މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަކޮށްގެން ފަރުވާ ދިނުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ މި އޮޕަރޭޝަން ފަށާފައިވަނީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެންނެވެ.

އެންޑީއޭއާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ނާހިދު ހުސައިން ވިދާޅުވީ މަސްތުވާކެއްޗާ ބެހޭ ގާނޫނުގެ މީގެ ކުރިން އެއްވެސް ވަރަކަށް ބޭނުންނުކުރާ މާއްދާއެއް ކަމަށްވާ 103 ވަނަ މާއްދާގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާދޭންޖެހޭ ކަމަށް ފުލުހުންނަށް ފެންނަ މީހުންނަށް ފަރުވާދިނުމުގެ ބާރު ލިބިދެ އެވެ.

އެގޮތުން ނާހިދު ވިދާޅުވީ މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުންނަށް ފާހަގަވާ މަސްތުވާތަކެތީގެ ފަރުވާދޭންޖެހޭ މީހުން ރިމާންޑް ސެންޓަރަށް ގެންދާނެ ކަމަށެވެ. މިމަހުގެ ނުވަވަނަ ދުވަހު އޮޕަރޭޝަން ފެށުމަށްފަހު މިހާތަނަށް ރިމާންޑް ސެންޓަރަށް 14 މީހަކު ގެންގޮސްފައިވެ އެވެ.

ނާހިދު ވިދާޅުވީ ރިމާންޑް ސެންޓަރަށް ގެންދާ މީހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ސަލާންޖަހާ މީހުންނާއި، ކުށްކުރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މިސްކިތްތަކުގައި ނިދާއުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އިތުރުން މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި އުޅޭ މީހުން ހިމެނޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވީ ޑްރަގް އޮފެންޑާ ރިމާންށް ސެންޓަރުތަކުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ރިމާންޑް ސެންތަރުތައް މިހާރު ގާއިމުކޮށްފައިވަނީ ކ. ހިންމަފުއްޓާއި ކ. ހުޅުމާލޭގަ އެވެ.