ލައިފްސްޓައިލް

މިންޑީ - ކުރިމަގުގައި އިންސާނުން ތިބޭނެ ގޮތް

އިނގިލިތައް ސީދާ ނުކުރެވޭ ހެއްޔެވެ؟ ކަރު ކުރުގެޅި، ބުރަކަށީގައި ބޮޑު ގުދެއް އެބަ ލާ ހެއްޔެވެ؟ އަތުގެ މުލައްދަނޑިގައި ރިއްސާ ހެއްޔެވެ؟

އެކުވެރިޔާ އެވެ، މި ހުރިހާ ކަމެއްގެ އަސްލަކީ ޓެކްނޮލޮޖީގެ އަޅަށް ތިބާ ވެފައި ވުމެވެ. ސްމާޓް ފޯންތަކާއި ގޭމް ކޮންޓްރޯލާތައް އަދި ޓީވީ ރިމޯޓުން އަތް ދޫކޮށްލައި ޓީވީ ސްކްރީނާ ދުރަށް ޖެހިލަންވީ ވަގުތު އަތުވެއްޖެ އެވެ. ނޫން ނަމަ މާގިނަ ދުވަހެއް ނުވެ ތިބާ ހުންނާނީ "މިންޑީ" ކިޔާ ޚިޔާލީ މީހާ ހުރި ގޮތަށެވެ.

މިންޑީ އަކީ ކުރިމަގުގައި އިންސާނުން ހުންނާނެ ގޮތުގެ ޚިޔާލީ ނަމޫނާ އެކެވެ. އަދި މިންޑީ އަކީ މީގެ އަހަރު ތަކެއް ފަހުން އަހަރެމެން ތިބޭނެ ކަމަށް ލަފާ ކުރެވޭ ގޮތެވެ. ސްކްރީން ތަކަށް މާބޮޑަށް އެޑިކްޓްވެފައިވާ މީހުންނެވެ.

މިންޑީ އަކީ ޓޯލްފްރީފޯވަޑީންޑޮޓްކޮމް އިން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ ރިސާޗް ޕްރޮޖެކްޓެއްގެ 3ޑީ ޑީޒައިނެކެވެ. ޓެކްނޮލޮޖީ މާގިނައިން ބޭނުންކުރުމުން އިންސާނުންގެ ހަށިގަނޑަށް ދިމާވާ މައްސަލަތަކަށް ބިނާކޮށް މިންޑީ ތައްޔާރުކޮށްފައި ވެއެވެ.

މުޅި ދުވަހު ގޮނޑީއެއްގައި ކީބޯޑެއް މައްޗަށް ގުދުވެގެން އޮތުމުން ނުވަތަ އަހަރެމެންގެ އަތުގައި އޮންނަ ފޯނަށް ބަލަން ބޯ ގުދުކޮށްގެން ދުވާލަކު އެތައް އިރަކު ތިބޭ ތިބުމުން ހަށިގަނޑަށް ވާނެ ގޮތް މިންޑީ ބަލާލުމުން ވިސްނެ އެވެ.

މިންޑީ ތައްޔާރުކުރި ފަރާތުން ލަފާ ކުރަނީ މާ ދުރުނޫން ކުރިމަގެއްގައި އަހަރެމެން އިންސާނުން ތިބޭނީ ބޮޑު ގުދެއް ލާފައި ކަމަށެވެ. އަދި އަތުގެ އިނގިލިތައް ވެސް ސީދާ ނުކުރެވި ހުންނާނީ ބަޅުވެފަ އެވެ. އަދި ލޮލުގައި ދެވަނަ ބޮނޑިއެއް ހުންނާނެ ކަމަށް ލަފާ ކުރެވެ އެވެ. އެއީ ނޫކުލައިގެ އަލިން ދިފާއުވުމަށް އިންނަ ދެވަނަ ބޮނޑިއެކެވެ.

ކުރިމަގުގައި އިންސާނުންގެ ސިފަޔާއި ހަށިގަނޑަށް އަންނާނެ ބަދަލުތައް ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ބުރަކަށީގައި ބޮޑު ގުދެއް ލުން، އަތުގެ އިނގިލިތައް ބަޅުވުން، އަތުގެ މުލައްދަނޑި 90 ޑިގްރީ އަށް ހުރުން، ދެވަނަ ބޮނޑިއެއް (އައި ލިޑް އެއް) އުފެދުން، ބޮލުގެ ނާށިގަނޑު ބޯވުން، ސިކުނޑި ކުޑަވުން އަދި ޓެކް ނެކް ހިމެނެ އެވެ. މިއީ މުޅިން އަލަށް ނެރެގެން އުޅޭ މައްސަލައަކަށް ކިޔާ ނަމެކެވެ.

ޓެކް ނެކް އަކީ ކޮމްޕިއުޓަރުން ނުވަތަ ފޯނުން މަސައްކަތެއް ކުރަން ގިނަ ވަގުތުތައް ހޭދަކުރުމުން ކަނދުރާ ހިފަހައްޓާފައި ބެހެއްޓުމަށް ކަނދުރާ ކޮންޓްރެކްޓް ވުމަށް ކިޔާ ނަމެކެވެ. މަސައްކަތުގައި މަސްއޫލުވެގެން އިންނައިރު ކަނދުރާ ތިރިކުރާ ވަރަކަށް ކަނދުރާގެ މަސްތައް ބޯ ބެލެންސް ކުރަން ކުރާ މަސައްކަތް އިތުރުވެ އެވެ. އެހެންވެ ގިނަ ދުވަސްތަކަކު މިގޮތަށް މަސައްކަތްކުރުމުން ކަނދުރާގެ މަސްތަކުގައި އިތުރަށް ކަނދުރާ ހަރުލައްވާނެ ވަރެއް ނުހުންނާނެ އެވެ.

އަހަރެމެންގެ ލޮލުގައި ދެވަނަ ބޮނޑީއެއް (އައިލިޑް) އެއް އުފެދޭނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.

ޔުނިވަސިޓީ އޮފް ޓޮލޭޑޯގެ ރިސާޗަރެއް ކަމަށްވާ ކަސުން ރަތުނަޔަކަ ވިދާޅުވީ ދެވަނަ އައިލިޑް އުފެދޭނީ ވަރަށް ގިނަ ދުވަހުން ކަމަށެވެ.

މިންޑީ ކަހަލަ އިންސާނަކަށް ވުމުން ސަލާމަތްވާން ބޭނުންނަމަ އަބަދު ސްކްރީނަށް ބަލަން ނީދެ ނުކުމެ ދުވެލާ، ކަސްރަތުކޮށްލާ ހަދާށެވެ.

ގިނަ ބަޔަކު ކޮމްޕިއުޓަރު ނުވަތަ ފޯން ނުވަތަ ޓީވީގައި ހޭދަކުރާ ވަގުތަށް ވުރެ ގިނަ ވަގުތު ކަސްރަތުކުރުމާއި އެނޫންވެސް ހަށިގަނޑަށް އެކްސަސައިޒް ލިބޭ ކަންކަމުގައި ހޭދަކުރާނަމަ "މިންޑީ"އަކަށް ނުވެ ސަލާމަތް ވެވިދާނެ އެވެ.