ފުރާވަރުގެ ކުދިން ގިނަ ފަހަރަށް ނަންވެފައި އޮންނަނީ ކޮންމެސް ކޫސަނީ ކަމެއް ކުރާ، ނޫނީ ގިނަ ވަގުތު ޝޯޝަލް މީޑިއާގައި ވަގުތު ބޭކާރުކޮށް ރައްޓެހިންނާއެކު މަޖާކޮށް ސަކަރާތްޖެހުމުގައި ދުއްވާލާ ބައެއްގެ ގޮތުގަ އެވެ.
އެކަމަކު މި ބުނުން ދޮގު ކުރާނެ ކުދިން ވެސް އުޅެ އެވެ. ޒުވާން އުމުރު ބޭކާރު ގޮތުގައި ދުއްވާލުމުގެ ބަދަލުގައި ރަނގަޅު ކަމެއްކޮށް، މުޖުތަމައުއަށް ފައިދާހުރި ކަންކަން ކޮށްދެމުން އަންނަ ކުދިން ވެސް ބައިވަރު އެބަތިއްބެވެ.
އެފަދަ ކުދިންގެ ތެރޭގައި ދުނިޔެ ހައިރާންކޮށް، ޓެކްނޮލޮޖީގެ ވަސީލަތްތައް އީޖާދުކުރި ހަގު އުމުރުގެ އެތަން ކުދިންނެއް އެބަތިއްބެވެ. އުމުރުން ހަގު ވުމުން އަދި ކަމެއް ނުވާނެއޭ ހިތައް އަރުވައިގެން ތިބި ކުދިންނަށް މިއީ ނަމޫނާއެއްގެ ގޮތުގައި ނަގާށެވެ.
ކިއާނާ ކޭވް 18، ނިއު އޮލެންސް
ކިއާނާ އަމިއްލަ އީޖާދެއްކުރުމަށް ދަތުރު ފެށީ 2010 ވަނަ އަހަރު ގަލް އޮފް މެކްސިކޯގެ ކަނޑުގައި ގާއިމްކޮށްފައިހުރި ކަނޑުއަޑިން ތެޔޮނަގާ ކާރުހާނާއެއް ގޮވާއި ކަނޑަށް ގިނަ އަދަދެއްގެ ތެޔޮ އެޅި، ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހިސާބުން ފެށިގެންނެވެ. އެއީ ދުނިޔޭގެ ތާރީހު ދުއް ކަނޑުގައި ގާއިމްކޮށްފައިހުރި ތެޔޮ ނަގާ ކާރުހާނާއެއް ގޮވައިގެން ހިނގި އެންމެ ބޮޑު ހާދިސާ އެވެ.
އެ ހާދިސާގައި ކަނޑު އަޑިން ނަގާފައިވާ 4.9 މިލިއަން ތެޔޮ ހަން ގޮވާއި ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބުނެވެ. ގަލްފް އޮފްގެ މެކްސިކޯގެ ކަނޑަކީ ދުނިޔޭގެ ގުދުރަތީ ގޮތުން ތަނަވަސް އަދި ހިމާޔަތްކޮށްފައިވާ އެތަށް ދިރުންތަކެއް ދިރިއުޅެމުންއައި ދުނިޔޭގެ ތިމާވެށީގައި މުހިންމު ކަނޑެކެވެ.
އެ ސަރަހައްދުން ޑޯލްފިންސް މަރުވާ އަދަދު ކުރިއަށްވުރެ ހަ ރޭޓު މައްޗަށް ދިޔަ އެވެ. މަސްވެރިންނާއި އާއި ސައިންޓިސްޓު ރިޕޯޓުކުރި ގޮތުގައި އެ ސަރަހައްދުގައި މަރުވެފައިވާ މަސް ގިނަ އަދަދަކަށް ފެނިގެންދިޔަ އެވެ. އެގޮތަށް ފެނުނު ގިނަ މަސްތަކުގައި ލޯ ނެތްކަމަށާއި އަދި ބައެއް މަސްތައް ފުފިފައި ހުރިކަމަށްވެސް އެމީހުން ބުންޏެވެ.
