އި ންޑިއާ އާއި ރާއްޖެ ވަރަށް ރަހުމަތްތެރި އެވެ؛ އަވަށްޓެރި އެ ގުޅުމުގެ އިތުރަށް ރައީސް އިބްރާހިމް މުހައްމްދު ސޯލިހުގެ ސަރުކާރާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަކީ ސިޔާސީ އަދި ސިޔާދަތީ ބޭނުންތަކަކަށްޓަކައި "ހިތާވެގެން" އުޅޭހާ ކައިރި ދެ ސަރުކާރެވެ. އެހެންވީމާ އިންޑިއާގެ ނޯކާ ރޫޓްސް ރެކްރޫޓްމަންޓް އެޖެންސީ މެދުވެރިކޮށް ދިވެހި ރާއްޖޭގެ ސްކޫލްތަކުގައި އަރަތްބާއި ގުރުއާނާއި އެހެންވެސް މާއްދާތައް ކިޔަވައިދޭން ކެރެލާއިން ރާއްޖެއަށް އިންޑިއާ މީހުން "އިމްޕޯޓް" ކުރުމަކީ މާ ހައިރާނެއް ވާވަރުގެ ކަމެއް ނޫނެވެ. އެހެނެއް ކަމަކު އެއީ މައްސަލައެކެވެ. އެކަން އެހެން ވާން ދޫކޮށްލައިގެން ނުވާނެ އެވެ. ބަލާން ވެސް ވާނެ އެވެ.
ރާއްޖޭގެ ވަރަށް ގިނަ -- ނޫން ގާތްގަނޑަކަށް ހުރިހާ ކަމެއް -- އިންޑިއާ ބޭނުންވާ ގޮތަށް އިންޑިއާ ބަރޯސާކޮށް ކޮށްފައިވާ ރޮނގު މަތީން ރާއްޖޭގައި އަރަބި އަދި ގުރުއާން ކިޔަވައި ދޭން ކެރެލާއިން ޓީޗަރުން ގެނައި ކަން ރީތި ގޮތަކަށް ބޭޒާރެއްވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ދިވެހި-އިންޑިއާ، ދެ ސަރުކާރުގެ ހިތާވުމުގެ ތެރެއިން ހިނގާ އެތައް އެތައް ކަމަކާ ހުރެ މިހާރުވެސް އިންޑިއާ އާއި ދެކޮޅަށް ދިވެހިން ސީދާ ހަރަކާތްތައް ހިންގާ ހިސާބަށް ކަންކަން ދަނިކޮށް ކެރެލާ ޓީޗަރުންގެ ގެނައި ހަބަރު ފެންމަތިވެ ބޭޒާރެއް ވުމުން އެތައް ބަޔަކު ވަނީ ރުޅިގަދަވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން އެތިބީ ކެކި ކެކި އެވެ.
ކެރެލާއިން ރާއްޖެއަށް ގުރުއާން ޓީޗަރުން ގެނައުމުން އޮތް ހިތްހަމަ ނުޖެހުމާ އެއްވަރަށް، އެކަން ވަށައި ޖައްސަން ސަރުކާރު ދެއްކި ބަހަނާތަކާ މެދު މީހުން ގެންދަނީ ސުވާލުކޮށް އިތުރު ސުވާލުތައް އުފައްދަމުންނެވެ.
"ރާއްޖެއިން ބޭރުން ގުރުއާން ކިޔަވައިދޭން ގެންނަ ޓީޗަރުންނަށް ބެލެނިވެރިން އަބަދުވެސް ވަރަށް ބޮޑަށް ފާރަވެރިވާންޖެހިފައި އޮންނަނީ. އެހެން އޮއްވާ އިންޑިއާއިން އަރަބި ބަހާއި ގުރުއާން ކިޔަވައިދޭ ޓީޗަރުން ގެނައުމަކީ ވަރަށް ބޮޑު މައްސަލައަކަށްވޭ. ކުދިންގެ އަހުލާގު ރަނގަޅުކޮށް ތަރުބިއްޔަތު ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށްވާއިރު މިއީ ދިވެހިންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވާނެ،" ކެރެލާ ގުރުއާން ޓީޗަރުންނާއި އަރަބި މުދައްރިސުންގެ މައްސަލާގައި ހިތްހަމަ ނުޖެހުޖު މީހަކު ބުންޏެވެ.
