ހަތަރު ގްރޭޑެއްގެ ފޮތްތަކުގައި ގުރުއާންގެ އާޔަތެއް ޗާޕް ކުރުމުގައި އޮޅިފައިވާތީ، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޕްރޫފް ރީޑިން / ކުށް އަޅާކިޔުމުގެ ސްޓޭޖް ހަރުދަނާ ކުރުމުގެ ގޮތުން މިނިވަން ޕެނަލެއް ހިމެނޭ ކޮމެޓީއެއް އެޑިއުކޭޝަނުން އެކުލަވާލައިފި އެވެ.
މައްސަލަ ދިމާވެފައި ވަނީ ގްރޭޑް އެކެއް، ދޭއް، އަދި 10 އަކާއި 12 އިގެ ފޮތްތަކުގަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ހަތަރު ގްރޭޑެއްގެ ފޮތްތަކުން މައްސަލަ ފާހަގަ ވެފައިވާ ކަމަށެވެ. އެހެންވެ ސްކޫލް ކުދިންގެ ހުރިހާ ފޮތްތަކެއް ސަބްޖެކްޓް ޓީޗާ ޕެނަލަކުން ބަލަން މިހާރު ހަމަޖައްސާފައި ވާނެ ކަމަށެވެ. އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފޮތްތައް ޗެކް ކުރަމުންދާއިރު އިތުރު ކަންކަން ފާހަގަ ވެއްޖެ ނަމަ އެކަން ވެސް އިސްލާހު ކުރަމުން ގެންދާނެ ކަމަށާއި އެކަން ކުރާ ގޮތް ސްކޫލްތަކަށާއި ބެލެނިވެރިންނަށް ހިއްސާ ކުރަމުންދާނެ އެވެ.
ފޮތްތަކުގައި ގުރާންގެ އާޔަތެއް ޗާޕް ކުރުމުގައި އޮޅިފައިވާ މައްސަލަ ދިމާވާން މެދުވެރިވި ސަބަބާއި މިކަމުގައި އިހުމާލުވި ފަރާތްތައް ބެލުމަށް ވަކި ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ކޮމިޓީގެ މަސައްކަތް އިއްޔެ ވަނީ ފަށާފައި. އެ މަސައްކަތް ނިންމައި ހަފުތާއެއްގެ ތެރޭގައި ރިޕޯޓް ދިނުމަށް އެދިވަޑައިގެންފައި ވާނެ. އަދި އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނަން." މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ
މިނިސްޓަރު ވިދާޅުވީ ގްރޭޑް އެކެއްގެ ފޮތް ފިޔަވައި އެހެން ފޮތްތައް ބޭނުން ކުރަަން ފެށީ މިދިޔަ ސަރުކާރުގައި ކަމަށެވެ. ކުށް ލިޔެވިފައިވާ ފޮތްތައް ބޭނުން ކޮށްގެން މިހާތަނަށް ޓީޗަރުން ބޭނުން ކުރަމުން އައީ އެތަންތަން ރަނގަޅު ކޮށްގެން ކަމަށެވެ. މިފަދަ ކުށްތައް ރިޕޯޓް ކުރުމަށް ހާއްސަ އިންތިޒާމްތަކެއް މިހާރު ހަމަޖައްސައިފައިވާނެ ކަމަށެވެ.
"ގުރުއާން އާޔަތް ޗާޕް ކުރުމުގައި ކުށެއް ޖެހުނު މައްސަލަ ފެންމަތިވެފައިވާތީ، އެފަދަ ކަންކަން ދިމާވިޔަ ނުދޭން މިނިސްޓްރީ ތެރެއިން ހަރުދަނާ ކުރަންޖެހޭ ކަންކަން މިހާރު ކޮށްފައި ވާނެ". މިނިސްޓަރު ވިދާޅުވި އެވެ.
މައްސަލަ ޖެހުނު އާޔަތްތައް ރަނގަޅު ކުރުމަށް ފަހު މިހާރު ސުކޫލްތަކަށް ފޮނުވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.