޭނާއަށް ތަނެއް، ކަމެއް ބަންދުވެފައި އޮވެގެން ނުވެ އެވެ. ހަމައެފަދައިން ސޯޝަލް ނެޓްވޯކް / ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑު އިޚްތިޔާރެއް އޮންނަން ޖެހޭނެ ކަމަށް ވެސް މަސްކް ގަބޫލުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީލޮން މަސްކް ޓްވީޓާގައި އިންވެސްޓްކުރީ ދެ ބޭނުމަކު އެވެ. އެއީ ޓްވީޓާއަށް ފައިދާ ހޯދައި ދިނުމާއި ޓްވީޓާއިން ބްލޮކް ކޮށްފައި ހުރި ބައެއް މީހުންގެ އެކައުންޓްތައް އަލުން ހުޅުވާލުމެވެ. އީލޮމް މަސްކް ބޭނުންވާ ގޮތަށް ޓްވީޓާ ބަދަލުވެގެން ދާއިރު އެއީ މިހާރު މިފެންނަ ޓްވީޓާއަށް ނުވުން އެކަށީގެންވާ ކަމަށް މަޝްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.