ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ގާތު އިސްލާމް ދީނާ ހިލާފު ވާހަކަ ދެއްކި ބިދޭސީ ޓީޗަރަކު ސަސްޕެންޑް ކޮށްފި އެވެ.
ސަސްޕެންޑް ކޮށްފައިވަނީ ސ. އަތޮޅު މަދަރުސާގެ ގްރޭޑް އަށަކަށް ކިޔަވައިދޭ އިންޑިއާގެ ޓީޗަރެކެވެ. އެ މީހާ ވަނީ ދަރިވަރުން ގާތުގައި ކީރިތި ގުރުއާނަށް ފުރައްސާރަކޮށް އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކާފަ އެވެ.
މި މައްސަލައިގައި އެ ޓީޗަރާމެދުގައި ފިޔަވަޅެއް އަޅައިފިތޯ އަވަސް އިން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ ވިދާޅުވީ ސްކޫލަށް ހާޒިރު ނުވެވޭނެ ހެން އެ ޓީޗަރު މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށެވެ.
"އެ ޓީޗަރު މިހާރު ވަނީ ވަޒީފާއިން އެކަހެރި ކޮށްފައި. އޭނާ ހުންނާނީ ގޭގައި. ސްކޫލައް އަދި ދަރިވަރުންނާއި އެއްވެސް ކޮންޓެކްޓެއް ނުކުރެވޭނެ." އަހުމަދު އަލީ ވިދާޅުވި އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ކަން ހިނގައިދިޔަ ގޮތް ބެލުމަށް ފަހު އަތޮޅު މަދަރުސާއިން މިނިސްޓްރީއަށް ރިޕޯޓެއް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މައްސަލައިގައި އިތުރު ފިޔަވަޅު އަޅާނީ އެ ރިޕޯޓު ލިބުމުން،" އޭނާ ވިދާޅުވި އެވެ.
ސްކޫލްތަކުގައި އިސްލާމްދީނާއި ހިލާފު ވާހަކަތައް ޓީޗަރުން ދައްކާ މައްސަލަތައް ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ.