ޕާލިމެންޓް އިންކުއަރީ

އިންކުއަރީ ރިޕޯޓް އަދި ލިބިފައެއް ނުވޭ: މަބްރޫކް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި މަޖިލީހުން ތައްޔާރުކޮށްފައިވާ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަދި ލިބިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓް ރައީސް އަށް ލިބިފައިވޭތޯ އަވަސް އިން މިއަދު ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މަޖިލީހުން ފޮނުވަން ބުނި "އަން ސެންސާޑް" ރިޕޯޓް އަދި ރައީސް އަށް ލިބިފައި ނުވާ ކަމަށެވެ.

"ދެން އަޅުގަނޑަށް ހީވަނީ ވީކެންޑް ތެރެވީމާ ރަސްމީ ކޮށް އެ ރިޕޯޓް އަދި ނުފޮނުވެނީހެން،" ތަރުޖަމާން ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ އިންކުއަރީ ރިޕޯޓް ރަސްމީކޮށް ލިބިފައި ނުވި ނަމަވެސް މަޖިލީހުގެ ވެބްސައިޓްގައި ކަމާ ގުޅޭ ރިޕޯޓެއް އާންމުކޮށްފައިވާތީ އެ ރިޕޯޓް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ. ރިޕޯޓްގައި ބުނާ ކަންކަމަށް ފިޔަވަޅު އެޅުއްވުމާ ގުޅޭ ގޮތުން މަބްރޫކް ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓް އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސެނިކޮށެވެ. އާންމުކޮށްފައިވާ ރިޕޯޓްގައި ވަނީ ބައެއް ބައިތައް ކަނޑާލާފަ އެވެ. ނަމަވެސް ސެންސަރު ނުކުރާ ނުވަތަ އެއްވެސް ބައެއް ނުކަނޑާ އޮތް ފުރިހަމަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާ އަށާއި، މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ފޮނުވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓް ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ނުވާތީ އެ ރިޕޯޓް ކަމާ ގުޅޭ ބޭފުޅުންނަށް ފޮނުވާނެ ދުވަހެއް އޮޅުންފިލުވުމަށް މަޖިލީހުގެ ކަމާ ގުޅޭ ބޭފުޅުންނަށް އަވަސް އިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މަޖިލީހުގެ ބަހެއް ލިބޭ ގޮތް ވަނީ ބުނެފަ އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން 271 ސަފްހާގެ މި ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަކޮށްފައިވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައިވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި 29 ހުށަހެޅުމެއްވެ އެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު މިބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި ވަނީ 10 ހުށަހެޅުމެކެވެ.