ބިދޭސީން

173 ބިދޭސީއަކު ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 173 ބިދޭސީއަކު ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށާއި ބިދޭސީންނާއި ގުޅިގެން ބައެއް ދިވެހިން ހިންގާ ހަށިވިއްކުމުގެ އަމަލުތައް ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށެވެ.

"މިދެންނެވި ދާއިރާތަކުގައި އަޅުގަނޑުމެން ކުރި މަސައްކަތުގައި މިހާތަނަށް 13 އޮޕަރޭޝަނެއް ހިންގާފައިވާނެ،" ނާފިޒު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންތައް ހިމެނޭކަން ނާފިޒު ފާހަގަކުރެއްވި އެވެ.

"އެ ގޮތުން އަޅުގަނޑުމެން 173 މީހަކު މިހާތަނަށް ވާނެ އިމިގްރޭޝަނާ ހަވާލުކޮށްފަ ޑީޕޯޓްކުރުމަށްޓަކައި،" ނާފިޒު ވިދާޅުވި އެވެ.

ބިދޭސީންތަކެއް ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް ގިނަ އަދަދަކަށް ބިދޭސީން އުޅެ އެވެ. ބިދޭސީން ކުށްތަކަށް އަރައިގަތުން އާންމުވެފައިވާއިރު ކުށްކުރުމަށްފަހު ފިލައިގެން އުޅޭ ބިދޭސީންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.