ހަބަރު

ގާނޫނަށް ބަދަލުގެނައުމާއެކު އެންޑީއޭ އިސްލާހުކުރަން ގިނަ ފިޔަވަޅުތަކެއް

ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިސްލާހުކޮށް ހިންގުން ހަރުދަނާކުރުމަށްޓަކައި، ގާނޫނު ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ދެހާސްއެގާރަ ވަނަ އަހަރު ވުޖޫދުވި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އުފެދުނު އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިދާރާ އެވެ.

އަންހެނުންނަށާއި ކުޑަކުދިންނަށް ހާއްސަ ޑިޓޮކްސް ސެންޓަރާއި ރިމާންޑު ސެންޓަރެއް އުފައްދަންޖެހޭކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އަދި މިހާތަނަށް އެފަދަ މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.

އަދި މަސްތުވާތަކެތީގެ ވަބާގައިޖެހިފައި ތިބި އެތައް ބަޔަކަށް ފަރުވާނުދެވި ކަންކަން ބޮންސުއްލައިގެން ގޮސްފައިވާކަމަށް ބުނެ، އެންޑީއޭ އިސްލާހުކުރުމަށް ގޮވާލައި ދާދި ފަހުން ބަޔަކު ވަނީ މާލޭގައި މުޒާހަރާ ވެސްކޮށްފަ އެވެ.

ނުސީދާކޮށް ޖެންޑާ މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ނަމަވެސް، އެންޑީއޭ މަސައްކަތް ކުރަނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އެވެ.

އެ އޭޖެންސީއާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކުގެ އަޑުތައް ގަދަވެފައިވަނިކޮށް، އެކަމާ ގުޅޭގޮތުން އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގާނޫނަށް ބަދަލެއް ގެނެސްގެން އެންޑީއޭގެ ހިންގުން ހަރުދަނާކުރަން ނިންމަވައިފި ކަމަށެވެ.

މިގޮތުން، އެންޑީއޭ އަށް އިސްލާހުގެނައުމަށްޓަކައި ކުރިމަތިވެފައިވާ ގާނޫނީ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ގާނޫނީ ބަދަލުތައް ގެނައުމަށް ބަންޑާރަ ނައިބާއެކު މިހާރު ރައީސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމާއެކު ގާނޫނަށް ގެންނަ ބަދަލު ސަރުކާރުން ހުށަހަޅާނެ،" މަބުރޫކު ވިދާޅުވި އެވެ.

ނަމަވެސް، އެކަމަށްޓަކައި ސަރުކާރުން ހުށަހަޅަނީ މިހާރު އޮތް ގާނޫނަށް އިސްލާހެއްތޯ ނުވަތަ އާ ގާނޫނެއް ކަމެއް މަބުރޫކު ވިދާޅެއްނުވެ އެވެ.

އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ އަލުން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކަމަށެވެ.

ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުތަކެއް ގާއިމުކުރުމަށް ގާނޫނުން ލާޒިމުކޮށްފައިވީ ނަމަވެސް، އެކަން މިހާތަނަށް ވެފައިނުވާކަން ފާހަގަކުރައްވަމުން، މަބްރޫކު ވަނީ އެކަމުގެ ގިނަ މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވައިފަ އެވެ.

މިގޮތުން، ކ. ހިންމަފުށި ގައި ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރެއްގެ އިތުރުން، ކ. ހުރާގައި ދާއިމީ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ޕްލޭންކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންކަމުގެ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކާއެކު ދަނީ ކުރެވެމުން،" މަބުރޫކު ވިދާޅުވި އެވެ.

އޭގެ އިތުރުން، ހުޅުމާލޭގައި އެންޑީއޭގެ ވެލްނަސް މަރުކަޒެއްގެ އިތުރުން ލ.ކަޅައިދޫ ގައި ސްކިލްސް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރުމަށްވެސް ވަނީ ރޭވިފަ އެވެ.

އަދި މަރުކަޒީ ފަރުވާ ނިންމާ މުޖުތަމުއާ ގުޅުމަށްޓަކައި ކޮމިއުނިޓީ ފަރުވާއަށް އައުމުގެ ކުރިން މުޖުތަމަޢުގެ ހާލަތު ވަޒަންކޮށް ފަރުވާ ހޯދާފަރާތަށް މުޖުތަމައު ދަސްކޮށްދިނުމުގެ ފަރުވާދޭން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހާފްވޭ ހައުސް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް މަބުރޫކު ވިދާޅުވި އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ދޮރުތައް ބަންދުކުރުމަށްޓަކައި ފުލުހުން އިސްވެ ބޮޑެތި އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. މިގޮތުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ދުއިސައްތައަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި 800 އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އަދި މާލޭގައި މަސްތުވާތަކެތީގެ ހިދުމަތް ކެފޭ އުސޫލުން ދެމުން އަންނަ ތަންތަނަށް އަމާޒުކޮށް ދާދިފަހުން އޮޕަރޭޝަންތަކެއް ހިންގައި، އޭގެ ތެރެއިން ބައެއް ތަންތަން ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމި އެ އޮޕަރޭޝަން ކުއްލި ގޮތަކަށް ހުއްޓާލަން ޖެހުނީ ފުލުހަށް "ނުފޫޒު" ތަކެއް ކުރިމަތި ވެގެންނެވެ.