މި ހަބަރުތައް ޓީވީ އިން ފެންނަ ފެށުމުން ކަނޑުގެ މަސްތަކަށް މިހެންވާ މެދުވެރިވާ ސަބަބު ހޯދަން ކިއާނާ ބޭނުންވި އެވެ. އޭރު އުމުރުން އެންމެ 15 އަހަރުގެ ކިއާނާ، ކަނޑަށް ތެޔޮ އެޅުމުން ދިރުންތަކަށް ގެއްލުންވާ ގޮތް ދިރާސާކޮށްގެން ހޯދި އެވެ.
ފެނަށް ތެޔޮ އެޅިއްޖެނަމަ ފެނުގެ ޑެންސިޓީ މަތިވުމުން ތެޔޮ ހުންނާނީ އަބަދުވެސް މަތީގަ އެވެ. ކަނޑަށް އެޅުނު ތެޔޮވެސް ހުރީ އެގޮތަށް މަތީގަ އެވެ. ކިއާނާ ކުރި ދިރާސާތަކުން އިނގުނު ގޮތުގައި އެގޮތަށް ތެޔޮ ކަނޑުގެ ފެންފަށަލައިގެ މަތީގައި ހުންނައިރު އިރުގެ އަލިން ލިބޭ "ޔޫވީ ރޭސް" ތަށް އެޔަށް އެޅުމުގެ ސަބަބުން ކާސިނޯޖިކް ނުވަތަ ކެންސަރު ޖެހުމަށް މަގުފަހިވާ ޒާތުގެ ކެމިކަލެއް އުފެދެނީ އެވެ.
މިއަދާ ހަމައަށް އައިރު ކިއާނާގެ އެ ދިރާސާ ސައިންޓިފިކް ރިސާޗު ދެ ޕޭޕަރެއްގައި ޝައިކުކޮށް އާންމުކޮށްފައިވެ އެެވެ. ކޭވްއަށް ވަނީ އެ ދިރާސާއަށް ދެ ޕީޓެންޓްސް ނުވަތަ އަމިއްލަ ހޯދުމެއްކަން އަންގައިދޭ އެކްސްކުލޫޒީވް ރައިޓްސްވެސް ލިބިފަ އެވެ. އޭނާ މިހާރު ވަނީ "މޭއާ" ގެ ނަމުގައި އަމިއްލަ ދިރާސާއެއް އަނެއްކާ ފަށާއި ފެނުގެ މަތީގައި ހުންނަ ތެޔޮ ގެއްލުން ނުލިބޭނެ ގޮތަަކަށް ނައްތާލުމަށް ކުރެވޭނެ ކަމަކީ ކޮބާތޯ ބަލަން ފަށާފަ އެވެ.
ކޭވް މިހާރު އަންނަނީ ޔުނިވާސިޓީ އޮފް މިޝިގަންގައި ކެމިކަލް އިންގީނިއަރިން ކިޔަވަމުންނެވެ. އޭނާގެ ދިރާސާ ކުރިއަށް ގެންދިއުމަށް މަޝްހޫރު ތެޔޮ ކުންފުންޏަކުން ވަނީ 1.2 މިލިއަން ޑޮލަރު ފަންޑުވެސް ކޮށްދީފަ އެވެ.
ރިފަތް ޝާރޫކް 18، އިންޑިއާ
ރިފަތްއަކީ އެންމެ ކުޑައިރުން ފެށިގެންވެސް ޖައްވުގެ ތެރޭގައި ހިނގާ ކަންކަން ބެލުމަށް ޝައުގުވެރިކަން ހުރި ކުއްޖެކެވެެ. އެ ޝައުގިވެރިކަން އޭނާއަށް ލިބުނީ އޭނާގެ ބައްޕަ މުހައްމަދު ފާރޫކްގެ ފަރާތުންނެވެ. މުހައްމަދަކީ ސައިންޓިސްޓެއް އަދި ލޯކަލް ޕްރޮޕެސަރެކެވެ.
