މޯލްޑިވްސް ޕޮލިސް ސާވިސް

12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރި 12.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މެލޭޝިއާ މީހެއްގެ އަތުން އަތުލައިގެންފި އެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޮނިހިރު ދުވަހު އަތުލައިގެންފައިވަނީ ހަތަރު ގައުމެއްގެ މީހުން އެއްވެގެން މެލޭޝިއާގެ ރައްޔިތަކު ލައްވައި ރާއްޖެއަށް ފޮނުވި 15.38 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް މުހައްމަދު އަފްޒަލް ވިދާޅުވީ މިއީ މެލޭޝިއާ މީހަކު މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރުމުގެ ތެރެއިން އަތުލައިގެން ފުރަތަމަ ފަހަރު ކަމަށެވެ.

ފުލުހުން ވަނީ މި މައްސަލަ އާއި ގުޅިގެން މެލޭޝިއާގެ 41 އަހަރުގެ އިތުރު ފިރެހެނަކު ވެސް ފަހުން ހައްޔަރުކޮށްފައިވެ އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ވަނީ މި މީހުންގެ ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ.

މިއީ އަހަރުގެ މިހާތަނަށް އަތުލައިގެން މަސްތުވާތަކެތީގެ ތެރެއިން ބަރުދަނުގެ ގޮތުން އެންމެ ބޮޑު އަދަދެއްގެ މަސްތުވާތަކެއްޗެވެ.

އަފްޒަލް ވިދާޅުވީ އެމީހާގެ އަތުން ފޭކް ޓިކެޓުތަކެއްވެސް ފެނިފައިވާ ކަމަށާއި އޭނާ ދަތުރުކުރި މަގު ކަސްޓަމްސްއަށް އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

"މީނާ ރާއްޖެ އައިސްފައިވަނީ ބެންކޮކުން ދުބާއީއަށް ގޮސް ދުބާއީން މާލެއަށް،" އަފްޒަލް ވިދާޅުވި އެވެ.

ފުލުހުން ދާދި ފަހުން ވަނީ 2.12 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ޕާކިސްތާން މީހަކުވެސް އަތުލައިގެންފަ އެވެ.