ޓްވިޓާގައި ހިންގާ ސަރުކާރު އަދި ވިޔަފާރި އެކައުންޓްތަކުން އެނގުމެއް ނުވާ ވަރުގެ ކުޑަ ފީއެއް ނަގަން ޖެހިދާނެ ކަމަށް އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އާންމު ބޭނުންތަކަށް ޓްވިޓާގެ ދޮރު ހުޅުވިފައި ހުންނާނީ މުޅިން ހިލޭ ކަމަށެވެ.
"އާންމުން ކިތަންމެ ވަރަކަށް ޓްވިޓާ ބޭނުންކުރި ނަމަވެސް ފީނެގުމެއް ނޯންނާނެ،" އީލޮން މަސްކް ވިދާޅުވި އެވެ.
"އެކަމަކު ސަރުކާރުތަކުން އަދި ވިޔަފާރި ކުންފުނިތަކުން އުފެއްދުންތައް ޕްރޮމޯޓްކުރަން ހިންގާ ޓްވިޓާ އެކައުންޓްތަކުން ކުޑަ ފީއެއް ނަގާ ގޮތަށް ޓްވިޓާގެ ޕޮލިސީ ބަދަލުކުރަން ޖެހިދާނެ" އޭނާ ވިދާޅުވި އެވެ.
އީލޮން މަސްކް ވަނީ މުޅި ޓްވިޓާ ބައްލަވައި ގަތުމަށް ހިއްސާއަކަށް 54.20 ޑޮލަރު ހުށަހަޅުއްވާފަ އެވެ. މި މަގުން މުޅި ޓްވިޓާ 44 ބިލިއަން ޑޮލަރަށް އޭނާއަށް ވިއްކާލަން ޓްވިޓާގެ ބޯޑުން ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި އެ މުއާމަލާތުގައި ސިއްކަ ޖެހުމަށް ވަނީ މަސައްކަތް ފަށާފަ އެވެ.
ޓްވިޓާ އަމިއްލަ ކުރެއްވުމަށް ފަހު ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް މަސްކް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އެޖެންޑާގައި އޮތް ބަދަލަކީ މިހާރު ބްލޮކްކޮށްފައި ހުރި އެކައުންޓްތަށް ހުޅުވައި އެ އެކައުންޓްތަކުގެ ވެރިފަރާތަށް ދޫކޮށްލުމެވެ.
އީލޮން މަސްކް ވިދާޅުވި ގޮތުގައި ޓްވިޓާ އަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރައްވާނެ އެވެ. އެކަން އެގޮތަށް ކުރެއްވުމަށް ޓްވިޓާއަށް ދޭތެރެ ދޭތެރެއިން ކުދި ބަދަލުތައް ގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްކް ވިދާޅުވީ ޓްވިޓާއަށް ގެންނަ ބަދަލުތަކުގެ ސަބަބުން ޓްވިޓާ ދޫކޮށް ދާންޖެހޭ ވަރު ނުކުރައްވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޓްވިޓާއިން ވަކި ޚިދުމަތްތަކަކަށް އަގު ނެގި ނަމަވެސް އެއީ ފިތްކަނޑައިގެން ދާވަރުގެ އަގަކަށް ނުވާނެ އެވެ.
ޓްވިޓާއަށް ގެންނަން މަޝްވަރާ ކުރެވޭ ބަދަލުތަކާ މެދު ޓްވިޓާ ބޭނުންކުރާ މީހުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް މިހާރު ވެސް ވަނީ އުފެދިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓްވިޓާގެ އުސޫލުތައް ކަމުނުދާ ކަމަށް ބުނެ ޓްވިޓާ ދޫކޮށްދާ މީހުން އަދި ފަހުން ޓްވިޓާ ބޭނުންކުރާނެ އެވެ.