ކުޑައިރު ބައްޕައާއެކު ޓެލެސްކޯޕުން ޖައްވުގައި ހިނގާ ކަންކަން ބެލުމަށް ރިފަތް ގަޔާވި އެވެ. ތަގުދީރު ނިޔާކުރި ގޮތުން ރިފަތް ޕްރައިމަރީ ސުކޫލުގައި ކިޔަވަމުންދަނިކޮށް ބައްޕަ ނިޔާވި އެވެ. ނަމަވެސް ޖައްވުގައި ހިނގާ ކަންކަން ބެލުމަށް އޭނާގެ ހުރި ޝައުގުވެރިކަން ދެމިއޮތެވެ.
އުމުރުން 14 އަހަރުގައި ރިފަތް ސްޕޭސް ކިޑްޒްއަށް ވަނެވެ. ސްޕޭސް ކިޑްޒްއަކީ އިންޑިއާގައި، ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިކަން ހުންނަ ކުދިންނަށް އިލްމު އުގަންނައިދުނުމަށް ހިންގާ ޖަމިއްޔާއެކެވެ.
ސްޕޭސް ކިޑްޒްއަށް ވަނުމަށްފަހު ރިފަތް އިސްނަގައިގެން ހަ ކުދިންގެ ޓީމެއް ހަދައި ދުނިޔޭގެ އެންމެ ލުއި ސެޓަލައިޓް ހެދުމުގެ މަސައްކަތް ފެށި އެވެ. އެ ކުދިން އެ މަސައްކަތްކުރީ ސްޕޭސް ކިޑްޒް ޖަމިއްޔާގެ ފައުންޑާގެ އެހީތެރިކަމާއި އިރުޝާދުތަކާއެކު އެވެ. އެ ކުދިން އެ ސެޓަލައިޓް ތައްޔާރުކުރީ ސުކޫލް އުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށްގެން ދުނިޔޭގެ ޖައްވީ އިދާރާ ނާސާ އިން ހުޅުވާލީ "ކިއުބްސް އިން ސްޕޭސް" މުބާރާތައް ހުށަހެޅުމަށެވެ.
ހަތަރު އަހަރުގެ ތެރޭގައި އެ ކުދިން ގިނަ ރޭ ނުނިދާ ތިބެ ފަތިސްވަންދެން އެ ސެޓެލައިޓް ތައްޔާރުކުރާނެ ގޮތާއި ބެހޭގޮތުން މަޝްވަރާ ކުރި އެވެ. އެ ކުދިންގެ ބުރަ މަސައްކަތުން ދުނިޔޭގައި މިހާތަނަށް ތައްޔާރުކުރި އެންމެ ލުއި ސެޓެލައިޓްގެ ތައްޔާރު ކުރިކަމުގެ ފަހުރު ވަނީ ލިބިފަ އެވެ. އެ ސެޓަލައިޓަށް އެކުދިން ދިން ނަމަކީ އިންޑިއާގެ މަޝްހޫރު ރޮކެޓް ސައިންޓިސްޓް އަދި ކުރީގެ ރައީސް އަބްދުލް ކަލާމް އާއި ގުޅުވާފައި "ކަލަމްސެޓް" އެވެ.
ކަލަމްސެޓްގެ ބަރުދަނުގައި ހުންނަނީ 64 ގްރާމްސް އެވެ. ފުޅާމިނުގައި 3.8 ސެންޓިމީޓަރު ހުންނައިރު، ކިއުބެއްގެ ގޮތަށް އިންނަ އެ ސެޓަލައިޓު ތައްޔާރުކޮށްފައި ވަނީ 3ޑީ ޕްރިންޓެޑް ޕްލާސްޓިކް އަދި ކާބަން ފައިބާރު ބޭނުންކޮށްގެންނެވެ. ކަލަމްސެޓުގައި ތަފާތު ވައްތަރުތަކުގެ ސެންސާސް އެކުލެވެ އެވެ. އެގޮތުން ޓެމްޕަރޭޗާއާއި މެގްނެޓިޒަމް، އެލްޓިޓިއުޑް އަދި ޖައްވަން ފޮނުވާލުމަށްފަހު އެޔަށް ލިބޭ ކޮންމެ ގެއްލުމެއް ދެނެގަނެވޭނެ ސެންސާސްތައް ހަރުކޮށްފައިވެ އެވެ. އޭގެ އިތުރުން އެ ސެންސާސްތައް އެންމެ ރަނގަޅަށް މަސައްކަތްކޮށް ހޯދުންތައް އެއްކުރެވޭނެ ގޮތް ހެދުމަަށްޓަކައި، ކަލަމްސެޓުގައި އަމިއްލައަށް ހަކަތަ އުފައްދާ ނިޒާމަކާއި ކުޑަ ކޮމްޕިއުޓަރު ސިސްޓަމެއް ހަރުކޮށްފައިވެ އެވެ.
