ޓްވިޓާ

އީލޮން މަސްކްއަށް ޓްވިޓާ ރަހީނު ނުކުރެވޭނެ

އެމެރިކާގެ މަހުޖަނު އީލޮން މަސްކު މުޅި ޓްވިޓާ ގަންނަ ހުށަހެޅި ނަމަވެސް އެއީ ޓްވިޓާ ރަހީނު ކުރުން ނޫން ކަމަށް ޓްވިޓާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޕަރާގް އަގްރަވާލް ވިދާޅުވެއްޖެ އެވެ.

މުވައްޒަފުންނާ މުހާތަބު ކުރައްވައި އަގްރަވާލް މި މޭރުމުން ވާހަކަފުޅު ދެއްކެވި ސަބަބަކީ ޓްވިޓާ ފައިސާއަށް ވިކި މުވައްޒަފުންނަށް ދެރަ ގޮތެއް ވެދާނެ ކަމަށް މުވައްޒަފުންގެ މެދުގައި ކަންބޮޑުން އުފެދައި އޮތްކަން އެނގިވަޑައި ގެންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓްވިޓާ ރަހީނު ކުރާކަށް އީލޮން މަސްކު ނޫޅުއްވަ އެވެ. މަސްކްގެ ވިންނުން ހުރީ ޓްވިޓާއަށް ފައިދާ ހުރި ގޮތަށްތޯ ނުވަތަ ނޫންތޯ ނިންމާނީ ޓްވިޓާގެ ބޯޑު މެމްބަރުން ކަމަށް ނިންމައިގެން ކަމަށް ވެސް ވެސް އަގްރަވާލް ވިދާޅުވި އެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ނަގުދު ފައިސާއަށް މުޅި ޓްވިޓާ ގަންނަ އޮތީ ހުށަހަޅާފަ އެވެ. އޭނާ ހުށަހެޅީ ހިއްސާކަށް 54.20 ޑޮލަރު އެވެ. އެހެންކަމުން ޖުމުލަ އަގު 40 ބިލިއަން ޑޮލަރަށް ވުރެ އިތުރު ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ޓްވިޓާ ގަންނަން މަސްކް ހުށަހެޅުއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުމަށް އޭނާ ވަނީ ހުށަހެޅިފަ އެވެ. އަދި ވަކި މީހެއްގެ އަމިއްލަ އެއްޗަކަށް ޓްވިޓާ ނުހެދޭނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ޓްވިޓާގެ ހިއްސާދާރުންގެ މެދުގައި މަސްކް މި ވިސްނުމާ މެދު އޮތީ ކަންބޮޑުވުން އުފެދިފަ އެވެ. އެެހެންކަމުން ވަކި މީހަކު ޓްވިޓާ ގަތުން ހުއްޓުވުމަށް ޑައިރެކްޓަރުންގެ ބޯޑުން މިއަދު ވަނީ ގޮތެއް ނިންމާފަ އެވެ.

ޑައިރެކްޓަރުންގެ ބޯޑުން ފާސްކުރި ގަވާއިދު ބުނާ ގޮތުން ޓްވިޓާގެ 100 ޕަސެންޓް އެއްވެސް މީހަކަށް ނުގަނެވޭނެ އެވެ. އަދި 15 ޕަސެންޓަށް ވުރެ އިތުރަށް ގަނެވޭނީ ޑައިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި ފާސް ވެއްޖެ ނަމަ އެވެ.

އެހެން ނަމަވެސް، ޓްވިޓާއަށް ވަަރަށް ފައިދާ ބޮޑު ގޮތެއް ހިއްސާދާރުން ހުށަހަޅައިފި ނަމަ އެގޮތަކަށް މަސްލަހަތު ހަމަޖެހޭނެ އެވެ. އަދި ހިއްސާދާރުންނަށް ފައިދާ ބޮޑު ގޮތެއް މެދުވެރިވެއްޖެ ނަމަ އެގޮތަކަށް ބޯޑުން ރުހުން ދޭނެ އެވެ.