މިއީ ދިވެހި ރާއްޖޭގައި އިންޑިއާގެ ޒަމާނެކެވެ؛ އިންޑިއާ ބޭނުން ހުރިހާ ކަމެއް ރާއްޖޭގައި ފަސޭހައިން ހިނގައި އިންޑިއާ ބޭނުން ގޮތަކަށް އެކަމެއް ވެދެ އެވެ. މިހާރު މި އައީ ދިވެހި ޓީޗަރުންނަށް ކިޔަވައިދެވޭނެ ވަރަށް މުހިއްމު ދެ މާއްދާއެއް ކިޔަވައިދޭން ވެސް ދިވެހިންނަށް އޮތް ފުރުސަތު ބަންދު ކޮށްލައި އިންޑިއާގެ އެޑްމިނިސްޓްރޭޝަނުން ބޭނުންވާ ގޮތް ހަދައިދިން ތަނެވެ.
ބިދޭސީ ޓީޗަރުން / އިންޑިއާ ޓީޗަރުން ގުރުއާން ކިޔަވައި ދިނުމަކުން މައްސަލައެއް ނެތެވެ. މައްސަލަ ނުކުންނަ ހިސާބަކީ ދިވެހިންނަށް ބޭނުން ކުރެވެން އޮތް ފުރުސަތު ބަންދު ކޮށްލުމަށް ފަހު ބިދޭސީންނަށް ހާއްސަކޮށް އިންޑިއާ މީހުނަށް އެ ފުރުސަތު ދޭތީ އެވެ. ދިވެހިންގެ ތެރޭގައި އަރަބި ބަހާއި ގުރުއާން ކިޔަވައިދެވޭނެ އެތައް ބަޔަކު ތިއްބާ، ދިވެހިންނާއި ގުޅުމެއް ނެތް ސަގާފަތެއްގެ ބަޔަކު ދިވެހިންނަށް ކިޔަވައިދޭން ގެނައަކީ މިހާރު މިއޮތް "ދިވެހި އިންޑިއާ ހިތާވުމު" ގެ ތެރެއިން ރާއްޖޭގެ މޫނުމަތީގައި ޖެހި ތަފާލަށްވާތީ އެވެ. އެކަން ވަށައި ޖައްސަން ރޯ ބުހުތާން ދޮގު ހަދާތީ އެވެ.
އިންޑިއާ އިން ޓީޗަރުން ގެނައި މައްސަލަ ހޫނުވެ އެތައް ބައެއްގެ ފާޑުކިޔުން އެޑިޔުކޭޝަނާއި މިނިސްޓަރު ޑރ. އައިޝަތު އަލީއަށް އަމާޒު ވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރަނީ ދޮގެއް ހަދައިގެން އެކަން ވަށައި ޖައްސާށެވެ. އެހެން ނަމަވެސް ކެރެލާ އިން ރާއްޖެއަށް 10 ޓީޗަރުން "އިމްޕޯޓް" ކުރިކަން ދިމާއަށް ސާބިތެވެ. އެކަން ކުރީ ދިވެހިންނަށް ފުރުސަތެއް ނުދީ، އިއުލާނެއް ވެސް ކުރުމަކާ ނުލަ އެވެ. އަދި އެކަން ކުރީ ކުރީން އަރަބި ދުނިޔެއިން ހިލޭކޮށް އޮތް އެ ފުރުސަތު ވެސް އެއްފަރާތްކޮށްލާފަ އެވެ. މިއީ މި މާއްދާތަކަށް ގެންނަ ކެރެލާ ޓީޗަރުންގެ ފުރަތަމަ ބުރެވެ. އެފަދަ އެހެން ބުރުތައް ކުރިޔަށް އޮތް ކަމަށް ވެއެވެ.
ޓީޗަރުން ހޯދަން އިއުލާނެއް ނުކުރޭ
ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ޔުނިވާސިޓީ އާއި އަމިއްލަ ކޮލެޖު ތަކުން އެތައް ދިވެހި ދަރިވަރުނެއް އަރަބި ބަހާއި ގުރުއާން މާއްދާއިން ދަސްވެނިވެ އެވެ. އެއީ ދިމާއަށް ފެންނަން އޮތް ހަގީގަތެކެވެ. އެހެން އޮއްވާ އިންޑިއާ ރުއްސާން ވެގެން ދިވެހިންނަށް ފުރުސަތު ނުދީ ކެރެލާއިން ޓީޗަރުން ގެނައީ ކޮން ވިސްނުމެއްގައި ކީއްވެގެން ހެއްޔެވެ؟ މިއީ އެޑިޔުކޭޝަން މިނިސްޓަރު ތެދަށް ޖަވާބު ދެއްވަން ޖެހި ވަޑައިގަންނަވާނެ މައްސަލައެކެވެ. އިންޑިއާ ރުއްސާން މިވަގުތަށް ދޮގެއް ހެއްދެވިޔަސް ފަހުން ބޭޒާރުވާނެ އެވެ.
އިސްލާމާއި އަރަބި އަދި ގުރުއާން ކިޔަވައިދޭން ހާއްސަކޮށް ގުރުއާން ކިޔަވައި ދޭން މީގެ ކުރިން ދުވަހަކު ވެސް އިންޑިއާ އިން ޓީޗަރުން ރާއްޖެ ގެނެސްފައިވާ ކަމަކަށް އެނގިފައެއް ނެތެވެ. -- ނޫން ނުގެނެ އެވެ -- ކޮންްމެވެސް ވަރަަކަށް ގެންނަނީ މެދުއިރުމަތީގެ މުސްލިމު ގައުމުތަކުންނާއި މިސްރުންނެވެ. މެދު އިރުމަތީގެ ގައުމުތަކުން އާންމު ގޮތެއްގައި ޓީޗަރުން ފޮނުވަނީ ވެސް އެ ގައުމުތަކުގެ ސަރުކާރު ތަކުން އެ މީހުންނަށް މުސާރަ ވެސް ދޭ ގޮތަށެވެ. އެކަމަކު މިފަހަރު ގުރުއާން ޓީޗަރުން އިންޑިއާ އިން ގެނައުމަށް ސަރުކާރުން ކުއްލި އަކަށް މިސްރާބު ބަދަލު ކޮށްލި ގޮތެއް ނޭނގެ އެވެ.
މި މައްސަލާ ފަޅާ އެރި ހިސާބުން ކަން އޮތީ ފާޑު ކިޔުމުގެ ތެރޭގަ އެވެ. އެކަން ވަށައި ޖައްސާ އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ ގުރުއާނާއި އަރަބި، އިސްލާމް ޓީޗަރުން އިންޑިއާއިން ގެނައީ ތަކުރާރުކޮށް އިއުލާނުތައް ކުރުމުން ވެސް އެކަމަށް ކުރިމަތިލާނެ ޓީޗަރުން ނުވެގެނެވެ.
މި އަހަރުގެ މި ހިނގަނީ ހަވަނަ މަހެވެ. ސަރުކާރުން ހުޅުވައިލާ ވަޒީފާގެ ފުރުސަތުތައް އާންމު ކުރަނީ ސަރުކާރުގެ ގެޒެޓްގަ އެވެ. މިހާތަނަށް ގުރުއާން އަދި އަރަބި ކިޔަވައިދޭން ދިވެހި ޓީޗަރުން ހޯދާން އެއްވެސް އިއުލާނެއް ކޮށްފައެއް ނެތެވެ. އެބުނާ އިއުލާނެއް ހަމަ އެއްގޮތަކަށް ވެސް އެ ޝައުުގުވެރި ކަމުގައި ތިބި މީހުނަށް ފެނިފައެއް ނުވެ އެވެ. އެހެންވިއްޔާ އެ އިއުލާން ކޮށްގެން އުޅެނީ ކޮންތާކު ހެއްޔެވެ؟
އަޅުގަނޑަކީ އަބަދުވެސް ގެޒެޓް ބަލާ މީހެއް. ނުފެނޭ އަރަބި އަދި ގުރުއާން ޓީޗަރުން ހޯދަން ކޮށްފައި އިއުލާނެއް،ގުރުޖުއޭޓް ސްޓޫޑެންޓެއް
"އަޅުގަނޑަކީ އަބަދުވެސް ގެޒެޓް ބަލާ މީހެއް. ނުފެނޭ އަރަބި އަދި ގުރުއާން ޓީޗަރުން ހޯދަން ކޮށްފައި އިއުލާނެއް... އެތައް ކުދިންނެއް އަބަދުވެސް ގްރެޖުއޭޓް ވޭ އެ ދާއިރާތަކުން. ކޮބާ އެކުދިން. އަޅުގަނޑު ވެސް މިއީ ގުރެޖުއޭޓެއް ގުރުއާނުން؟" ވަޒީފާގެ ފުރުސަތެއް ލިބިފައި ނުވާ ދިވެއްސަކު، ކެރެލާ ޓީޗަރުންގެ މައްސަލާގައި ބުންޏެވެ.
އެޑިއުކޭޝަނުން ބުނާ ގޮތުގައި އެ މުދައްރިސުން ހޯދަން އެކި ގައުމުތަކުގައި ހުރި ދިވެހި ހައިކޮމިޝަންތަކުގެ އެހީތެރިކަމަށް ވެސް އެދުނެވެ.
އެހެނެއް ކަމަކު އިންޑިއާގެ ޕްރޮޕަގެންޑާ މެޝީން "ދަ ހިންދޫ" ގައިވާ ގޮތުގައި ޓީޗަރުން ރާއްޖެއަށް ފޮނުވަނީ ދިވެހި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން އިސްވެ އެކަމަށް ބޭނުން ވެގެނެވެ. އެ ނޫސް ބުނެދޭ ގޮތުގައި އަރައްބާއި އިސްލާމާއި ގުރުއާން ޓީޗަރުން ކެރެލާއިން ރާއްޖެއަށް އިންޕޯޓް ކޮށްދޭން ފެށީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރަން ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ އެކުގައި ކުރައްވާ މަސައްކަތުގެ ތެރެއިންނެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަޒަރުގައި ގުރުއާން ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެންނަ ހިސާބަކަށް ނުދެ އެވެެ. އެއަށް ވުރެ ގިނަ ދިވެހިން ވަނީ އެ ވަޒީފާއަށް ތަމްރީން ވެފަ އެވެ.
"އަރަބި ގުރުއާން ޕްރޮގްރާމްތައް އެމްއެންޔޫ، އައިޔޫއެމް އަދި ގުރުއާން މަރުކަޒުން ނިންމާފައިވާ އެތައް ދަރިވަރުންނެއް ރާއްޖޭގައި އެބަތިބި ވަޒީފާ ނުލިބިފައި." ޝަހީމް ވިދާޅުވި އެވެ.
ރަނގަޅު އެލަވަންސް ދޭނަމަ ޓީޗަރުންވާނެ
އެޑިއުކޭޝަނުން ބުނާ ގޮތުން ނަމަ މުޅި ރާއްޖެ އަތްފުނާ އަޅައި ރޮއި އާދޭސް ކޮށްގެން ވެސް ދިވެހި ޓީޗަރުން ނުލިބުުނީމާ ދެން މަޖުބޫރެއް ވެގެން އިންޑިއާއިން ޓީޗަރުން ގެނައީ އެވެ. އެކަމަކު އެޑިޔުކޭޝަނުން ރަނގަޅު މަސައްކަތެއް ކޮށްލި ނަމަ ދިވެހިން ނުލިބިއެއް ނުހުންނާނެ އެވެ. ދައްޗެއް އޮވެދާނެ އެވެ. ދަތިތަކެއް ހުރިހާ ސަރުކާރުގެ ބައެއް ސިޔާސަތުތައް ބަދަލު ކޮށްލައިގެން އެކަން ކާމިޔާބު ކުރެވިދާނެ އެވެ.
ކިޔަވައިދިނުމުގައި ޓީޗަރުން ހޭދަކުރާ ވަގުތަށް ބަލާއިރު ދެނީ އެކަށީގެންވާ މުސާރައެއް ނޫނެވެ. އަދި ދިވެހި ޓީޗަރުންނާ ބިދޭސީ ޓީޗަރުން ތަފާތު ކޮށްގެން މުސާރަ ދޭ މައްސަލަ ވެސް އެއީ ވަރަށް ބޮޑު މައްސަލަ އެެކެވެ. ވަރަށް ގިނަ ޓީޗަރުންގެ ކަންބޮޑުވުން އޮންނަ ކަމަކަށް އެކަން ވެއެވެ.
މިސާލަކަށް އިންޑިއާ ޓީޗަރުން ޗުއްޓީގައި ކެރެލާއަށް ދާން ދެކޮޅު ޓިކެޓް ހަމަޖެހެ އެވެ. ލިވިންއެލަވަންސަށް ހެޔޮވަރު އަދަދެއް ހަމަޖައްސައިދެ އެވެ. އެއީ އެލަވަންސްތައް ދިވެހި ޓީޗަރުންނަށް ވެސް ހައްގެވެ. އެކަމަކު ޒަމާނުއްސުރެ ދިވެހި ޓީޗަރުންނަށް ހަރުދަނާ ގޮތެއްގައި މިކަން ކަން ހަމަޖެހި އެެލަވަންސެއް އެގޮތަށް ލިބޭނެ ގޮތެއް ނުވެއެވެ. ބައެއް ފަހަރު ސުކޫލްތަކުގެ ޕްރިންސިޕަލުންނަށް އެފަދަ އެލަވަންސްތަކެއް ލިބެ އެވެ. އެކަަމަކު ހުރިހާ ޓީޗަރުންނަށް އެ އެލަވަންސްތަކެއް ނުލިބެ އެވެ.
ދިވެހި ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަނެއް ނުކުރެވޭ. ކިހާ ކުދިންނެއް އެކި މާއްދާތަކުން ގްރެޖުއޭޓް ވަނީ. ބޭރު މީހުން ނުގެނެސް ފަރުނުޖެހޭ ކަމަށް ބުންޏަސް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން.ރަށެއްގެ ސްކޫލް ޓީޗަރެއް
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި ބޭރު ޓީޗަރުންނަށް ދޭގޮތަށް ދިވެހިންނަށް ވެސް ކެއުމާއި ބޯހިޔާވަހި ކަމަށް ވަކިން އެލަވަންސް ދޭން ޖެހެ އެވެ. އަދި އެމީހުންނަށް އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ އެވެ.
"ދިވެހި ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަނެއް ނުކުރެވޭ. ކިހާ ކުދިންނެއް އެކި މާއްދާތަކުން ގްރެޖުއޭޓް ވަނީ. ބޭރު މީހުން ނުގެނެސް ފަރުނުޖެހޭ ކަމަށް ބުންޏަސް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. އެމީހުންނަށް ދަތުރު ހަރަދު، ކެއުމާ ހުރުމަށް އެލަވަންސް ލިބޭ. ދިވެހިންނަށް އެ އުސޫލުން ކަންކޮށްދޭ ނަމަ މަސައްކަތް ކުރާނެ. ވަޒީފާ އަށް ވެސް ކުރިމަތިލާނެ،" މެދު އަތޮޅުތަކުގެ ރަށެއްގެ ޓީޗަރަކު ބުންޏެވެ.
ދިވެހިން އެއްފަރާތް ކޮށްލާފައި އަރަބި ބަހާއި ގުރުއާން ކިޔަވައިދޭން އިންޑިއާ އިން ޓީޗަރުން ގެނައި މައްސަލާގައި ހުރި ކަންބޮޑުވުންތަކަށް މިނިސްޓްރީން ހައްލު ހޯދައިދޭން ޖެހޭނެ އެވެ. އެކަން ކުރި ސަބަބުތައް މިހާރަށް ވުރެ ތަފްސީލް ކޮށް ބުނެދޭން ވެސް ޖެހޭނެ އެވެ. ދިވެހިން ކުރިމަތިނުލާނަމަ އެކަމަށް ހައްލު ހޯދުމަށް ސިޔާސަތުތައް ބަދަލު ކުރުމަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ޒިންމާ އެކެވެ. އެކަމަކު އެކަމެއް މި ސަރުކާރަކުން ނުކުރާނެ އެވެ. ބުނާނީ "ލިބޭކަށް ދިވެހިންނެއް ނެތޭ" އެވެ. އަދި "ލިބޭން ތިބީ އިންޑިއާ މީހުނޭ" އެވެ. އެކަމަކު ސަރުކާރުގެ މި ނިންމުމަކީ ދިވެހި އިންޑިއާގެ "ހިތާވުމު" ގެ ތެރެއިން ރާއްޖެއަށް ލިބޭނެ ގެއްލުމެކެވެ.