ޑީއެންއާރް

އުމުރުން ދުވަސްވީ މީހުންގެ އައިޑީކާޑު އާ ކުރަންނުޖެހޭ ގޮތް ހަދަނީ

އުމުރުން ދުވަސްވީ މީހުންގެ އައިޑީކާޑު އާ ކުރަންނުޖެހޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ފަށައިފި އެވެ.

އައިޑީ ކާޑާއި ޕާސްޕޯޓް މިހާރު ބޭނުންކުރެވޭ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތު ނޫން ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

އެ މައްސަލަ ދިރާސާ ކުރާ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑީއެންއާރާއި ހަވާލުވެ ހުންނެވި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް ޢަބްދުލްގަފޫރު ވިދާޅުވީ ކުއްޖާ އުފަންވުމުން ތައްޔާރުކުރާ ފުރަތަމަ އައިޑީކާޑުގެ މުއްދަތަކީ 10 އަހަރު ކަމަށެވެ.

"އެއަށްފަހު 10 އަހަރާއި 40 އަހަރާއި ދެމެދު (މީހުންގެ) ކާޑުގެ މުއްދަތު މި އޮންނަނީ ފަސް އަހަރުން ފަސް އަހަރުން އާކުރާ ގޮތަކަށް. އަދި 40 އަހަރުވުމަށްފަހު ކާޑު އަނެއްކާވެސް ބަދަލުވަނީ 10 އަހަރަށް،" ޔޫސުފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާޑުގެ މުއްދަތު އޮންނަ ގޮތުން ދޮށީ އުމުރުގެ މީހުންނަށް ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ 65 އަހަރުން ފެށިގެން މަތީގެ އުމުރުގެ މީހުންގެ ކާޑު މުއްދަތު ހަމަނުވާ ގޮތެއް ހެދޭތޯ މަސައްކަތްކުރަމުން،" ޔޫސުފް ވިދާޅުވި އެވެ.