ޖަރުމަނުގައި ހަތިޔާރު އުފައްދާ ކާރުހާނާއެއްގައި ބާރުގަދަ އެއްޗެއް ގޮވައި ގުދަން އިމާރާތެއްގައި ރޯވެއްޖެ އެވެ.
މިއީ ރަޝިއާއާ ދެކޮޅަށް ޔުކްރޭން ލައްވައި ހުޅަނގުން ކުރާ ހަނގުރާމައިގައި ބޭނުންކުރަން ހަތިޔާރު އުފައްދާ ކާރުހާނާއެއް ކަމަށް ޖަރުމަނުގެ ހަބަރުތައް ބުނެ އެވެ.
ބާލިންގެ ފަޔާ ޑިޕާޓްމަޓުން އެކްސްގައި ބުނެފައިވާ ގޮތުން އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް 190 ފަޔާ ފައިޓާރަކު ވަނީ މިސަރަހައްދަށް ފޮނުވާފަ އެވެ. ހުޅުގަނޑު ބޮޑުކަމުން އެ ސަރަހައްދަށް ކައިރި ނުވެވޭ ކަމަށް ފަޔާ ފައިޓާރުން ބުނެ އެވެ.
އޮފިޝަލުން ވިދާޅުވީ ގުދަނުގައި ހުރި ގޮވާ ތަކެތީގެ ސަބަބުން، ގޮވުންތައް ކޮންޓްރޯލް ނުވެ އިތުރުވަމުން އަންނަ ކަމަށެވެ. މި ގުދަނަކ އެކި ބާވަތް ބާވަތުގެ ކެމިކަލް ބަހައްޓާފައި ހުރި ގުދަނެއް ކަމަށްވެ އެވެ.
އަލިފާން ރޯވެ ފަސްގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް އެ ހިސާބަށް ކައިރި ނުވެވޭ ކަމަށް ހަބަރުތައް ބުނެ އެވެ. ފަޔާ ޑިޕާޓްމަންޓުން ބުނި ގޮތުން އެމެޖެންސީ ފައިޓަރުންނަށްވެސް އެއިން ހިސާބަކަށް ވާސިލް ނުވެ ވެއެވެ.
ގުދަނުގައި ހުރި ކެމިކަލްތަކުގެ ތެރޭގައި ސަލްފިއުރިކް އެސިޑާއި ކޮޕާ ސައިނަޑް ހުރި ކަމަށް ހަބަރުތައް ބުނެ އެވެ. އެހެންކަމުން، އެ ސަަރަހައްދުގެ ވައިގެ ފެންވަރު ޓެސްޓްކުރަން މިހާރު ވަނީ ފަށާފަ އެވެ.
ވައިގެ ބޮޑު ސަރަހައްދެއް ވިހަވެއްޖެނަމަ އެ ސަރަހައްދުގައި އުޅޭ އާންމުން އެހެން ތަނަކަށް ގެންދިއުމުގެ ރޭވުމެއް އޮތް ކަމަށް ފަޔާ ޑިޕާޓްމަންޓުން ވަނީ އިއުލާންކޮށްފަ އެވެ.
ގޭގެ ދޮރުތައް ލައްޕައި އާންމުން ބޭރަށް ނުނިކުތުމަށްވެސް ވަނީ އިރުޝާދު ދީފަ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުން ކާރުހާނާ ވަށައިގެން އޮތް ސަރަހައްދުގައި ވައިގެ ނުފާސުކަން ވަނީ ކަށަވަރުކުރެވިފަ އެވެ. ނަމަވެސް އެއަށް ވުރެ ދުރަށް ފޭދިގެން ގޮސްފައި ހުރި ވައިގައި އަދި މާބޮޑު ނުރައްކަލެއް ނެތް ކަމަށް ފަޔާ ޑިޕާޓްމަންޓުން ބުންޏެވެ.