އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ޝަކުވާތަކެއް ލިބިފައިވާތީ އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އިސްލާމީކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިޔާޒާ ގުޅޭ ޝަކުވާތަކެއް އެކި ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިތާނު ކުރުމާ ގުޅޭގޮތުން އިޔާޒު ދެއްކެވި ވާހަކަތައް ވެސް ހިމެނޭ ކަމަށާއި އިޔާޒުގެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިޔާޒުއާ ގުޅިގެން ލިބިފައިވާ ޝަކުވާތަކުގެ އިތުރު އެއްވެސް މައުލޫމާތެއް ނުދެ އެވެ.
އަންހެނުން ހިތާނު ކުރަން ހިތްވަރުދޭ ކަމަށް ބުނެ އިޔާޒުގެ މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމު ވެސް ވަނީ މަޖިލީހަށް މައްސަަލައެއް ހުށަހަޅުއްވާފަ އެވެ.
މީކާއިލް މި މަހުގެ 23 ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު، އިޔާޒު ކުރެއްވި ޓުވީޓްގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި ހިންގާ، ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް) އަށް ހިތްވަރު ދީފައިވާ ކަމަށެވެ. އެހެންވެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ މައްސަލަ ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
މީކާއިލްގެ މި މައްސަލައާއި ގުޅިގެން އިޔާޒު ވިދާޅުވީ އޭނާގެ މައްސަލައެއް މަޖިލީހަށް ހުށަހެޅީ ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ. އަދި މީކާއީލްގެ އެ އަމަލު ކުށްވެރިކޮށް އިޔާޒު ވަނީ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީ އަކުން މީކާއީލްގެ މައްސަލަ ބަލައިދިނުމަށް ވެސް ގޮވާލައްވާފަ އެވެ.
އިޔާޒު ވިދާޅުވީ އަންހެނުން ހިތާނުކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށެވެ. އަންހެން ކުދިން ހިތާނު ކުރުން ޕްރޮމޯޓް ކުރުމަށް އޭނާ އެއްވެސް ކަމެއް ނުކުރައްވާ ކަމަށާ އެކަމާ ގުޅޭ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަ ގޮތް އަންގައިދޭ ކަމަށްވެސް ވިދާޅުވި އެވެ.
އިޔާޒް އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި ހިތާނު ކުރުން ވާޖިބީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ހިތާނު ކުރުން ވާޖިބު ނޫން ކަމަށެވެ. ނަމަވެސް ކުރީ ޒަމާނުގައި އަންހެން ކުދިން ހިތާނު ކުރާ ކަމަށް އިލްމީ ދިރާސަތުން ދައްކާ ކަމަށް ތަކުރާރުކޮށް އިޔާޒު ގެންދަވަނީ ވިދާޅުވަމުންނެވެ.
އިޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި ސަރުކާރުގެ ސިޔާސަތުތައް ޕްރޮމޯޓް ކޮށްދެއްވުމުގައި އިސް ދައުރެއް އަދާކުރައްވާ އިލްމުވެރިއެކެވެ. ނަމަވެސް އޭނާ އާއި އެމްޑީޕީގެ އިސް ބޭފުޅުންނާއި ގުޅުން ވަރަށް ގޯހެވެ.