މިނިސްޓްރީ އޮފް އެޑިއުކޭޝަން

ފޮތްތަކުގައި ކުށެއްވާނަމަ އަންގަން އެދިއްޖެ

ސްކޫލްތަކުގައި މިހާރު ބޭނުންކުރަމުންދާ އިސްލާމް އަދި ޤުރުއާން ފޮތްތަކުގައި އެއްވެސް ކުށެއް ހުރި ކަމަށް ފާހަގަކުރެވޭނަމަ އެ ކުށެއް ފާހަގަކޮށް ހުށަހެޅުމަށް އާންމުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސްކޫލުތަކުގައި މިހާރު ބޭނުންކުރަމުންދާ އިސްލާމް އަދި ޤުރުއާން ފޮތްތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ފޮތްތަކުގައި އިސްލާހު ކުރަންޖެހޭ ކަމަށް ފެންނަ އެއްވެސް ކުށެއް ފާހަގަކުރެވިފައިވާނަމަ، އެފަދަ ކުށެއް ހިމެނޭ ފޮތާއި ސޮފްހާ ނަންބަރު އެނގޭހެން ލިޔުމަށްފަހު، އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ގްރޭޑް އެކެއް، ދޭއް، އަދި 10 އަކާއި 12 އިގެ ފޮތްތަކުގައި ޤުރުއާންގެ އާޔަތެއް ޗާޕް ކުރުމުގައި އޮޅުން އަރާފައިވާތީ، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޕްރޫފް ރީޑިން / ކުށް އަޅާކިޔުމުގެ މަރުހަލާ ހަރުދަނާ ކުރުމުގެ ގޮތުން މިނިވަން ޕެނަލެއް ހިމެނޭ ކޮމިޓީއެއް ވެސް އެޑިޔުކޭޝަން މިނިސްޓްރީ ވަނީ އުފައްދާފަ އެވެ.

ފޮތްތަކުގައި ޤުރުއާންގެ އާޔަތެއް ޗާޕް ކުރުމުގައި އޮޅިފައިވާ މައްސަލަ ދިމާވާން މެދުވެރިވި ސަބަބާއި މިކަމުގައި އިހުމާލުވި ފަރާތްތައް ބެލުމަށް ވަކި ހާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފަ އެވެ. އަދި އަދި އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކުދިންގެ ފޮތްތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފޮތްތައް ނެގުމަށްފަހު މައްސަލަ ޖެހުނު އާޔަތްތައް ރަނގަޅު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސްކޫލުތަކަށް ސާކިއުލާއެއް ވެސް ފޮނުވާފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ ޤުރުއާން އާޔަތްތައް ޗާޕް ކުރުމުގައި ކުށެއް ޖެހުނު މައްސަލަ ފެންމަތިވެފައިވާތީ، އެފަދަ ކަންކަން ދިމާވިޔަ ނުދޭން މިނިސްޓްރީ ތެރެއިން ހަރުދަނާ ކުރަންޖެހޭ ކަންކަން މިހާރު ވެސް ކޮށްފަ އެވެ.