ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ނިންމައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ނެޝަނަލް ޑްރަގް އެންފޯސްމެންޓް އެޖެންސީ(އެންޑީއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށް ދިރާސާއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ދުވަހު މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅެފައި ތިބި މީހުން ދެނެގަތުމަށް ފުލުހުންނާއެކު މިހާރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
"މިދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް [ޔޫއެންއޯޑީސީ[އާ އެކުވެސް މިދަނީ މަޝްވަރާ ކުރަމުން،" ލުބުނާ ވިދާޅުވި އެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ މުޅިރާއްޖެއަށް އަމާޒުކޮށްގެން މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ނެޝަނަލް ޑްރަގު ކައުންސިލުން އެންޑީއޭއާ ހަވާލުކޮށްފައިވާ ކަމަށެވެ،
"އެހެންވެ މިކަމަށް އިސްކަމެއް ދީގެން މިކަން ކުރިއަށް ގެންދާނެ،" ރާޝިދު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރަށަކުންވެސް މަސްތުވާތަކެތީގެ މައްސަލަތައް ހުށަހަޅާ ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ދަނީ ބުނަމުންނެވެ. އެކަމަކު ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް އެންމެ ފަހުން ދިރާސާއެއް ހަދާފައިވަނީ 2012 ވަނަ އަހަރު އެވެ.