މުހައްމަދު މަބްރޫކް އަޒީޒް

ހެއްކާ ބެހޭ ބިލު މި ހަފްތާ މަޖިލީހަށް ފޮނުވަނީ

ހެއްކާ ބެހޭ ބިލު މި ހަފުތާގެ ތެރޭ ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރައާތުގެ ގާނޫނާއި ގާނޫނުލް އުގޫބާތު ފުރިހަމަ ވާނީ ޒަމާނީ ހެއްކާބެހޭ ގާނޫނެއް ވުޖޫދަށް އައިސްގެން ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. އެހެން ކަމުން މި ހަފުތާގެ ތެރޭގައި އެ ބިލް މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ހެއްކާބެހޭ ގާނޫނަކީ 1976 ވަނަ އަހަރު ފާސްކޮށްފައިވާ ހަތް މާއްދާގެ މައްޗަށް އެކުލެވޭ ގާނޫނެކެވެ. އެހެންކަމުން ހެއްކާބެހޭ ޒަމާނީ ގާނޫނެއްގެ މުހިއްމު ކަން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ފަނޑިޔާރުން ވެސް ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ.

ސަރުކާރުން ޑްރާފްޓް ކޮށްފައިވާ ހެއްކާބެހޭ ބިލާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ އެ ބިލުން ހެކި ހޯދާނެ ގޮތާއި ހެކި ބޭނުން ކުރާނެ ގޮތާއި އަދި ހެކި ބޭނުން ކޮށްގެން މައްސަލަތައް ސާބިތު ކުރާނެ ގޮތް ބަޔާން ކޮށްފައިވާނެ ކަމަށެވެ. އެ ބިލްގައި ހެކިދޭ މީހުންނަށް ރައްކާތެރިކަން ދޭނެ ގޮތްތައް ވެސް ކަނޑައަޅާފައިވެ އެވެ.

"މީގެ ސަބަބުން ހެކި ހޯދައި ގޮތާއި ހެކި ބޭނުންކުރާ ގޮތާއި އަދި ބާޑަން އޮފް ޕްރޫފް، ހެކި ބޭނުން ކޮށްގެން ކަމެއް ސާބިތު ކޮށްދޭ ގޮތް ސާފުކޮށް ކަނޑައެޅިގެން ދާނެ ބިލެއް މިބިލަކީ،" މަބްރޫކް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކުރާ ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ އެ ބިލަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް އިތުރަށް ފުރިހަމަ ކޮށްދޭނެ ބިލެއް ކަމަށެވެ. އެ ބިލް ފާސް ވުމުން ފަޅު ރަށްތަކާއި މެދު ކައުންސިލްތަކުން ބޭނުންވާ ގޮތަކަށް އަމަލު ކުރުމަށް ކައުންސިލްތަަކަށް މުހިއްމު ބާރުތަކެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ފުޑް ސޭފްޓީގެ ބިލާއި އިލެކްޓްރޯނިކް ޓްރާންސެކްޝަންގެ ބިލް އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފޮނުވާފައިވާތީ އެ ދެ ބިލް ވެސް ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅި ގޮތްތަކެއް ނިމިގެން ދާނެ ކަމުގައި ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ މި ދައުރަށް ފޮނުވަން ބޭނުންވާ ބިލްތަކެއްގެ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި މިވަނީ މަޖިލީހުގެ ތަޅުމުގައި މިވަގުތު ކުރާނެ މާބޮޑު ބަހުސެއް ނެތް ކަަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މިމަހުގެ 17 ވަނަ ދުވަހު އޮތް މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.