ނާސާ އިން ވަނީ މިދިޔަ އަހަރު ޖޫން މަހު 27 ގައި މި ކަލަމްސެޓު ލޯންޗުކޮށް، ސްޕޭސްފްލައިޓެއްގައި ޖައްވަށް ފޮނުވާލާފަ އެވެ. ނާސާގެ އަމާޒަކީ ކަލަމްސެޓް ސަބް އޮބިޓްގެ ތެރެއަށް ގޮސް، ޖައްވުގައި ހުންނަ މައިކްރޯ ގްރެވިޓީގައި، ބާރުގަދަކޮށް ތައްޔާރުކޮށްފައިވާ ޕްލާސްޓިކްއަށް އަންނަ ބަދަލުތަށް ދިރާސާކުރުމެވެ.
ބަރުދަން ލުއި އެއްޗެއްސަށް ޖައްވަށް ދަތުރު ކުރުމަށް ފަސޭހަވާނެ އެވެ. އެއީ ދިހަ ޕައުންޑު ހުންނަ އެއްޗެއް ޖައްވަށް ފޮނުވާލެވެނީވެސް 10 ހާސް ޑޮލަރަށް ކަމަށްވާތީ އެވެ. ކަލަމްސެޓް އޭގެ މަންޒިލަށް ވާސިލުވުމަށްފަހު ހޯދުންތައް އެއްކުރުމަށް 12 މިނެޓް ހޭދަކުރާނެ އެވެ. އެއަށްފަހު ކަލަމްސެޓް އަނބުރާ ދުނިޔޭގެ ކަނޑަށް ވެއްޓޭނެ އެވެ.
ކަލަމްސެޓް މިހާރު ވަނީ ދުނިޔޭގެ މަޝްހޫރު ރެކޯޑު ފޮތްތަކުންވެސް ޖާގަ ހޯދާފަ އެވެ.
ހެނާ ހާބުސްޓް 17، ފްލޮރިޑާ
ފްލޮރިޑާއަށް އުފަން ހޭނާ ހާބުސްޓް، އަމިއްލަ އީޖާދެއް ހެދީ އުމުރުން އެންމެ 15 އަހަރުގަ އެވެ. އޭނާ އީޖާދުކުރީ ކަނޑުގެ ފެން ބޭނުންކޮށްގެން ކަރަންޓު ލިބޭނެ ވަސީލަތެއް އުފައްދާނެ ގޮތެވެ. އެ ވަސީލަތަށް ކިޔަން ނިންމި ނަމަކީ ބީކޮން އެވެ. ދިގު ނަމުންނަމަ "ބްރިންގިންގް އިލެކްޓްރިސިޓީ އެކްސެސް ތްރޫ އޯޝަން އެނާޖީ" އެވެ.
ދުނިޔޭގައި މިހާރުވެސް ކަރަންޓު ނުލިބޭ 1.3 ބިލިއަނަށްވުރެ ގިނަ މީހުން އެބަ ދިރިއުޅެމުންދެ އެވެ. މި ވަސީލަތް އުފެއްދުމަށް ހެނާ ޝައުގުވެރިކަން އުފެދުނީ އިތިއޯޕިއާގައި ހުރި އޭނާގެ ޕެން ފްރެންޑެއް -- ދުވަހަކުވެސް ދިމާ ނުވާ ހަމައެކަނި ޕޯސްޓުން ސިޓީ ފޮނުވައިގެން ވާހަކަދައްކާ އުޅުނު ރައްޓެއްސެއް -- އެ ގައުމުގައި ކަރަންޓު ނުލިބޭ ވާހަކަ އޭނާ އާއި ހިއްސާކުރުމުންނެވެ.
