އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ނަގުދު ފައިސާއަށް މުޅި ޓްވިޓާ ގަންނަ އޮތީ ހުށަހަޅާފަ އެވެ. އޭނާ ހުށަހެޅީ ހިއްސާކަށް 54.20 ޑޮލަރު އެވެ. އެހެންކަމުން ޖުމުލަ އަގު 40 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ސައޫދީ ޕްރިންސް ވަލީދު ބިން ތަލާލް، އީލޮން މަސްކްއަށް ރައްދު ދެއްވައި ވިދާޅުވި ގޮތުގައި ޓްވިޓާގެ ހައިބަތަށް ބަލާއިރު މަސްކް ހުށަހަޅުއްވާފައި ވަނީ މާކުޑަ އަގެކެވެ. އަދި ޓްވިޓާގެ ހިއްސާދާރެއްގެ ހައިސިއްޔަތުން އެ އަގު ގަބޫލު ނުކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޕްރިންސް ވަލީދަކީ ޓްވިޓާގައި ނުފޫޒުގަދަ ބޭފުޅެކެވެ. ޓްވިޓާގެ ހިއްސާދާރެއް ގޮތުގައި ވަރަށް ގިނަ ދުވަސްވަންދެން ޕްރިންސް ވަނީ ހޭދަކުރައްވާފަ އެވެ. ޓްވިޓާގައި އޭނާގެ 5.2 ޕަސެންޓް ހިއްސާ އޮވެ އެވެ.
އީލޮން މަސްކް ވަނީ ވަރަށް ކުއްލި ގޮތަކަށް ޓްވިޓާއިން ގިނަ އަދަދަކަށް ހިއްސާ ބައްލަވައިގެންފަ އެވެ. ހިއްސާއަކަށް 49.97 ޑޮލަރުގެ މަގުން ޓްވިޓާގެ 9.2 ޕަސެންޓް މިހާރު ވަނީ މަސްކްގެ މިލްކިއްޔާތަށް ވައްދާފަ އެވެ.
ޓްވިޓާ ގަންނަން މަސްކް ހުށަހެޅުއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަސްކަށް ފޯރާފައިވާއިރު ޕްރިންސް ވަލީދާއި މަސްކްއާ ދެމެދު ވެސް ޓްވިޓާގައި ވަނީ ބަހުސް ހޫނުވެފަ އެވެ. އަދި ވަލީދު އިންކާރު ކުރެއްވުމަށް ބާރުދޭ ހެކިތަކެއް ހުރިތޯ މަސްކް ވަނީ ސުވާލު ކުރައްވާފަ އެވެ.
އީލޮން މަސްކް އަކީ ޓެސްލާ އާއި ސްޕޭސްއެކްސް އަދި ސްޓާލިންކްގެ ވެރިޔާ އެވެ. އަދި ކްރިޕްޓޯ ކަރަންސީ ތަރައްގީ ކުރުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ބޭފުޅެކެވެ.
އީލޮން މަސްކަކީ ހުރިހާ ކަމެއްގައި ވެސް މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޚިޔާލު ފާޅުކުރުން ހިފެހެއްޓިގެން ނުވާނެ އެވެ. ހަމައެފަދައިން ސޯޝަލް ނެޓްވޯކް / ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑު އިޚްތިޔާރެއް އޮންނަން ޖެހޭނެ ކަމަށް ވެސް ގަބޫލުކުރައްވަ އެވެ.
އީލޮން މަސްކް ޓްވީޓާގައި އިންވެސްޓްކުރީ ދެ ބޭނުމަކު އެވެ. އެއީ ޓްވީޓާއަށް ފައިދާ ހޯދައި ދިނުމާއި ޓްވީޓާއިން ބްލޮކް ކޮށްފައި ހުރި ބައެއް މީހުންގެ އެކައުންޓްތައް އަލުން ހުޅުވާލުމެވެ. މަސްކް ބޭނުންވާ ގޮތަށް ޓްވީޓާ ބަދަލުވެގެން ދާއިރު އެއީ މިހާރު މިފެންނަ ޓްވީޓާއަށް ނުވުން އެކަށީގެންވާ ކަމަށް މަޝްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.