މަސްތުވާތަކެތި

ތިން އަހަރުން ތިން ޓަނުގެ ޑްރަގު، މަގުމަތީ އަގު 1.5 ބިލިއަން

މި ސަރުކާރުގެ ވޭތިވެދިޔަ ތިން އަހަރުތެރޭ ތިން ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާ ޑްރަގާ ދެކޮޅަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރެވުނީ މި މުއްދަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އައު ދައުރަށް މަޖިލީސް ހުޅުވުމުގެ ގޮތުން މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން ޑްރަގްގެ މައްސަލަ އިތުރަށް ގޯސްވި ކަމަށެވެ. މަސްތުވާ ތަކެއްޗަކީ އޭގާ ވަރަށް ބޮޑު ފަހަތެއް އޮންނަ އިންތިޒާމްވެ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ބޮޑު ވިޔަފާރި އެއް ކަމަށާ އެދޮރުތައް ބަންދުކޮށް އެވިޔަފާރި ހުއްޓުވުމަކީ އިންތިހާ އަށް ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ.

"... އެހެން ނަމަވެސް ދޫވެފާ ހުރި ގޮށްތައް ބާރުކޮށް ހުޅުވާ ދޮރުތައް ބަންދުކޮށް އެމީހުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނަން. ކަމާބެހޭ ޓާސްކް ފޯސް އެކުލަވާލެވި ކުރަން ޖެހޭކަންކަން ސަރުކާރުން މި ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މި ގެނައި
ބަދަލުގެ ހެޔޮ ނަތީޖާ ފެންނާނެ،" ޑްރަގް ހުއްޓުވަން ދައުލަތުގެ ވެރީން ހިމެނޭހެން އެކުލަވާލި ޓާސްކު ފޯހަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުގައި ޖެހިފައިވާ މީހުން އެ ބަވާއިން ސަލާމަތް ކުރުމަށް ހަދަމުންދާ ހުޅުމާލޭ ހާފްވޭ ހައުސްގެ އުމްރާނީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާ އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށެވެ. އެކަންކަން ފުރިހަމަ ވުމުން މަގުމަތިވެފައިވާ މީހުންގެ މައްސަލަތަކަށް ލުއި ލިބެން ފަށާނެ ކަމަށާ މަސްތުވުމާ ފޯރުކޮށްދިނުމުގެ ކުށުގާ ހައްޔަރު ކުރެވޭ މީހުންގެ ފަރުވާގެ ރިމާންޑް ސެންޓަރެއް ގުޅީފަޅުގާ ހަދަމުންދާއިރު ޑްރަގާ ގުޅުންހުރި ކުށްތަކާ ފަރުވާ ބޭނުންވާ މީހުން ގިނަކަން ފާހަގަކުރެވޭ ސަރަހައްދުތަކުގާ ފަރުވާގެ މަރުކަޒުތަށް ވަނީ އަލުން ފެށިފައިވާ ކަމަށެވެ.

އަދި ރަށު ކައުންސިލް އާ ސިއްހީ މަރުކަޒުގެ ބެލުމުގެ ދަށުން ރަށުގާ ހުރެގެން ފަރުވާ ހޯދޭނެ ބަދަލެއްވެސް މި އަހަރު އޭޕްރީލްގެ ކުރިން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގާ އެމަނިކުފާނު ފާހަގަކުރި ޑްރަގާ ގުޅޭ ޒަމާނީ ފެންވަރުގެ މަރުކަޒު ހުޅުމީދޫ ގައި ނިންމާފައިވާ ކަމަށެވެ. އަދި 60 މީހުންގެ ޖާގައިގެ މި މަރުކަޒުން ފަރުވާ ފަށައިގަތުމުގެ ފަހުގެ ތައްޔާރީތަށް މިހާރު ހިނގަމުންދާ ކަމަށެވެ. އަދި ޖަލުގައި ބަންދު ކުރެވިފައިވާ ގައިދީން ނަށް އަމާޒުކުރެވޭ މުޅިން އާ ރީހެބިލިޓޭޝަން ޕްރޮގްރާމެއް މި މަހު ފެށޭނެ ކަމަށްވެސް ރައީސް އިއުލާނު ކުރެއްވިއެެވެ.

މަސްތުވާ ތަކެއްޗާ ދެކޮޅަށް ރާއްޖޭގެ ފުލުހުންނާއި ކަސްޓަމްސް އަދި ކަމާގުޅޭ މުއައްސަސާ ތަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މިދިޔަ ތިން އަހަރު ކަން ފާހަގަކުރައްވާ އެކަމުގެ ތަފްސީލުވެސް ރައީސް ދެއްވިއެވެ.

".. ތަފާތު 330 އޮޕަރޭޝަނަކުން ޖުމްލަ 3.1 ޓަނަށްވުރެ ގިނަ ޑްރަގް ވަނީ އަތުލާ ގަނެފައި. މި ތަކެތީގެ މަގުމަތީ އަގު 1.2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ،" ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.