މަޝްރޫރު ވިޔަފާރިވެރިޔާ ބިލިޔަނަރު އީލޮން މަސްކް ރަސްމީކޮށް ޓްވީޓާ ހިންގެވުމާ ހަވާލުވެވަޑައިގެންފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓްވިޓާގެ ވެރިކަމާ މަސްކު ހަވާލުވެ ވަޑައިގަތުމާއެކު ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޕަރަގް އަގަރުވާލް އާއި ޗީފް ފައިނޭޝަލް އޮފިސަރު (ސީއެފްއޯ) ނެޑް ސީގަލް ވަނީ ކުންފުނި ދޫރައްވައި ވަޑައިގެންފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސީއީއޯ އާއި ސީއެފްއޯ އަށް މަގާމުގައި ދެން ނުތިއްބެވޭނެ ކަަމަށް އީލޮން މަސްކު ދެންނެވީ އެވެ.
ޓްވިޓާގެ އެންމެ މުހިއްމު ދެ ވެރިން ކުންފުނި ދޫކުރައްވައި ވަޑައިގަތީ އީލޮންމަސްކް އާއެކު މަސައްކަތް ކުރައްވަން ބޭނުން ނުވާތީ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ބުނެވޭ ގޮތުގައި އެ ދެ ބޭފުޅުން ދެން އަލުން ޓްވިޓާާއާ ގުޅިވަޑައިނުގަންނަވާނެ އެވެ.
އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތުމަށް ފުރަތަމަ ހުށަހެޅުއްވީ މިއަހަރުގެ އޭޕްރީލްގަ އެވެ. އަދި އެއަށްފަހު ޓްވީޓާ ބޭނުންނުވާ ކަމަށް ވިދާޅުވެ ވައުދު އުވާލައްވަން މަސައްކަތް ކުރެއްވި އެވެ.
ޓްވިޓާ ބައްލަވައިގަތުމަށް ހެއްދެވި އެއްބަސްވުން އުވާލައްވަން އީލޮން މަސްކް ދެއްކެވި އުޒުރަކީ ޓްވިޓާގެ މެނޭޖްމަންޓުން އެއްބާރުލުން ނުދެއްވުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓްވިޓާ ބޭނުންކުރާ މީހުންގެ ތަފުސީލަށް އެދުމުން ކުންފުނިން އެކަން ނުކޮށްދިނެވެ. އަދި ޓްވިޓާގައި ރޯލުކުރާ ފޭކް އެކައުންޓްތަކާ ބެހޭ ގޮތުންވެސް ކުންފުނީގެ މެނޭޖްމަންޓުން ހެދީ ދޮގެވެ.
ޓްވިޓާއިން ތުހުމަތުކުރި ގޮތުގައި މަސްކް ހައްދަވަނީ އިތުރުފުޅެވެ. އަދި އޭނާ ގޮވައިގެން ކޯޓާށް ދިއުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމައި އެ މަރުހަލާ ފެށި އެވެ.
މި މައްސަލައިގެ އަޑުއެހުމެއް ކޯޓުގައި ބާއްވާފައި ވަނިކޮށް ހަމަ ކުރިންވެސް ހުށަހެޅުއްވި އަގަށް -- 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތުމަށް މަސްކް ކުރިން ހުށަހެޅުއްވި ހުށަހެޅުއްވުން ދަމަހައްޓަވާނެ ކަމަށް ވިދާޅުވެ ޝަރީއަތް މަޑުޖައްސާލެއްވުމަށް އެދިވަޑައިގެންނެވި އެވެ.
އީލޮން މަސްކް ޓްވީޓާއާ ހަވާލުވެ ވަޑައިގެން ކުންުފުންޏަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ. އެކަން ދޭހަވާ ގޮތަށް އެއްވެސް ބަހުރުވައެއް ބައެއް ފަހަރު ބޭނުން ނުކުރެއްވި ނަމަވެސް އިޝާރާތުންނާއި އަމަލުން ވަނީ ދައްކަވާފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން ޓްވިޓާއިން ބޯމަދުކުރުމަށް ވެސް މަސްކް އޮތީ ނިންމަވާފަ އެވެ. އެގޮތުން ޖެނެރަލް ކައުންސެލް ޝޯން އެޖެޓް އާއި ލީގަލް ޕޮލިސީ އެގްޒެކެޓިވް ވިޖަޔާ ގައްޑޭ އަށް ވެސް ވަނީ ނޯޓިސް ދެއްވާފަ އެވެ.
ޓްވިޓާއާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމުމަށް ކޯޓުން މަސްކަށް ދެއްވި ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.
މިއަދަށް ފަހު އެހެން ގޮތެއް އިޚުތިޔާރު ކުރެއްވުމަށް މަސްކް މަޑުކުރެއްވިނަމަ އެގޮތަކަށް ނިޔާއެއް ކަނޑައެޅުން އޮންނާނީ ކޯޓުގެ ތަޅުމުގަ އެވެ.
މަސްކް ޓްވީޓާއާ ވަހާލުވެ ވަޑައިގުމާ އެކު އިންވެސްޓަރުން ވެސް ތިބީ ކަންބޮޑުވާ ގޮތް ވެފަ އެވެ. އެއީ އީލޮން މަސްކުގެ މިޒާޖާއި ބަހުރުވަ އަދި އުޅުއްވާ ގޮތް ބުމަރެއް ފަދަ ވީމަ އެވެ.
މަސްކާ ބެހޭ ގޮތުން އާންމުކޮށް ބުނެވެނީ އެއީ އީލޮން މަސްކް ކަމަށެވެ. ކޮންމެ ކަމެއް ވެސް ކުރައްވަފާނެ ކަމަށެވެ.
އީލޮން މަސްކް ޓްވިޓާއާ ހަވާލުވެ ވަޑައިގެން ވިދާޅުވީ ބޭނުންފުޅަކީ އިންސާނިއްޔަތަށް ހިދުމަތްކުރެއްވުން ކަމަށެވެ. ހިޔާލުފާޅުކޮށް އެންމެން އެކުގައި ސައްލާކުރަން މަސްލަހަތު ހޯއްދަވައި ދެއްވުމަކީ ވެސް ބޭނުންފުޅެއް ކަމަށް ވިދާޅުވި އެވެ.
ޓްވިޓާ ބައްލަވައިގަތުމުގެ ބޭނުމަކީ ފައިސާތަކެއް ހޯއްދެވުން ނޫން ކަމަށްވެސް އީލޮން މަސްކް ވިދާޅުވި އެެވެ.