ޝައިހް އިލްޔާސް ހުސައިން

ގުރުއާނުން ޓެސްޓް ނުދޭން ނިންމުމުން އިލްޔާސް ކަންބޮޑުވެއްޖެ

ކީރިތި ގުރުއާން ކިޔަވައިގެން ފެއިލް ނުވާނެ ކަމަށާ ދަރިވަރުން ފެއިލްވެދާނެ ކަމަށް ބުނެ ޕެޓިޝަން ހުށައަޅައިގެން ގުރުއާނުން ޓެސްޓް ނުދޭން ގޮވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

ޝައިހް އިލްޔާސް މިހެން ވިދާޅުވީ ރޭ އަލިމަސް ކާނިވާގައި ބޭއްވި "އިސްރާ އާއި މިއުރާޖު" ދަރުސްގަ އެވެ.

އިލްޔާސް ވިދާޅުވީ ކީރިތި ގުރުއާނަކީ ހިތްތަކުގައިވާ ހުރިހާ ބަލިތަކަށް އޮތް ޝިފާ ކަމަށާ ނަމަވެސް ދަރިންނަށް މާ ހެޔޮ އެދޭ ކަމަށް ދެއްކިގެން ގުރުއާނުން ޓެސްޓް ނުދޭން ގޮވާލަމުންދާ ބަޔަކު ރާއްޖޭގައި މިހާރު އެބަތިބި ކަމަށެވެ.

ގުރުއާނަކީ ކިޔެވި ވަރަކަށް ހިތްއަލިކޮށްދޭނެ އެއްޗެއް ކަމަށާ އެއީ ކިޔެވި ވަރަކަށް އެ ގުރުއާނަށް ހިތްލެނބޭ، ހިތަށް އުފާވެރިކަން ގެނެސްދޭ އެއްޗެއް ކަމަށެވެ.

ޝައިހް ވިދާޅުވީ އެހެން އޮތް ނަމަވެސް ސައްތައިން ސައްތަ އިސްލާމީ މި ގައުމުން މިހާރު ފެންނަމުންދަނީ ޕެޓިޝަން ހުށައަޅައިގެން ގުރުއާނުން ޓެސްޓް ނުދޭން ގޮވާލާ މަންޒަރު ކަމަށެވެ.

"...ﷲ ސުބުޙާނަހޫވަތައާލާ ބާއްވާލެއްވި ފޮތަކީ [ކީރިތި ގުރުއާން] ޝިފާއެއް، ރަހުމަތެއް، ހިދާޔަތެއް، އަލިގަދަ ނޫރެއް. މި ފޮތުގައި ނެތް ދަތި އުނދަގޫ އެއްވެސް ކަމެއް... އެކަމަކު އެ ޔަގީންކަން މިއަދު [ދިވެހި ރާއްޖެއިން] އަޅުގަނޑުމެންނަށް ގެއްލިއްޖެ. އިސްރާއާ މިޢުރާޖުގެ ހާދިސާއިން ލިބިގަންނަންޖެހޭ އެންމެ ވަރުގަދަ ފިލާވަޅަކީ ﷲ ގެ ހަސްރަތާމެދު ބާއްވަންޖެހޭ ޔަގީންކަން..." އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވާއިރު ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލު ކުރުން ފަސް ކުރަން އެޑިއުކޭޝަން މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ ނިންމާފަ އެވެ.

ކީރިތި ގުރުއާން އިހުތިޔާރީ މާއްދާއަކަށް ހަދާ، ގުރުއާނަކީ އިމްތިހާނު ނުކުރެވޭ މާއްދާއަކަށް ހަދަން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް އެޑިއުކޭޝަނުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު، އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައި ވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް ފުރިހަމައަށް ލިބެންޖެހޭ ކަމަށެވެ.

"ކީސްޓޭޖް 4 ގައި މިހާރު ތިބި ދަރިވަރުންނަކީ މި ބަޔާންކުރި ތަރުތީބުން ގައުމީ މަންހަޖު ފުރިހަމަ ކުުރުމުގެ ފުރުސަތު ލިބިފައި ނުވާ ދަރިވަރުން. މި ތަރުތީބު ފުރިހަމަނުކޮށް މަންހަޖެއް ތަންފީޒު ކުރުމަކީ އެ މަންހަޖެއްގެ ފުރިހަމަ އަރުތަ ދަރިވަރުންނަށް ހާސިލްވުމަށް ހުރަސް އެޅޭނެ ކަމެއް،" ސާކިއުލާގައި ވެ އެވެ.

