ޑރ. އައިޝަތު އަލީ

ފޮތްތަކުގައި މައްސަލަ ހުރީ 2015 އިން ފެށިގެން

ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް އޮތް އޮތުމަކީ 2015 ވަނަ އަހަރުން ފެށިގެން އޮތް ކުށެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ގްރޭޑް އެކެއް އަދި ދޭއްގެ ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް މިދިޔަ ހަފްތާ ވަނީ ފެންމަތިވެފަ އެވެ. އަދި އިއްޔެ ވަނީ ގްރޭޑު ދޭއް އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަން ހާމަވެފަ އެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ފޮތްތައް ބޭނުންކުރަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އެކެއް އަދި ދޭއްގެ ފޮތްތަކަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއް ކަމަށެވެ. އެ ފޮތްތަކުގައި ކުށް ހުރިކަން ސަމާލުކަމަށް އައި ހިސާބުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އޭރު ފޮތްތައް ޗާޕްކުރިއިރު ޕްރޫފް ރީޑް ކުރި ކަމަށާއި އަދި އިސްލާމިކް މިނިސްޓްރީން ބެލުމަށްފަހު ފޮތްތައް ވަނީ ފާސްކޮށްފައި ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްފާވަ އެވެ. މިހެން ދިމާވެފައި މިވަނީ މި ދެ މަރުހަލާގައި ވެސް އެންމެ އެކަށީގެންވާ ވަރަށް ބެލިފައި ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ ފޮތްތަކުން ކުށް ފެނުމަކީ އަބަދުވެސް ދިމާވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ޤުރުއާނުގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުށް ފެނިފައިވާ ފޮތްތަކުގައި ބައެއް އާޔަތްތައް ނުބައިކޮށް ލިޔެވިފައި އޮތީ ކީއްވެގެންކަމާއި އެކަމުގައި އިހުމާލުވެފައިވަނީ ކޮންބައެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހުރިހާ ދުވަހު މުދައްރިސުން އެފޮތްތަކުން ކިޔަވައިދެމުން ދިޔައީ އެ ކުށްތައް އިސްލާހުކޮށްގެން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން އެނގުނީ މި މައްސަލަ ފެންމަތިވުމާއި ގުޅިގެން މުދައްރިސުންނާ ސުވާލުކުރުމުން ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ފޮތްތަކުގައި ކުށްކުރި މައްސަލަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ފާހަގަކުރެއްވިއިރު އެ ފޮތްތައް ބަލައި ޗެކް ކުރީ ޝަހީމްގެ އިސްލާމިކް މިނިސްޓަރު ކަމުގައި ކަމަށެވެ. އަދި އެޑިޔުކޭޝަނުން ފޮތްތައް ބަލައިގެންއިރު އޭރު އެކަމުގައި އިސްކޮށް ހުންނެވީ މަޑުއްވަރީ ދާއިރާގެ މިހާރުގެ މެންބަރު އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އެވެ.

ގުރޭޑް އެކެއްގެ ފޮތުގައި ނުބައިކޮށް ލިޔެފައިވަނީ ސޫރަތުލް ނަބައުގެ 24 ވަނަ އާޔަތުގެ މެދު ތެރެއިންނެވެ. އެހިސާބުން އެ ސޫރަތުގެ ތެރެއަށް ވަދެފައިވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތެވެ.

ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލަ ހާމަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ދީނީ އިލްމުވެރިން ގެންދަވަނީ އެ ފޮތްތައް ދަރިވަރުންގެ އަތުން ނެގުމަށްފަހު އެކަން ރަނގަޅުކުރުމަށް އެދިވަޑައިގަންނަވަމުންނެެވެ. އަދި ބައެއް އިލްމުވެރިން ގަބޫލުކުރައްވާ ގޮތުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެވިފައިވަނީ އޮޅުމަކުން ނޫނެވެ.