ދުނިޔެ

ޣައްޒާގައި ތިބި އެމެރިކާ ސިފައިންނަށް ހަމާސްއިން ހަމަލާދޭނެ ކަމަކަށް ނުބެލެވޭ: ޕެންޓަގަން

ޣައްޒާގައި ވަގުތީ ފާލަމެއް އަޅަން ގޮސް ތިބި އެމެރިކާ ސިފައިންނަށް ހަމާސްއިން ހަމަލާދޭން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އަދި ނިޝާނެއް ލިބިވަޑައިގެންފައި ނުވާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެއްޖެ އެވެ.

އެމެރިކާ ސިފައިން ޣައްޒާގެ ބަނދަރު ސަރަހައްދަށް ފައިބާ އުޅުނު ނަމަވެސް އެ ނޫން އެހެން އެއްވެސް ސަރަހައްދަކަށް -- ޣައްޒާ ތެރެއަށް ނުވަންނާނެ ކަމަށް އޮސްޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިޒުރޭލުން ޣައްޒާގައި ހިންގާ އެއްވެސް އޮޕަރޭޝަނެއްގައި އެމެރިކާ ސިފައިން ބައިވެރި ނުވާނެ ކަމަށެވެ.

އޮސްޓިން ހަވާއީގައި ނޫސްވެރިނާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި އޭނާ އަކީ ސިއްރު މައުލޫމާތުތައް ޕޯޑިއަމްގައި ހާމަކުރައްވާ ބޭފުޅެއް ނޫނެވެ. އަދި ލިބިވަޑައިގެންފައި ހުރި އިންޓެލިޖެންސަކީ ވަކި ބަޔަކާ އެކު މަޝްވަރާކުރައްވާ ކަންކަން ކަމަށްވެސް ވިދާޅުވި އެވެ.

ހަމާސްއިން އެމެރިކާ ސިފައިންނަށް ހަމަލާދޭން އުޅޭ ކަމަށް ވާހަކަދެކެވޭ ކަމަށް ނޫސްވެރިޔަކު ސުވާލުކުރުމުން އޮސްޓިން ވިދާޅުވީ އެ ކަމާ ގުޅުހުން ހުރި އިންޓެލިޖެންސް މައުލޫމަތެއް ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އަދި އެމެރިކާ ސިފައިންނަށް ހަމަލާދިނުމަށް ހަމާސްއިން އެއްވެސް ގޮތަކަށް ރޭވުމެއް ރާވާކަންވެސް އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޮސްޓިން ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން މަސައްކަތްތަކެއް ކުރަން ގޮސް ތިބި ޣައްޒާ އަކީ ހަނގުރާމައިގެ މައިދާނެކެވެ. އެހެންކަމުން ކުރިއާލައި ރާވާފައި ނެތް ކަމެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އެމެރިކާ ސިފައިން ޣައްޒާގައި ފާލަމެއް އަޅަނީ ޣައްޒާގެ ރައްޔިތުންނަށްޓަކައި ކަމަށެވެ. މިހެން ކަން އޮތުމުން ހަމާސްއިން އެކަމަށް ހުރަސް ނާޅާނެ ކަަމަށްވެސް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާގެ އަސްކަރިއްޔާ އިން ޣައްޒާގެ ބަނދަރުގައި އަޅަމުން ގެންދާ ވަގުތީ ފާލަމުގެ 50 ޕަސެންޓް އޮތީ ނިމިފަ އެވެ.

ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބަނދަރުގެ މަސައްކަތްތައް މުޅިން ނިންމައި ބޭނުންކުރަން ފަށާނެ ކަމަށްވެސް ޕެންޓަގަނުން ބުނެ އެވެ.