ދުނިޔެ

އީލޮން މަސްކް ގޮވައިގެން ޓްވީޓާ މެނޭޖްމަންޓުން ކޯޓަށް

މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ގޮވައިގެން ޓްވީޓާ މެނޭޖްމަންޓުން ކޯޓަށް ދަނީ އެވެ. އެއީ 44 ބިލިއަން ޑޮލަރަށް ޓްވީޓާ ގަތުމަށް އޭނާ ކުރިން ވެވަޑައިގެންނެވި ވައުދު އުވާލައި އަތްފޮޅާލެއްވުމުގެ ސަބަބުންނެވެ.

ޓްވިޓަރުން ކޯޓަށް ދިއުމަށްޓަކައި މަޝްހޫރު ލޯ ފާމެއް ވަނީ ކުށްޔަށް ހިފާފަ އެވެ. އީލޮން މަސްކް ކަހަލަ ބާރާއި ނުފޫޒުގަދަ ބިލިޔަރަނަކާ ކުރިމަތިލުމަކީ ޓްވީޓަރަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މަސްކް ވެސް ވަނީ ބާރުގަދަ ލޯ ފާމެއް ކުއްޔަށް ހިފާފަ އެވެ. އެހެންކަމުން ދެން އޮންނާނީ ކޯޓު ތެރޭގައި ޝަރުއީ މަރުހަލާތައް ފުރިހަމަކޮށް ގަދަބެލުމެވެ.

ޖެހިގެން އުޅޭ މައްސަލަ އަކީ އީލޮމް މަސްކް ޓްވީޓާ ގަންނާނެ ކަމަށް ވިދާޅުވެ ގިނަ މަރުހަލާތަކެއް ކަޑައްތު ކުރެއްވުމަށްފަހު އެ ޑީލް ދޫކޮށްލެއްވުމެވެ. ޓްވީޓަރުގެ ބޯޑުން ވެސް ވަނީ މަސްކްގެ މި ޑީލަށް ރުހުން ދީފަ އެވެ.

މަސްކް ވިދާޅުވި ގޮތުގައި ޑީލް ދޫކޮށްލަން ޖެހުނީ ޓްވީޓާގެ މެނޭޖްމަންޓުން އެކަށީގެންވާ ވަރަށް އެއްބާރުލުން ނުދިނުމުންނެވެ. ވިޔަފާރި ކުންފުންޏެއް ގޮތުގައި ޓްވީޓާ ހިންގަން ބޭނުންވާ މައުލޫމާތު -- ފޭކް އެކައުންޓްތައް ފަދަ ވަގު އެކައުންޓްތަކުގެ ތަފުސީލު ދިނުމަށް މެނޭޖްމަންޓުން ދެކޮޅު ހަދައި ދިގުދެންމުމުގެ ސަބަބުން ފޫހިވެ ވަޑައިގަތީ ކަމަށް މަސްކް ވިދާޅުވި އެވެ.

ޓްވީޓަ ބައްލަވައި ގަތުމަށްފަހު ޓްވީޓާ މިހާރު ހިންގާ ގޮތަށް ނުހިންގާނެ ކަމަށްވެސް މަސްކް ވިދާޅުވި އެވެ. ޓްވީޓާ ވާން ޖެހޭނީ އާންމުނަށް ކަމުދާ އަދި ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ބްލޮގިން ނެޓްވޯކަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

މަސްކް ކުރިން ވިދާޅުވި ގޮތުގައި ޓްވީޓާގެ ވެރިކަން ލިިބިވަޑައިގެންފި ނަމަ މިހާރު ބްލޮކް ކޮށްފައި ހުރި އެކައުންޓްތައް ދޫކޮށްލައްވާނެ އެވެ. އަދި ޓްވީޓާ އަކީ އެކައުންޓް ބްލޮކްކޮށްގެން ހިންގާ ނެޓްވޯކަކަށް ނުވާނެ އެވެ.

މަސްކް ވިދާޅުވި ގޮތުގައި ޓްވީޓަރު ތެރޭގައި އުޅޭ ބައެއްގެ ނުފޫޒުން މަސްކަށް ހުރަސްއަޅަނީ އެވެ. އެކަމަކު އެއީ ޓްވިޓާއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.