މުހައްމަދު މަބްރޫކް އަޒީޒް

ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު އަދި ހަަމަނުޖެހޭ: މަބްރޫކް

އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސަން ދެ ބިލެއް ފާސްކޮށް އެ އިސްލާހުތައް ތަސްދީގުކުރި ނަމަވެސް އެ ދެބޭފުޅުން ދިރިއުޅުއްވާނެ ގެއެއް އަދި ހަމަޖެހިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އުއްތަމަ ފަޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނަކާއި އެބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި އެ ދެ ގާނޫނަށް ގެނައި އިސްލާހުތައް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތަސްދީގުކުރައްވާފަ އެވެ.

ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަދު އަވަސް އަށް ވިދާޅުވީ އުއްތަމު ފަނޑިޔާރަށާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން އަދި މުޅިން ނުނިމޭ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް މަބްރޫކް ނުދެއްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ.

މި ދެ ބިލްގެ ބަހުސްގައި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އަލުން ރިޔާސީ ގަނޑުވަރަކަށް ބަދަލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެތަނަށް ބަދަލުކުރުމަށްވެސް ހުށަހަޅުއްވާފަ އެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.