ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި އޭގެ ބޭނުންކުރުން ކަންބޮޑުވާ ދަރަޖައަށް ފުޅާކޮށްފައިވީ ނަމަވެސް މައްސަލަ ހައްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ލިބުމުގައި ބޮޑެތި ދަތިތައް ހުރި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 132 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ގައުމުތަކުގައި ހިނގާ ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަމުގެ އަސަރު ރާއްޖެއަށް ކުރާނެކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ގޮތްތައް މުޅި ދުނިޔެއަށް ފުޅާކޮށްފައިވަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށާއި ރާއްޖެއަށް ވެސް އެންމެ ބޮޑީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުކުރަން ކަމާ ގުޅޭ އިދާރާތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ އަދި ޓްރާންސިޓް ކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ބޭނުންވާ ކަމާ ގުޅޭ ވަސީލަތްތައް ނުލިބި އެފަދަ ތަކެތި އެތެރެކުރުން ހުއްޓުވުމާއި އަތުލައިގަތުމުގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. ކަސްޓަމްސްގެ ޒިންމާގައިވާ މަސައްކަތްތަކުގެ ތެރެއިން އެ އިދާރާއަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތި އަތުލައިގަތުމުގައި ހުރި ގޮންޖެހުންތައް ކަމުގައި ވިދާޅުވި އެވެ. ކަސްޓަމްސް އަށް ހުރި ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ކަސްޓަމްސްގެ ސަރަހައްދީ އޮފީސްތަކަށް ބޭނުންވާ ވަސީލަތްތައް މިއަހަރު ހޯދައިދިނުމާ އެކު އިންސާނީ ވަސީލަތްތައް ހަމަޖައްސައިދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެއަށް އެތެރެކޮށް ބޭރުކުރާ ކޮންމެ އެއްޗެއްގެ ފާރަވެރިޔަކީ ކަސްޓަމްސް ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމުގައި ކަސްޓަމްސްގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް މަސްތުވާތަކެތީގެ މުޅި މައްސަލަ ހައްލުކުރެވޭނީ ހުރިހާ އިދާރާތަކެއް ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. މަސްތުވާތަކެތީ މައްސަލަތައް ހައްލުކުރުމަށް އަމާޒުކޮށްގެން ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރުމުގެ ގޮތުން ހާއްސަ ބަޖެޓެއް މިދިޔަ އަހަރުގެ ތެރޭގައި ކަމާ ގުޅޭ އިދާރާތަކަށް ހަމަޖައްސަވައި ދެއްވެވި ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމުގައިވެސް ވިދާޅުވި އެވެ.
"މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ނޮވެމްބަރު 2018 އިން ފެށިގެން މިހާތަނަށް 182 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވޭ. މިއީ އޭގެ ކުރީގެ ފަސް އަހަރާ އަޅައިބަލާއިރު 32 އިންސައްތައަށް ވުރެ އިތުރު އަދަދެއް" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ގައުމަކަށް ވާތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތައް ބަލައި މޮނިޓާކުރުން މިހާރަށް ވުރެ ހަރުދަނާކޮށް އެކަމުގައި އުޅޭ މުވައްޒަފުންގެ ގާބިލްކަން އިތުރުކުރަން ޖެހޭ ކަމަށެވެ. ގާބިލްކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމުން ޓެރަރިޒަމާއި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތް ވަރުގަދަވެގެން ދަނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ވަރުގަދަކޮށް، ޖިނާއީ ބޮޑެތި ކުށްތަކާއި ޖަރީމާތައް ހުއްޓުވުމަށް ކަސްޓަމްސްގެ ތެރެއިން އެޅެން ހުރި ފިިޔަވަޅުތައް އަޅައި އެ މަސައްކަތް ކޮށްދިނުމަށް ކަސްޓަމްސްގެ އޮފިސަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.