މަސްތުވާތަކެތި

"ޑުރަގް ކެފޭ"ތަކަށްދާ 1118 ދިވެހިން

މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ 1118 ދިވެހީން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ. ފުލުހުން މި މައުލޫމާތު ހިއްސާކޮށްފައިވަނީ ނޫސްވެރިންނާއެކު މިއަދު ބޭއްވި ހާއްސަ ބައްދަލު ވުމެއްގައެވެ.

ފުލުހުން ބުނީ މި މީހުންގެ ތެރެއިން 305 މީހުންނަކީ ޑުރަގް ފަރުވާއިން ވަކި ކޮށްފައިވާ މީހުން ކަަމަށެވެ. އަދި 141 މީހަކީ ދެވަނަ ހުކުމެއް ކޮށްފައިވާ މީހުން ކަމަށެވެ. މައްސަލަ އަނބުރާ ފޮނުވާލާފައިވާ 101 މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ.

އަދި ޑްރަގް ކެފޭތަކަށްދާ މީހުންގެ ތެރެއިން 217 މީހަކީ ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް ކޯޓްތަކުން އަމުރު ކޮށްފައިވާ މީހުންނެވެ.

މި މީސްމީހުން ނިސްބަތްވާ ރަށްރަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެންމެ ގިނައީ މާލެއަށް ނިސްބަތްވާ މީހުންނެވެ. އަދި ޑްރަގް ކެފޭތަކަށްދާ އަންހެނުންގެ ނިސްބަތްވާއި ފިރިހެނުންގެ ނިސްބަތްވެސް ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ 2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ޑްރަގް ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި 146 ބިދޭސީއަކު ބައިވެރިވެފައިވާ ކަމަށެވެ.

އަދި މިދިޔަ ތިން އަހަރުތެރޭގައި މަސްތުވާތަކެތި ދިރުވާލައިގެންނާއި އެ ނޫން ގޮތްގޮތަށް އެތެރެކުރަން އުޅުނު 28 މައްސަލައެއްގައި 41 ބިދޭސީއަކު ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެެނެނީ ބްރެޒިލްގެ 10 މީހަކާއި ޕާކިސްތާނުގެ ނުވަ މީހަކާއި ބަންގާޅުގެ ހަތް މީހަކާއި އިންޑިއާގެ ފަސް މީހަކާއި ސްރީލަންކާ އާއި އޮސްޓްރިއާ އާއި ކޮސްޓަރިކާ އާއި އިކްއެޑޯ އާއި ކެންޔާ އާއި ލެތްވިއާ އާއި ސިންގޫރު އަދި ތައިލެންޑް މީހަކާއި ޔޫކޭ މީހެކެވެ.

2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ބަނގުރާ ވިއްކާ ވިޔަފާރި ކުރުމުގައި 525 ބިދޭސީން ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާލޭގައި ހިންގާ ހުރިހާ "ޑްރަގް ކެފޭ" ތައް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އެންމެ ފަހު ތިން ތަން ބަންދު ކުރީ ރޭގެ ވަގުތެއްގައެވެ. އެ ތަންތަން ހިންގާ ގެތަކުގެ ނަންތަކާއެކު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ތިން ގެ އަކީ މ. ސައްމާމުއާގެ، މއ. ސެވަންއެންޑްހައުސް އަދި މ. ދެރަހާ އެވެ. މި ތިން ތަން ބަންދުކުރާއިރަށް ފަޅާލައި އަލުން އެކްޓިވް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ކުރީން ބަންދުކުރި 12 ތަނެއް އަލުން ހުޅުވާ ހިދުމަތް ދޭން ފެށުމުން އެ ތަންތަންވެސް ފުލުހުން ބަންދުކޮށްފައިވާ ކަމަށެވެ.