އެޑިއުކޭޝަނުން ބުނީ މިހާރު ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައި ދޭން ފެށީ އަލަށް ކަމަށް ވުމުން އެ ފެންވަރުގައި ކީރިތި ގުރުއާން ކިޔަވައި ދިނުމުގަ އާއި އިމްތިހާނު ކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން ކީ ސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ކީރިތި ގުރުއާން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވި ކަމަށެވެ. -- ކީސްޓޭޖް 4 ކީ ގުރޭޑް ނުވައެއް 10 ގެ ދަރިވަރުންނެވެ --

"... މި ކަންކަމަށް ރިޔާއަތްކޮށް، ކީސްޓޭޖް 4 އެއްގެ މުގައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ކަނޑައަޅާފައިވާ އިމްތިހާނު ކުރުމުގެ އުސޫލަށް އަމަލު ކުރުން ފަސް ކޮށްލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުުރުމަށްފަހު މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް މަޝްވަރާ ކުރެވުނު ގިނަ ފަރާތްތަކަށް ފެންނާތީ އެވެ."

އެޑިއުކޭޝަނުން ބުނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސުކޫލްތަކުގައި ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މިގޮތަށް ކަން ހިނގާފައިވާއިރު މި އަހަރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނަށް އޯލެވެލް އިމްތިހާނުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ޤުރްއާން މާއްދާ ހިމެނުމުން އެ ކަމުގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ބެލެނިވެރިންތަކެއް ސޮއި ކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވެއެވެ.

ޕެޓިޝަންގައި ސޮއިކުރި ބެލެނިވެރިންގެ ފަރާތުން މަޖިލީހަށް މި ޕެޓިޝަން ހުށަހަޅުއްވައި ދެއްވީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ އެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕެޓިޝަންގައިވާ ކަންކަން ފާހަގަ ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި އަހަރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނަށް އިމްތިހާން ދޭ މާއްދާތަކުގެ ތެރޭގައި ޤުރްއާން މާއްދާ ހިމަނާފައިވާ ކަމަށް އަންގާފައި ނުވާ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވާ ކަމަށެވެ.

"ދަރިވަރުންނާއި ޓީޗަރުން ތަމްރީން ނުކޮށް، ކުއްލިއަކަށް ގުރްއާން މާއްދާގެ އިމްތިހާނެއް ބޭއްވުމަށް ކަނޑައެޅުން. އެސްއެސްއީ އިމްތިހާނަށް ދަރިވަރުން އަހުލުވެރި ކުރި ގޮތާއި އިމްތިހާން ތައްޔާރު ކުރި ގޮތް ތަފާތުވުން. މަހުރަޖުތަކުންނާއި ތަޖުވީދުން މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތާއި ސްކޫލްތަކުން ކިޔަވައި ދީފައިވާ ގޮތް ތަފާތުވުން." ޕެޓިޝަންގައިވާ ކަންކަން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ޕެޓިޝަންގައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް އެ ޕެޓިޝަން ފޮނުވާފައިވާނެ ކަމަށެވެ.

މި ޕެޓިޝަންގައި ސޮއިކުރި ބެލެނިވެރިންގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގެ 77 ބެލެނިވެރިން، ކަލާފާނު ސްކޫލްގެ 64 ބެލެނިވެރިން، ބިލަބޮންގް ސްކޫލްގެ 53 ބެލެނިވެރިންގެ އިތުރުން ހުރަވީ ސްކޫލްގެ 46 ބެލެނިިވެރިން ހިމެނެ އެވެ. ހެނބަދޫ ސްކޫލްގެ 33 ބެލެނިވެރިނާއި އަމީނިއްޔާ ސްކޫލްގެ 25 ބެލެނިވެރިނާއި އިސްކަންދަރު ސްކޫލްގެ 20 ބެލެނިވެރިން ވެސް ހިމެނެ އެވެ.

އަދި އަހްމަދިއްޔާ ސްކޫލްގެ 15 ބެލެނިވެރިނާއި ގާޒީ ސްކޫލްގެ 18 ބެލެނިވެރިއަކާއި ރެހެނދި ސްކޫލްގެ 11 ބެލެނިވެރިއަކާއި ބްރައިޓްވޭ ސްކޫލްގެ 14 ބެލެނިވެރިންނާއި ޖަމާލުއްދީން ސްކޫލްގެ ނުވަ ބެލެނިވެރިންގެ އިތުރުން ހަނިމާދޫ ސްކޫލް އާއި ޣޮޔާސުއްދީން ސްކޫލްއާއި ތާޖުއްދީން ސްކޫލް އިން ވެސް ބެލެނިވެރިންތަކެއްގެ ސޮއި ޕެޓިޝަންގައި ވެ އެވެ. އެއީ ރާއްޖޭގެ 17 ސްކޫލަކުން 400 ބެލެނިވެރި އެކެވެ.

އެ ޕެޓިޝާނާ އެއް ގޮތަށް ކަންކަން ހިނގާއިރު ރާއްޖޭގެ މި އަހަރު ވެސް 213 ސްކޫލެއްގައި 73035 ދަރިވަރުން ކިޔަވަ އެވެ. އަދި ޕްރީ ސްކޫލް ތަކާއެކު 317 ސްކޫލެއްގައި ކިޔަވައި ދެއެވެ.


އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވަން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ބަޔަކު ދަނީ ކުރަމުންނެވެ.