ކަނޑުގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި އަތުލެވުނު ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.534 ކިލޯ ގްރާމް ހުއްޓެވެ.
މިތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ކަނޑުގެމަގުން ރާއްޖެ އައި ޝިޕްމެންޓެއް ބަލައި ފާސްކުރުމަށް މިއަދު ފަތިހު ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކަސްޓަމްސް އިން ބުނީ އަތުލެވުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު 1086 ގްރާމް ކެޓަމިން، 2138 ގްރާމް މެތަމްފެޓަމިން އަދި 310 ގްރާމް ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެ އެވެ.