ރާއްޖެެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ މެލޭޝިއާ މީހާއަކީ އިނގިރޭސިވިލާތަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހެއް ކަމަށް ފުލުހުން ބުނެފ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް އަދި ސުޕްރިޑެންޓެޑް އޮފް ޕޮލިސް ނިހާދު ހުސައިން ވިދާޅުވީ މިމައްސަލައިގައި މެލޭޝިއާގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އެން ޖީ ތަމް ލިޕް (44 އ) އާއި، ކޯ ހުއާން ބޫން (41 އ) އެވެ.
މި ދެ މީހުންގެ ތެރެއިން އެން ޖީ ތަމް ލިޕް އަކީ މިދިޔަ ޖުލައި މަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މީހާ އެވެ. ހުއާން ބޫން އަކީ ތަމް ލިޕް ރާއްޖެ އައުމުގެ އެއް ދުވަސް ކުރި ރާއްޖެ އައި މީހެކެވެ. ހުއާން ބޫންގެ މައިގަނޑު މަސައްކަތަކަށް ވެފައި އޮތީ ތަމް ލިޕް ރާއްޖެ ގެނައި މަސްތުވާތަކެއްޗާ ހަވާލުވުމަށްފަހު އެ ތަކެތި ރާއްޖެއިން ބޭރުކުރުމެވެ.
މީގެއިތުރުން ތަމް ލިޕް ރާއްޖެ އައިސް ހުއާން ބޫންއާ އެކު މާލޭގެ ހޮޓަލެއްގައި ހުރުމަށް ހުއާން ބޫން ވަނީ ރިޒަވޭޝަން ހަދައިދީފައިވެ އެވެ.
ނިހާދު ހުސައިން ވިދާޅުވީ އެން ޖީ ތަމް ލިޕް ބެންކޮކުން ފުރައިގެން ދުބާއީ މަގުން ރާއްޖެ އައީ އެމިރޭޓްސްގެ ފްލައިޓެއްގައި ކަމަށެވެ. އެން ޖީ ތަމް ލިޕް އާއި، ކޯ ހުއާން ބޫން ހިމެނޭހެން ހަތް މީހުންގެ ވީޗެޓް ގްރޫޕެއް ހަދައި މުއާމަލާތުކޮށްފައިވާ ކަން މައްސަލައިގެ ތަހުގީގުން އެނގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ނިހާދު ވިދާޅުވީ ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީވެސް އެކި ގައުމުތަކަށް މަސްތުވާތަކެތި ގެންދިއުމުގައި އިސް ދައުރެއް އަދާ ކުރާ ދެ މީހުން ކަމަށެވެ. އެހެންވެ މިމައްސަލައާ ގުޅުންހުރި މީހުން ނިސްބަތްވާ ގައުމުތަކުގެ ފުލުހުންނާއި އިންޓަޕޯލްއާ ހިއްސާކުރަންޖެހޭ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މީގެކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު އެން ޖީ ތަމް ލިޕް ރާއްޖެ ގެނައި ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު 13.5 ކިލޯގެ ކެނަބިސް ފެނިފައިވެ އެވެ. އަދި އެން ޖީ ތަމް ލިޕް ވަނީ އޭނާގެ ދަތުރު ރޭވިފައި އޮތް ގޮތް އޮޅުވާލުމުގެ ގޮތުން ފޭކް ޓިކެޓެއް ހަދާފައި ކަސްޓަމްސް އިން ކުރިން ބުނެފައިވެ އެވެ.