ހެނާގެ ހޯދުންތަކުން އޭނާއަށް އެނގުނު ގޮތުގައި، ދުނިޔޭގެ އާބާދީގެ 40 އިންސައްތަ މީހުން ދިރިއުޅެނީ ކަނޑާ 62 މޭލު ދުރުގަ އެވެ. ކަނޑާ އެންމެ ދުރުންވެސް ފެން ނުލިބޭ ހިސާބުގައި މީހުން އުޅެނީ 6.2 މޭލު ދުރުގަ އެވެ. އެއީ 10 އިންސައްތަ މީހުންނެވެެ.
ހެނާ ވަނީ އާންމުންނަށް އޭނާގެ ތައްޔާރުކުރަން ބޭނުންވާ ވަސީލަތުގެ ޕްރޮޓޯޓައިޕް ޑިޒައިނެއް ނުވަތަ އެ ވަސީލަތް އިންނާނެ ގޮތުގެ މިސާލެއް ދެއްކުމަށް ކުޑަ ބީކޮންއެއް ތައްޔާރުކޮށްފަ އެވެ. ހޮލޯ ޕްލާސްޓިކް ޓިއުބު ބޭނުންކޮށްގެން ހެނާ ތައްޔާރުކުރި އެ ވަސީލަތުގައި ހައިޑްރޯއިލެކްޓްރިކް ޖެނަރޭޓާއެއް ހަރުކޮށްފައި އިނދެ އެވެ. އެ ޖަނަރޭޓަރާއި ގުޅުވާފައި ފަހަތުގައި ބުރަފައްޗެއް އިންދެ އެވެ. ކަނޑުގެ އޮޔަވަރު ދަމާގޮތުން ބުރަފަތި އެނބުރުމުން ޖަނަރޭޓަރުގެ އެހީގައި ހަކަތަ އުފައްދައިދޭނެ އެވެ. އެ ވަސީލަތް ވަނީ އިންޓަކޯސްޓަލް ކަނޑުގައި ޓެސްޓުކޮށް ކަމިޔާބުވެސްވެފަ އެވެ.
ހެނާ ދެކެނީ އޭގެ ރަނގަޅު ބޮޑު ބީކޮންއެއް ގާއިމްކޮށްފިނަމަ އޭގެ ތިން ކާރު ބެޓަރީ ޗާޗުކުރެވޭނެ ވަރަށް ކަރަންޓު އެފެއްދޭނެ އެވެ. އޭގެން އުފައްދާ ކަރަންޓުން ސާފު ބޯފެން އުފެއްދުމަށް ބޭނުންކުރާ މެޝިންތަކުން ފަށައުގެން ހޮސްޕިޓަލުތަކުގައި ލޭ ރައްކާކުރުމަށް ބޭނުންކުރާ ސެންޓްރިފްރިޖްސްއަށް ދަންދެން ބޭނުންކުރެވޭނެ ކަމަށެވެ.
އެ އީޖާދު ވަނީ 2015 ވަނަ އަހަރު އޮތް ޑިސްކަވަރީ އެޑިއުކޭޝަން 3އެމް ޔަންގު ސައިންޓިސްޓުގެ ޗެލެންޗު ކާމިޔާބުކޮށްފަ އެވެ. ހެނާ މިހާރު އަންނަނީ ފްލޮރިޑާ އެޓްލާންޓިކް ޔުނިވާސިޓީގައި ކޮންޕިއުޓާ އިންޖީނިއަރިންގުން ޑިގްރީއަށް ކިޔަވަމުންނެވެ.
ޖޫލިއަން ރިއޯސް ކަންޓު 18، މެކްސިކޯ
ޖޫލިއަންގެ އުމުރުން އެންމެ 13 އަހަރުގައި އޭނާގެ މަންމައަށް އުރަމަތީގެ ކެންސަރުޖެހުނެވެ. މަންމަގެ އުރަމައްޗަށް ޖެހުނު ކެންސަރު ސަބަބުން އުފެދުނު ޓިއުމަރު ބޮޑުވެގެން އައިތަން އޭނާއަށް ވަނީ ފެނިފަ އެވެ. ކެންސަރުން މިހާރު ސަލާމަތްވެފައި ވީނަމަވެސް އެ ބަލީގައި އޭނާގެ މަންމަގެ އުރަމަތި އެއްކޮށް ހަލާކުވި އެވެ.
