އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތުމުގެ ކުރިން ބަންދުކޮށްފައި -- ސަސްޕެންޑްކޮށްފައި ހުރި އެކައުންޓްތަކަށް އަފޫއާންމަކުން މާފުދޭން ޖެހޭތޯ، ޓްވިޓާ ބޭނުންކުރާ މީހުންނާ މަސްކް ސުވާލު ކުރައްވައިފި އެވެ.
ޓްވީޓާގައި އާންމު ވޯޓަކަށް ހުޅުވާލާފައި އޮތްއިރު 2,484,280 އަށް ވުރެ ގިނަ ވޯޓް މިހާރު ވެސް ވަނީ ލާފަ އެވެ. ގިނަ މީހުން -- 72 ޕަސެންޓް ބުނެފައި ވަނީ މަސްކުގެ ޚިޔާލު ވަރަށް ރަނގަޅު ކަމަށެވެ.
މަސްކް ވިދާޅުވެފައި ވަނީ ކޮންމެވެސް އެހެން މައްސަލައެއްގައި އެކައުންޓްތައް ބަންދުކޮށްފައި ހުރި ނަމަވެސް، ގާނޫނާ ޚިލާފުވެފައި ނެތް ނަމަ ނުވަތަ ޖެއްސުންކުރުމުގެ އަމަލުތައް ހިންގުމަށް ޝައުގުވެރިކަން ނެތް ނަމަ އެ އެކައުންޓެއް ދޫކޮށްލަންްވީ ހެއްޔެވެ؟
ޓްވިޓާ ހިންގެވުމާ ހަވާލުވެ ވަޑައިގެން މަސްކް ވަނީ ވަރަށް ގިނަ އެކައުންޓް މިނިވަންކުރައްވާފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ވެސް ހިމެނެ އެވެ. އެހެން ނަމަވެސް، ޓްރަމްޕް ވިދާޅުވީ ޓްވިޓާއަށް ދެން އެނބުރި ދިއުމެގެ ވިސްނުންފުޅެއް ނެތް ކަމަށެވެ. އޭނާގެ އަމިއްލަ ޕްލެޓްފޯމް ސޯޝަލްގައި ކުރައްވާ ޕޯސްޓަކުން ހައްޔަރު ނުކުރާނެ ކަމަށެވެ.
ޓްވިޓާ މެނޭޖުމަންޓުން ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ބަންދުކުރީ އެމެރިކާގައި 2020 ގައި އޮތް ރިޔާސީ އިންތިހާބާ ގުޅިގެން ޖެނުއަރީ 6، 2021ގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެެވެ.
ޑޮނަލްޑް ޓްރަމްޕަށް 2020ގެ ރިޔާސީ އިންތިހާބު ގެއްލި ވަޑައިގަތުމާ ގުޅިގެން އޭނާ އާއި އޭނާއަށް ވަފާތެރި ސަޕޯޓަރުންގެ ހިތުގައި -- ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މިހާރުގެ ރައީސް ޖޯ ބައިޑަންއާ މެދު އުފެދުނު ނަފުރަތުގައި، ސަޕޯޓަރުންގެ އެތައް ބަޔަކު ވަނީ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ދައުލަތުގެ މުދަލަށް ގެއްލުންދީފަ އެވެ.
ޓްވިޓާގެ މެނޭޖްމަންޓުން އެއިރު ބުނި ގޮތުން ޓްރަމްޕަށް ވަފާތެރި މީހުންގެ ހިތުގައި އަދި އާންމުގެ ހިތުގައި ސަރުކާރާ މެދު ނަފުރަތު އުފެއްދެވުމަށް ޓްރަމްޕް އެންމެ ގިނައިން ބޭނުންކުރެއްވީ އޭނާގެ ޓްވިޓާ އެކައުންޓެވެ.
އީލޮން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވީޓަ ބައްލަވައިގަނެ ކުރިން އޮތް މެނޭޖްމަންޓް ވަނީ ވުޖޫދުން ފޮހެލައްވާފަ އެވެ. ކުންފުނިން އާބާތުރަ ފިއްލެވުމަށް މަސްކް ފެއްޓެވި ޕްރޮގްރާމްގެ ސަބަބުން މުޅި ޓްވިޓާއަށް ވަނީ ނަގޫރޯޅިއެއް އަރާފަ އެވެ.
މުވައްޒަފުން މަދުކުރެއްވުމަށް ކުރިއާލައި ނޯޓިސް ނުދެއްވައި މުވައްޒަފުން ވަކިކުރެއްވުމާއި އާމުވައްޒަފުން ކުންފުންޏަށް ވެއްދުން ފަދަ ބުރަ މަސައްކަތްތައް މަސްކް ގެންދަވަނީ ކުރައްވަމުންނެވެ.
މަސްކު ވިސްނަވަނީ މުޅި ޓްވީޓާ ވިޔަފާރި މޮޑެލްއަކަށް ބަދަލުކޮށް ފައިދާ ހަދާ ކުންފުންނަކަށް ބަދަލުކޮށްލެއްވުމަށެވެ.