ރައްޔިތުންގެ މަޖިލިސް

ތަޅުމުގައި ޖަލްސާތައް ފަށަން މަޝްވަރާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ތަޅުމުގައި ފަށަން މަޝްވަރާ ފަށައިފި އެވެ.

ކޮވިޑް ފެތުރުން އިތުރު ވުމުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެނެވެ. ނަމަވެސް މާލެ އާއި ރާއްޖޭގެ އެހެން ހިސާބުތަކުގައި ކޮވިޑް ފެތުރޭ މިންވަރު ދަށްވެފައި ވާތީ ސަރުކާރުން އިއްޔެ ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ބައެއް ލުއި ދޭން ފަށައިފަ އެވެ.

މިއަދު މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނަވައިގެން ވިދާޅުވީ ލުއި ދޭން ސަރުކާރުން ނިންމި ނިންމުމާއެކު އަންނަ ހަފުތާގައި މަޖިލިސް ވެސް ތަޅުމުގައި ޖަލްސާތައް ބޭއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ހެލްތު މިނިސްޓަރާ މަޝްވަރާ ކުރަމުން މިދަނީ. އެ ބޭފުޅުންގެ ލަފަޔާއެކު މިކަން ކުރާނީ،" އީވާ ވިދާޅުވި އެވެ.

ތަޅުމުގައި ޖަލްސާތައް އަލުން ފެށި ނަމަވެސް އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް މާސްކު އަޅައި ވީހާވެސް ބޮޑަށް ގައިދުރުކޮށް މަދު މުވައްޒަފުން ނެރެގެން މަޖިލިސް ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

ރޭއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ފެނިގެން ގެނައި ލޮކްޑައުންގައި ވެސް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވި އެވެ.