އޭގެ އަހަރުތަކެއްފަހުން މި ބަލިޖެހިފައިވާ މީހުން ސަލާމަތްކުރުމަށް ޖޫލިއަން މަސައްކަތް ފެއްޓި އެވެ. ތިން ރަހުމަތްތެރިންނާއެކު ހިޖިއާ ޓެކްނޮލޮޖީސްގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފައްދާ އުރަމަތީގެ ކެންސަރު ޖެހުމުގެ ކުރިން ފެންނާނެ ނިޝާންތައް ދެނެގަންނާނެ ޑިވައިސްއެެއް ތައްޔާރުކުރަން ފެއްޓި އެވެ.
ޖޫލިއަން އޭނާގެ ރަހުމަތްތެރިންނާއެކު އަންހެނުންނަށް ހާއްސަ "އީވާ" ކިޔާ ސާމްޕަލް ބްރާއެއް ތައްޔާރުކުރި އެވެ. އެ ބްރާގައި އުރަމަތީގެ ކެންސަރު ޖެހުމުގެ ކުރިން ފެންނާނެ ނިޝާންތައް ދެނެގަންނާނެ ސެންސާ ޑިވައިސްއެއް ހަރުކުރި އެެވެ. އާދައިގެ ބްރާއެއްގައިވެސް ހަރުކުރެވޭނެ މި ސެންސާ ޑިވަސްއާއެކު ބްރާ އަޅަންޖެހެނީ ހަފްތާއަކު އެއް ގަޑިއިރަށެވެ.
އެ ސެންސަރުން މީހާގެ ހަމުގެ ފިނިހޫނުމިނާއި އަދި ބާރުވެފައި ހުންނަ މިންވަރު އަންގައިދޭނެ އެވެ. އުރަމަތީ ކެންސަރުގެ ނިޝާންތައް ފެންނަނީ މި ދެ ކަންތައް ގޯހުން ދިޔާމަ އެވެ. ކޮންމެ ފަހަރަކު އެ ޑިވައިސް ބޭނުންކުރުމަށްފަހު ލިބޭ ހޯދުންތައް ފޮނުވަނީ ކުންފުނީގެ އެޕްލިކޭޝަނަކަށެވެ. އެއަށްފަހު އެ އެޕްލިކޭޝަންގައި ގާއިމްކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް އަލްގޮރިތަމްގެ އެހީގައި ރިސްކު ހުރިވަރު އިނގިގެންދާނެ އެެވެ.
ޖޫލިއަން ތައްޔާރުކުރި އެ ޑިވައިސްއަށް ގްލޯބަލް ސްޓޫޑެންޓް އެންޓަފްރޫނާ އެވޯޑު ވަނީ ލިބިފަ އެވެ. އަދި އޭގެ ފެންވަރު ރަނގަޅު ޑިވައިސްއެއް ތައްޔާރުކުރުމަށް އޭނާއަށް ވަނީ 20 ހާސް ޑޮލަރުގެ ފަންޑިންނެއްވެސް ލިބިފަ އެވެ.
އެ ޕްރޮޖެކްޓު ކާމިޔާބުވެއްޖެނަމަ އޭގެން ދުނިޔޭގެ އެތަށް ބަޔަކަށް މަންފާކުރާނެ އެވެ. އެންމެފަަހުގެ ތަފާސް ހިސާބުކަށް ބަލާއިރު 2012 ވަނަ އަހަރު އެކަނިވެސް އުރަމަތީ ކެންސަރު ޖެހިގެން 1.7 މިލިއަނަށްވުރެ ގިނަ މީހުން ރިޕޯޓުކޮށްފައިވެ އެވެ. ހަމަ އެހަރު އެ ބަލީގައި ބައި މިލިއަނެއްހާ މީހުން މަރުވެސްވި އެވެ.