އެޕަލް އެޕް ސްޓޯރުން ޓްވިޓާ ބޭރުކުރުމަކީ ވިސްނާފައި އޮތް ކަމެއް ނޫން ކަމަށް އެޕަލްގެ ސީއީއޯ، ޓިމް ކުކް އޭނާ ގާތު ވިދާޅުވި ކަމަށް ޓްވީޓާގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އީލޮން މަސްކް މިހެން ވިދާޅުވީ އެޕަލްގެ ހެޑް ކުއާޓަރުގައި ޓިމް ކުކްއާ ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގަ އެވެ.
މަސްކް ވިދާޅުވީ އެޕަލްގެ ސީއީއޯ އާއެކު އޮތް ބައްދަލުވުމުގެ ސަބަބުން ދެ ކުންފުނީގެ ދެމެދުގައި ހުރި ހިޔާލު ތަފާތުވުންތަކާއި ހީކުރުންތައް މުޅިން ނައްތާލެވުނު ކަމަށެވެ.
އީލޮން މަސްކް ޓްވީޓާ ބައްލަވައިގަތުމާ ދިމާކޮށް ދެކެވެމުންދާ ވާހަކަތަކުގެ ތެރޭގައި އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލްގެ ޕްލޭ ސްޓޯރުން ޓްވީޓާ ބޭރުކުރަން އުޅޭ ވާހަކަ ހިމެނެ އެވެ.
މަސްކްއާ ހަވާލާދީ ފެތުރިފައި ހުރި ޚަބަރުތައް ބުނާ ގޮތުން ޓްވީޓާގައި އެޕަލުން ކުރިން އިސްތިހާރު ކުރި ވަރަށް މިހާރު -- މަސްކް ޓްވިޓާ ބައްލަވައިގަތް ފަހުން، އިސްތިހާރެއް ނުކުރެ އެވެ.
މަސްކް ވިދާޅުވި ގޮތުގައި އެކަމުން ދޭހަވަނީ އޭނާގެ ޒައާމަތުގައި ޓްވިޓާއަށް ގެންނަން މަސައްކަތްކުރައްވާ ބައެއް ބަދަލުތައް އެޕަލްއަށް ކަމުނުދާ ކަމެވެ. އަދި އެއީ އެޕް ސްޓޯރުން ޓްވިޓާ ބޭރުކުރަން އޮތް ހުއްޖަތަކަށް ހަދާފާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހިޔާލު ފާޅުކުރުމުގެ ރޫހު ޓްވިޓާގައި މާބޮޑަށް އަށަގެންނެވުމަކީ ގޫގުލް ހިންގަން ތިބި ބަޔަކަށް ކަމުދާނެ ކަމަކަށް ނުވެދާނެ ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.
އެހެންކަމުން ގޫގުލްއަށް ފާޑުކިޔުން މާބޮޑަށް އަމާޒުވާން ފަށައިފި ނަމަ ގޫގުލްގެ ޕްލޭ ސްޓޯރުން ވެސް ޓްވިޓާ ބޭރުކޮށްލުމަކީ ނުކުރާނެ ކަމެއް ކަމަށް ވިދާޅުނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްކް ވިދާޅުވި ގޮތުގައި މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ -- އެޕްލިކޭޝަން ސްޓޯރުތަކުން ޓްވިޓާ ބޭރުކޮށްފި ނަމަ އެޕަލް އާއި ގޫގުލްއަށް މޮޔަހީވާ ވަރުގެ ސްމާޓްފޯނެއް އޭނާ އުފައްދާނެ އެވެ.
އެޕަލް އާއި ގޫގުލްއަށް ހަމަލާ އަރާ ގޮތަށް މަސްކް ޓްވީޓްކުރައްވައި ވާހަކަދެއްކެވި ނަމަވެސް އެއިން އެއްވެސް ކުންފުންޏަކުން ކަހާތަން ހިރުވައި ވެސް ނުލަ އެވެ.