ގުރުއާންގެ އާޔަތްތަކުގެ މައްސަލަ ދިމާވި ގްރޭޑް އެކެއްގެ ފޮތްތައް ދަރިވަރުންގެ އަތުން ނަގަން އަންގައިފި އެވެ.
މިކަން އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހް ވަނީ އަވަސް އަށް ޔަގީން ކޮށްދެއްވާފަ އެވެ. ގްރޭޑް އެކެއްގެ ގުރުއާން ފޮތްތަކުގައިވާ ކުށް ރަނގަޅު ކުރުމަށް އެޑިއުކޭޝަނުން ސާކިއުލާއެއް ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ދަށުން އަމަލު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މަމްދޫހް ވިދާޅުވީ އެޑިއުކޭޝަނުން އަންގާފައިވަނީ ކުދިންގެ ފޮތްތައް ސްކޫލުން ނެގުމަށެވެ. އަދި ދިމާވެފައިވާ މައްސަލަ އިސްލާހު ކުރުމަށް ފަހުގައި ފޮތްތައް ދަރިވަރުންނަށް ދިނުމަށެވެ. މައްސަލަ ހައްލު ކުރެވެންދެން ކުދިންގެ ކިޔެވުމަށް ބުރުނާރާނެ ގޮތަށް ކްލާސްތައް ކުރިއަށް ގެންދިއުމަށް ވެސް އިރުޝާދު ލިބުނު ކަމަށް ވިދާޅުވި އެވެ.
ގްރޭޑް އެކެއްގެ ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފެންމަތިވީ މިދިޔަ ހަފްތާގަ އެވެ. އަދި އިއްޔެ ވަނީ ގްރޭޑު 2 އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަން ހާމަވެފަ އެވެ. މިކަމާ ގުޅިގެން ބައެއް އިލްމުވެރިން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ނެވެ
މިމައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤުރުއާން ފޮތުގައި ދިމާވި މައްސަލަ ހައްލުކުރަން ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ފޮތްތައް ޕްރިންޓް ކުރުމުގެ ކުރިން އެންއައިއީ އަދި އިސްލާމިކް މިނިސްޓްރީން ޗެކްކުރި ކަމަށާއި އެ މައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.