އިމިގްރޭޝަން

ބޮޑު ބަންދެއް އަންނާތީ ޕާސްޕޯޓް އާކުރަން ޖެހޭ މީހުންނަށް ހަނދާންކޮށްދީފި

Jun 30, 2021
4

ކުރިއަށް އޮތީ ބަންދު ދުވަސްތަކެއް ކަމުން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ޕާސްޕޯޓްގައި ހަ މަސްދުވަސް ނެތްނަމަ ޕާސްޕޯޓް އާކުރަން އިމިގްރޭޝަނުން ހަނދާންކޮށްދީފި އެވެ.

އިމިގްރޭޝަނުން މިރޭ ބުނީ ކުރިއަށް އޮތީ ބަންދު ދުވަސްތަކެއް ކަމުން ރާއްޖެއިން ބޭރަށް ދަތުރުކުރަން ރާވާފައިވާ މީހުންގެ ޕާސްޕޯޓުގައި ހަ މަސް ދުވަސް ނެތްނަމަ ޕާސްޕޯޓަށް އެދި ހުށައެޅުމަށް ހަނދާންކޮށްދޭ ކަމަށެވެ. ޕާސްޕޯޓަށް އޮންލައިންކޮށް ހުށައެޅޭނެ ކަމަށްވެސް ބުންޏެވެ.

ޕާސްޕޯޓަށް އެދި ހުށަހަޅާނީ އިމިގްރޭޝަންގެ "އިމުގާ" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

އިމިގްރޭޝަން ވަނީ ސޯޝަލް މީޑިއާގެ އެކައުންޓްތައް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ލިޔެކިޔުންތައް ހުށައަޅާއިރު ސަމާލުވާން ޖެހޭ ކަންކަމާއި ލިޔެކިޔުންތައް ސައްހަ ނޫންނަމަ ނުވަތަ އެ ނޫންވެސް ސަބަބެއް މެދުވެރިވެ ޕާސްޕޯޓް އެޕްލިކޭޝަން "އިންކޮމްޕްލީޓް" ވެއްޖެނަަމަ އަމަލު ކުރާނެ ގޮތާއި އެޕްލިކޭޝަން ސަބްމިޓް ކުރުމަށް އަމަލު ކުރަންވީ ގޮތް ސާފުކޮށް ކިޔައިދީފައެވެ.