އަމީން އިބްރާހިމް

ހަމައެކަނި ގުރުއާންގެ އާޔަތްތައް ބަދަލުވީ ކީއްވެ؟

މަދަރުސާ ކުދިންނަށް ކިޔަވައިދޭ ޓެކްސްޓް ފޮތްތައް ޗާޕު ކުރިއިރު ހަމައެކަނި ގުރުއާންގެ އާޔަތްތައް ބަދަލުވެފައި ހުރިހުރުމަކީ ދެވަނަ ވިސްނުމަކުން ވިސްނާލަން ޖެހޭ ކަމެއް ކަމަށް ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގްރޭޑް އެކެއްގެ ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފެންމަތިވީ މިދިޔަ ހަފުތާގަ އެވެ. އަދި އިއްޔެ ވަނީ ގްރޭޑު ދޭއް އަދި 12 އިގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަން ހާމަވެފަ އެވެ. އޭގެ ފަހުން އިތުރު ދެ ގުރޭޑެއްގެ ފޮތްތަކުގައި ވެސް ގުރުއާންގެ އާޔަތްތައް ލިޔެފައި ވަނީ ނުބައިކޮށްކަން ވަނީ ހާމަވެފަ އެވެ.

އެކަމާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު އަމީން ވިދާޅުވީ އެންމެ ފަހު މަރުހަލާގައި ވެސް ޕްރޫފް ރީޑްކުރުމުގެ ޒިންމާ ކަމާގުޅޭ ފަރާތުން އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި ޓެކްސްޓް ފޮތްތައް ޗާޕުކުރާއިރު ހަމައެކަނި ގުރުއާންގެ އާޔަތްތައް ބަދަލުވެފައި ހުރުމަކީ ދެވަނަ ވިސްނުމަކުން ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.

މިމައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤުރުއާން ފޮތުގައި ދިމާވި މައްސަލަ ހައްލު ކުރަން ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ފޮތްތައް ޕްރިންޓް ކުރުމުގެ ކުރިން އެންއައިއީ އަދި އިސްލާމިކް މިނިސްޓްރީން ޗެކްކުރި ކަމަށާއި އެ މައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ގުރުއާންގެ އާޔަތްތަކުގެ މައްސަލަ ދިމާވި ފޮތްތައް ދަރިވަރުންތަކުގެ އަތުން އަތުލުމަށް އެޑިއުކޭޝަނުން މިހާރު ވަނީ އަންގާފަ އެވެ. އަދި ދިމާވެފައިވާ މައްސަލަ އިސްލާހު ކުރުމަށް ފަހުގައި ފޮތްތައް ދަރިވަރުންނަށް ދިނުމަށް ވަނީ އަންގާފަ އެވެ.