ކީރިތި ގުރުއާން

ގުރްއާން އިހްތިޔާރީ މާއްދާއަކަށް ހެދުމާ ދެކޮޅު ޕެޓިޝަނެއް

މި އަހަރުން ފެށިގެން އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލައި ގުރުއާނަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލާ ޕެޓިޝަނެއް ހަދަން ފަށައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅަން ތައްްޔާރު ކުރާ މި ޕެޓިޝަންގައި ބުނެފައި ވަނީ ދަރިންނަށް ކީރިތި ގުރުއާން އުނގަންނައިދިނުމުގެ މަރުހަލާ ތަކުގައި އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑު އިހްމާލުވަމުންދާ ކަމަށދވ. އަދި ދަރިވަރުންގެ ފެންވަރު ހިފެހެއްޓުމަށް ގައުމީ ފެންވަރުގައި އެސްއެސްއީ އިމްތިހާނު ދިނުމަށް ކަނޑައަޅާފައި ވަނިކޮށް، ކީރިތި ގުރްއާން މާއްދާ އިމްތިހާނު ނުކުރާ މާއްދާއެއް ކަމަށް ހަދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގުރުއާން މާއްދާ ކިޔެވުމާ ދުރުކޮށް މަޖުބޫރު ނޫން މާއްދާއެއް ގޮތަށް ހަދަން މަގުފަހި ކުރަމުން ދާ ކަމަށެވެ.

އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް ހިނގަމުންދާ މަސައްކަތްތައް ހުއްޓުވައިދީ އޭގެ ބަދަލުގައި ގުރްއާނަކީ ކަނޑައެޅިގެން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދަމަހައްޓަވައި ދެއްވުމަށް އެ ޕެޓިޝަންގައި ރައީސް ސޯލިހަށް ގޮވާލައްވާފައި ވެއެވެ.

"ގުރްއާން މާއްދާގެ މަޖުބޫރުކަން މިފަހަރުގެ އިމްތިހާނުގައި އިހްތިޔާރީއަށް ބަދަލުކޮށްފިނަމަ، ކުރިއަށްއޮތް މުސްތަގްބަލުގައި އެ މާއްދާ އަނބުރާ މަޖުބޫރު މާއްދާއަކަށް ބަދަލު ކުރުމަކީ ނުހަނު ބުރަ އުނދަގޫ ގުރުބާނީއެއް ވެގެން މެނުވީ ދެން ކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ޔަގީންކުރެވޭ. އަދި އެއީ މަދު ބައެއް ފަރާތްތަކުން ދުރާލާ ރާވައިގެން އެކަން ކުރަން މަސައްކަތް ކުރާތާ އެތައް ޒަމާނެއްވެފައިވާ ކަމެއްކަން ވެސް އަޅުގަނޑުމެން ދަންނަން." ޕެޓިޝަންގައި ބުނެފައިވެއެވެ.

ގުރްއާނަކީ އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމަށް ކުރިން މަސައްކަތް ކުރުމުންވެސް ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ. ނަމަވެސް މި ސަރުކާރުން ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ހަދަން މަސައްކަތް ކުރާ ކަމަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭ ބަހެއް މިނިސްޓްރީން ލިބޭގޮތެއް ނުވިއެވެ.