ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ދެވަނަ ދައުރު ޖުލައި 8 އަށް އިތުރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު ޖުލައި މަހުގެ އަށަކާ ހަމައަށް ދަމާލަން މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

މަޖިލީހުގެ މިހާރުގެ ގަވައިދު އޮންނަ ގޮތުން ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 16 އިން ފެށިގެން ޖޫން މަސް ނިމެން ދެނެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތު ފައްޓަވައި ދެއްވަމުން ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ނިންމާލަން އަންނަ މަހުގެ އަށަކާ ހަމައަށް ދައުރު ދަމާލަން ބޭނުންފުޅުވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ދައުރު ދަމާލަން 38 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މަޖިލީހުގެ ދެވަނަ ދައުރު ދަމާލި އިރު މިދިޔަ މަހު ހަވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތުގެ އިންކުއަރީއެއް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ދަނީ ހިންގަމުން ނެވެ. އަދި އެ ރިޕޯޓް މި މަހު ނިންމާލަން ވަނީ އަމާޒު ހިފައިިފަ އެވެ.

މަޖިލީހުގެ ތިންވަނަ ދައުރު ފަށާނީ އަންނަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ.