މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސިޓީ އާންމުވުމުން އާޔަތްތައް އުނިކުރަން މަޝްވަރާ ކުރި ކަމަށް އެއްބަސްވެއްޖެ

ކުރިއަށް އޮތް 2022-2023 ގެ ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން މަޝްވަރާކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަމަށް އެެއްބަސްވީ ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިޔުކޭޝަން މިނިސްޓްރީން، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަން (އެންއައިއީ) އަށް ފޮނުވި ސިޓީއެއް ލީކުވެފައިވަނިކޮށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.

ބަޔާނުގައި ބުނީ އެންއައިއީއަށް ފޮނުވި ސިޓީއަކީ ދަރިވަރުން ކިޔެވުމަށް ކުރިން ނެރުނު ފޮތްތަކުގައި ކުރީގެ ބައެއް ޗާޕުތަކުގައި ގުރުއާނުގެ ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފަހާގަކުރެވިގެން އެކަން ހައްލުކުރުމުގެ ގޮތުން ފޮނުވި ސިޓީއެއް ކަމަށެވެ.

މިނިސްޓްރީން ބުނީ އެންއައިއީއަށް ފޮނުވި ސިޓީއަކީ އެއްވެސް ހާލެއްގައި ދަރިވަރުން ގުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ގޮތުން ފޮނުވި ސިޓީއެއް ނޫން ކަމަށެވެެ.

"އެގޮތަށް މަޝްވަރާކުރެވުނީ ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރުނުވާނެ ގޮތަށް މި ފޮތްތައް ނައްތާލައިރު ގުރުއާނުގެ އާޔަތްތައް އިހާނާތިކޮށް ބައެއް ފަހަރު އަމަލު ކުރެވޭ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީ އެެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ގުރުއާނުގެ އާޔަތްތަކެއް އުނިކުރުމުގެ މަޝްވަރާތަކެއް ފެންމަތިވީ ހަތަރު ގްރޭޑެއްގެ ފޮތްތަކުގައި ގުރުއާންގެ އާޔަތެއް ޗާޕް ކުރުމުގައި ކުށް ހުރިކަން ފާހަގަވެގެން އެ މައްސަލަ ހޫނުވިތާ ތިން މަސް ނުވެ އުޅުނިކޮށެވެ.

މައްސަލަ ހޫނުވުމުން އެޑިޔުކޭޝަން މިނިސްޓްރީން ފަހުން ވަނީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޕްރޫފް ރީޑިން / ކުށް އަޅާކިޔުމުގެ ސްޓޭޖް ހަރުދަނާ ކުރުމުގެ ގޮތުން މިނިވަން ޕެނަލެއް ހިމެނޭ ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ އިސްލާމް ފޮތާއި ގުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫޕްރީޑިން ވަރުގަދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިފަހަރު ފޮތްތައް ޗާޕުކުރާއިރު ކުށްތައް އިސްލާހުވެފައިވާކަން ވެސް ކަށަވަރުކުުރުމަށް ވެސް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މާފަށް ވެސް އެދިފަ އެވެ.

މިނިސްޓްރީން، އެންއައިއީއަށް ވޮނުވި ސިޓީގައި ބުނެފައިވަނީ ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަކުރެވުނު މައްސަލަތައް އިސްލާހު ކުުރުމުގެ މަސައްކަތް ކުރައްވާއިރު ގުރޭޑް އެކަކުން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރައްވާ އާޔަތް ލިޔުއްވުމުގެ
ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވާ ޚަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށެވެ. އަދި 2022-2023 ވަނަ ދިރާސީ އަހަރުގެ ފޮތްތައް ޗާޕުކުރުމަށް އެ މިނިސްޓްރީއަށް ފޮނުވާއިރު އެ ގޮތަށް ބަދަލުކޮށް ފޮނުވުމަށްވެސް ވަނީ އަންގާފަ އެވެ.

މި ސިޓީ އާންމުކުުރުމާ ގުޅިގެން ދީނީ އިލްމުވެރިންނާއި އާންމުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާ އިލްމުވެރިން ކަމަށްވާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް އާއި ޝައިހް އަލީ ޒައިދު ފަދަ ބޭފުޅުން ގެންދަވަނީ އެ ސިޓީގެ ސައްހަކަން ކަށަވަރުކޮށް ދިނުމަށް އެޑިޔުކޭޝަންގައި އެދެމުންނެވެ.