ޕާލިމެންޓް އިންކުއަރީ

އިންކުއަރީ ރިޕޯޓްގެ ހުށަހެޅުންތަކަށް އަމަލުކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭގޮތުން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު އެކުލަވާލި ރިޕޯޓްގައި ފާހަގަކޮށްފައިވާ ހުށަހެޅުންތަކަށް އަމަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނޫސވްވެރިންނާ މިއަދު ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އިންކުއަރީ ރިޕޯޓްގެ ހޯދުންތައް ވަރަށް ފުރިހަމަ ކަމަށާއި އަދި ސަރުކާރުން ކުރަންޖެހޭ ކަމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އަމަލުކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެެވެ.

ރައީސް ވިދާޅުވީ އިންކުއަރީ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅަށް އެރުމާއެކު ނެޝެނަލެ ސެކިއުރިޓީ ކައުންސިލްގެ ބޭފުޅުން އެއްކުރައްވާ އިންކުއަރީ ރިޕޯޓުގެ ހުށަހެޅުންތަކަށް އަމަލުކުރުމުގެ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"ހުށަހަޅާފައި އެ ދިރާސާ ކުރުމަށްޓަކައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ފޮނުވީ އެންއެސްއޭ އޮފީހަށް. އެންއެސްއޭ އޮފީހުން މިހާރު އެ މަސައްކަތް ކުރަމުން އެބަގެންދޭ. މިއީ މަލްޓި އޭޖެންސީ ޓާސްކްތަކެއް ހިމެނޭ ކަމަކަށް ވާތީ މީގެ އެކި އިދާރާތަކުން ވަނީ އެ ކަންތައްތައް ދެނެގަނެ އެ ކަންތައްތައް ކުރުމުގެ ތާވަލެއް އެކުލަވާލައި މަސައްކަތް އެބަ ކުރިއަށްދޭ. އަދި މާދަމާ އޮންނަ ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް އޭގެ ބައެއް ކަންތައްތައް ހުށަހަޅައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

އިންކުއަރީ ރިޕޯޓާ ގުޅިގެން އިންޓެލިޖެންސް އޮޑިޓެއް ވެސް ހެދިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެ އޮޑިޓަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އިންޓެލިޖެންސް ބަދަލުކުރުމުގައި މުއައްސަސާތަކުގައި މައްސަލަަތަކެއް އެބަހުރި ކަމަށެވެ. ހާއްސަކޮށް އެމްއެންޑީއެފް އާއި ފުލުހުންނާއި ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް (އެފްއައިޔޫ) އަދި ކަސްޓަމްސް ފަދަ މުއައްސަސާތަކުގެ ނަން ރައީސް ފާހަގަކުރެއްވި އެވެ.

"...މި އެންމެން އެކީ އެއް ތަނެއްގައި ތިބެ މައުލޫމާތު ހިއްސާ ކުރެވޭނެ ގޮތްތައްކެއް އަޅުގަނޑުމެން މިހާރު ވަނީ ރާވާފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އިންކުއަރީ ރިޕޯޓްގައި ހުރި ކަންކަމަށް ފިޔަވަޅު ނާޅާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އިންކުއަރީ ކުރިއަށް ގެންދިޔަ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އިންކުއަރީ ރިޕޯޓުގައިވާ ހުށަހެޅުންތަކަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން 271 ސަފްހާގެ މި ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަކޮށްފައިވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައިވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި 29 ހުށަހެޅުމެއްވެ އެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު މިބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި ވަނީ 10 ހުށަހެޅުމެކެވެ.