އިސްލާމިކް މިނިސްޓްރީ

"ފޮތްތައް ބެލުމުގައި ގޯސް ހެދުނުކަން ގަބޫލު ކުރަން"

ޓެކްސްޓް ފޮތްތައް ޗާޕު ކުރިއިރު ގުރުއާންގެ އާޔަތްތަކެއް ބަދަލުވެފައިވާ މައްސަލާގައި އިސްލާމިކް މިނިސްޓްރީއަށް ގޯސް ހެދިފައި ވާކަން ގަބޫލް ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ސްކޫލް ކުދިންގެ ފޮތްތައް ޗާޕް ކުރަނީ އިސްލާމިކް މިނިސްޓްރީން ރިވިއު ކުރުމަށް ފަހުގަ އެވެ. ފޮތްތަކުގައި ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު ޒާހިރު ވިދާޅުވީ "އެއީ ވަރަށް ދެރަވަރު" ގެ ކަމެއް ކަމަށެވެ. އަދި "އެއީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ފޮތްތައް ރިވިއު ކުރަނީ އެޑިއުކޭޝަންގެ ފޮތްތައް ލިޔާ ޑިޕާޓްމަންޓުން ޕްރޫފްރީޑް ކޮށް ޗެކް ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެ ޑިޕާޓްމަންޓުން އާޔަތްތައް ނަގަނީ މުސްހަފުލް މަދީނާއިން ކަމަށެވެ.

ފޮތްތައް ރިވިއު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ފޮތް ފާސް ކުރާ ކޮމިޓީއެއް އޮވެ އެވެ. މިނިސްޓަރު ވިދާޅުވީ އެ ކޮމިޓީގެ މެމްބަރުންނަކީ ކުރިން ވެސް ތިއްބެވި ބޭފުޅުން ކަމަށާއި އެއީ ތަޖުރިބާކާރު އިލްމުވެރިން ކަމަށެވެ.

"ފޮތް ކޮމިޓީގެ ބޭފުޅުން ވަރަށް ރަނގަޅަށް ޗެކް ކުރާނެ. އެކަމު މިފަހަރު މި ވަނީ އަޅުގަނޑުމެންގެ އަތްދަށުން ގޮސްފައި ގަބޫލް ކުރަން ގޯސް ހެދިފައިވާ ކަމަށް." މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.